ރަސްދޫގައި މައްސަލަޖެހުނީ ހުއްދަ ބާތިލްކުރި ދެ އޮބްޒާވަރަކު މަރުކަޒުން ނެރުމުން: އީސީ
ރަސްދޫގައި މައްސަލަޖެހުނީ ހުއްދަ ބާތިލްކުރި ދެ އޮބްޒާވަރަކު މަރުކަޒުން ނެރުމުން: އީސީ

އއ. ރަސްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގުމުން ވޯޓުލުން ހުއްޓުމަކަށް އައީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުއްދަ ދީފައި އޮތް ދެ މީހެއްގެ ހުއްދަ ބާތިލްކޮށްފައި އޮތުމުން އެ މީހުން އެތަނުން ނެރުމުން ކަމަށް އީސީން ބުނެފި އެވެ.

އެ ރަށުގައި ވެސް ހެނދުނު 8 ގައި ވޯޓުލުން ފެށި ނަމަވެސް 10 ޖެހިއިރު ވޯޓުލުން ވަނީ ހުއްޓުވައިފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުން ނެރުނު ދެ މީހުންނަކީ އޮބްޒާވަރުންގެ ގޮތުގައި ހުއްދަ ދީފައި އޮއްވައި، ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި ބައިވެރިވުމުން ހުއްދަ ބާތިލްކޮށްފައިވާ ދެ މީހުން ކަމަށެވެ.

ހަބީބް ވިދާޅުވި ގޮތުގައި ވޯޓުލުން ހުއްޓުވިޔަސް، އެ ރަށުގައި ޖެހުނީ ވޯޓުލުން ހުއްޓާލަންޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހަމަނުޖެހުން ހިންގީ ޕީޕީއެމްގެ އޮފިޝަލުން އުސޫލާ ހިލާފަށް މަރުކަޒުން ބޭރުކުރި ކަމަށް ބުނެފައި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ދެ މީހުންނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަތުމުން ކެމްޕެއިނުގައި ބައިވެރިވި ބައެއް ކަމަށެވެ. އެކަމަކު މައްސަލަ ޖެހުނީ، ވޯޓުލުން ފެށިއިރު އެ މީހުން މަރުކަޒުގައި ތިބެން ހުއްދަ ދީގެން ތިބުމަށް ފަހު، އެ މީހުން އެތަނުން ނެރުމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ރަށު މީހުންތަކެއް އަޑުގަދަކޮށް، ވޯޓުލާ މަރުކަޒަށް ގަދަކަމުން ވަންނަން އުޅެ އެވެ. ނަމަވެސް ފުލުހުން އެ މީހުން ހުއްޓުވަ އެވެ.

ރަސްދޫން ވާހަކަ ދެއްކި މީހުން ބުނީ ވޯޓުފޮށި ބަންދުކުރިތާ ދެ ގަޑިއިރު ވާން ކައިރި ވެފައިވާ ނަމަވެސް އަލުން ވޯޓުލުން ފެށޭނެ އިރެއް ނޭނގޭ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ކަމަށެވެ.