09 ސެޕްޓެމްބަރ 2023 - 13:35

ބ. ތުޅާދޫގައި މީހަކު ވޯޓު ލުމަށް ފަހު، ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގި މައްސަލައެއް ބަލަން ފަށައިފި އެވެ.

މިހާރު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ވޯޓު ލުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި ގަވާއިދާ ހިލާފަށް ފޮޓޯ އާއި ވީޑިއޯ ނަގާ ކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށެވެ.
ހަބީބް ވިދާޅުވީ ތުޅާދޫގައި ވޯޓު ކަރުދާސްކޮޅެއް ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެ، އެ ރަށުގެ ވޯޓު ލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
"ފާހަގަ ޖަހަން ގެންދިޔަ ގަލަމެއްގައި އިން ކެމެރެއާއަކުން ފޮޓޯ ނެގި މައްސަލަ ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބަލައި ވަރަށް އަވަހަށް އެތަނުގައި ވޯޓު ލުން އަލުން ފެށޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި، ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްހަކަން ގެއްލޭ ކަމުގެ ޝަކުވާ ވެސް ލިބެ އެވެ. ލަފާދޭ ކޮމިޓީން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތެއް ބަލައި ހައްލުކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ތަން ބެލުމަކީ ކުށެކެވެ.
"ގާނޫނާއި ގަވައިދާ ހިލާފު އެފަދަ އަމަލުތައް ނުކުރަން އެދެން،" އޭނާ ވިދާޅުވި އެވެ.