11 ޖޫން 2016 - 11:08

ކެނެތު ބްރެނާސް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމް "މާޑާ އޮން ދި އޮރިއެންޓް އެކްސްޕްރެސް" ގެ ބަތަލާގެ ރޯލަށް އެންޖެލީނާ ޖޯލީ އާ ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް ޖޯލީ ގަބޫލްކޮށްފި ނަމަ އޭނާ ފެނިގެން ދާނީ މިސިޒް ހެރިއަޓް ހަބަޑް ކިޔާ ކެރެކްޓާއަކުންނެވެ. މީގެ ޕްރޮޑިއުސަރުންގެ ލިސްޓްގައި މަޝްހޫރު ޑައިރެކްޓަރު ރިޑްލީ ސްކޮޓް ވެސް ހިމެނެ އެވެ.
މިއީ ސިއްރުން ފުރިގެންވާ މަރުގެ ހާދިސާއެއް ދައްކުވައިދޭ "މާޑާ އޮން ދި އޮރިއެންޓް އެކްސްޕްރެސް" ސިނަމާ އަށް އަންނަ ފުރަތަމަ ފަހަރެއް ނޫނެވެ.
ޕެރަމައުންޓުން މި ފިލްމް 1974 ގައި ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިރު 2001 ވަނަ އަހަރު ޓީވީ ފިލްމެއްގެ ގޮތުގައި ވެސް ވަނީ ގެނެސްފަ އެވެ.
ފޮކްސް އިން ގެނެސްދޭ މި ފިލްމުގެ އާ ވާޝަނުން ޖޯލީ އަށް ހުށަހަޅާފައިވާ ރޯލް ކުރީގެ ފިލްމުގައި ކުޅެފައި ވަނީ ލޯރެން ބަކަލް އެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "މާޑާ އޮން ދި އޮރިއެންޓް އެކްސްޕްރެސް" ގެ ސްކްރީންޕްލޭ މި ފަހަރު ލިޔެފައި ވަނީ "ގްރީން ލެންޓާން" ގެ ސްކްރީންޕްލޭ ލިއުނު މައިކަލް ގްރީން އެވެ. މި ވާހަކައަކީ 1934 ވަނަ އަހަރު އަގާތާ ކްރިސްޓީ ލިޔެފައިވާ ވާހަކައެކެވެ.
ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ލަންޑަނާއި މޯލްޓާގަ އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 22، 2017 ގަ އެވެ.
ކެމެރާގެ ކުރިމަތިން މިހާރު ފެނުން ތަންކޮޅެއް މަދުވެފައިވާ ޖޯލީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު އޭނާ ކުޅެ، ޑައިރެކްޓް ކުރި "ބައި ދަ ސީ" އެވެ.
އޭނާ މިހާރު ބޮޑަށް ފޯކަސް ކުރަނީ ވެސް ޑައިރެކްޝަނަށެވެ. ޖޯލީ ވަނީ ދާދި ފަހުން ނެޓްފްލިކްސް އަށް "ފަސްޓް ދޭ ކިލްޑް މައި ފާދާ: އަ ޑޯޓާ އޮފް ކެމްބޯޑިއާ ރިމެމްބާސް" ގެ ނަމުގައި ޑޮކިއުމަންޓްރީއެއް ވެސް ހަދައިފަ އެވެ.