10 ސެޕްޓެމްބަރ 2023 - 09:29

ފައިސަލަކަށް އެ ސުވާލަށް ޖަވާބެއްނުދެވުނެވެ. ދެ ހިތަށް ވަފާތެރިވާން ބޭނުންވާތީއެވެ. ދެ މީހުންނަށް ރަނގަޅުވާން ބޭނުންވާތީއެވެ. ދޫކޮށްލާ މީހާގެ ހިތް ނުލިބުނިއްޔާ ހަމުދަރުދީން ވެސް ފުއްދައިލަން ފައިސަލް ހުރީ ތައްޔާރުވެގެންނެވެ. ބިރަކީ އެ ވެސް ނުލިބިދާނެތީއެވެ.
މޫސުން ރީތި ހަވީރެކެވެ. މާލޭ އިރުމަތިފަރާތު އަތިރިމައްޗެވެ. އާމިރާއާއި ޒިޔާން ތިބީ އައިސްކޯން ބޯށެވެ. ހެނދުނުއްސުރެ ރާވައިގެން އާމިރާ އެ ތަނަށް އައީ ވަކި މަގުސަދެއްގައެވެ. އެތައް ވާހަކައެއް ދެއްކުމަށް ފަހު އާމިރާ އެ މިސްރާބަށް އަނބުރައިލިއެވެ.
"މަންމަ އިންޑިޔާގަ އުޅުނު އިރު ހާދަ މީރު އައިސްކޯނެއް ކެއީމޭ،" އާމިރާ ބުންޏެވެ. "މިޔަކު އެ ރަހައެއް ނެތް. އެ ކޯން ވަރަށް މުރަނަވާނެ. މިއަށް ވުރެ މާ ބޮޑު ވެސް ވާނެ. އަނގަޔަށް ހަމަ މެލްޓުވާނީ. އެ ކޯން ކާ ކޮންމެ ދުވަހަކު ދަރިފުޅު މަތިން ވަރަށް ހަނދާންވޭ! ވާނެ އިންޑިޔާއަށް ގޮސް އެ ކޯން ކާން ދޯ؟"
"މަންމަ އަންނަމުން އޭގެ ހަންރެޑް ކޯން ގެނައި ނަމަ. އޭރުން ގޭގަ އައިސްކްރީމް ހަދައިގެން، އެ ކޯނަށް އަޅައިގެން ކެވޭނެއްނު،" ވަރަށް ގަޔާވެފައި އައިސްކޯން ކަމުން ޒިޔާން ބުންޏެވެ. "މަންމަ އެއް ކޯން ކާންވާ އިރަށް ޒިޔާން ކާނަން ތިން ކޯން. ވެއިޓް! ފައިވް ކޯން."
އާމިރާ ހީނގަތެވެ. ޒިޔާންގެ ބޮލުގައި ފިރުމައިލިއެވެ. އެ ވަގުތު ވެސް އާމިރާ ހިތަށްއެރިއެވެ. ޒިޔާން ދޫކޮށްލައިފައި ދާން އާމިރާއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކު ވެސް ދެން އެ ފަދަ ކަމެއް ނުކުރާނަމެވެ. ދެން ދަންޏާ ދާނީ ޒިޔާން ގޮވައިގެންނެވެ.
"އެހެންތަ؟ ހާދަ މީރުވީމައޭ ދޯ ތިހާ ބައިވަރު ކެވޭނީ؟" އާމިރާ ބުންޏެވެ. "އަދި އެބަ އޮތޭ އެހެން ގޮތެއް. ހިނގާ ކޯން ހަދަން ދަސްކުރަމާ! މަންމަ ކޮންމެވެސް ވަރަކަށް ދަސްކުރީމޭ! ވަރަށް އީޒީކަމެކޭ އެއީ."
"ރިއަލީ؟" ހައިރާންވެފައި ޒިޔާން އެހިއެވެ. "އެއީ ވަރަށް ފަސޭހަކަމެއްތަ؟"
"ދަރިފުޅު ހަނދާން އެބަހުރިތަ އެއްކަލަ ދުވަހު އަހަރުމެން އެޅި ކޭކު؟" އާމިރާ އެހެން އެހުމުން ޒިޔާން ހަނދާންކޮށްލައިފައި، ވަރަށް ހެވިފައި ބޯޖަހައިލިއެވެ. "އެ ކޭކު އެޅުނު ބަޔަކަށް ކޯން އެއީ މެޓައެއްނު!"
"އަހަނ! މިހާރު ކޯން އެ ވީ މެޓައަކަށް." ޒިޔާން ބުންޏެވެ.
ދެމައިން އެކުގައި ހީނގަތެވެ. އެއީ އާމިރާއަށް ލިބުނު އެންމެ ރަނގަޅު ދަނޑިވަޅެވެ.
"ދަރިފުޅާ! މަންމަ ވާހަކައެއް އަހަންތަ؟" އާމިރާ ސުވާލުކުރިއެވެ. "މަންމަ ދިޔަ ފަހުން، ކާކު އެންމެ ގިނައިން ގެއަށް އަންނަނީ؟"
"ރިންތައެއްނު!" ވިސްނައި ނުލައި އެހެން ބުނެވުމާއެކު ޒިޔާން ވަގުތުން ބަދަލުކޮށްލިއެވެ. "އައި މީން، އާޓު މިސް."
އާމިރާއަށް ޝައްކުވިއެވެ. ޒިޔާނަށް ބަލަހައްޓައިގެން ހެވިފަ އިނެވެ. ޒިޔާން ވެސް ލާނެތް ހިންޏެއް އައިސްފައި އާމިރާއަށް ބަލަހައްޓައިގެން އިނެވެ.
"ވަޓް؟" ޒިޔާން އެހިއެވެ.
"ޒިޔާން! މަންމަ އެހާ ސްޓްޕިޑެއް ނޫނޭ އިނގޭ!" އާމިރާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެއީ ހަމަ އާޓް މިސްތަ؟"
"އޯކޭ! ނޮޓް އާޓް މިސް!" ފުންނޭވައެއް ބޭރުކޮށްލުމަށް ފަހު ޒިޔާން އެއްބަސްވިއެވެ. "ރިންތަ! ރިންދާ ދައްތަ! އެކަމަކު، ޒިޔާން ކުރަހަން ދަސްކުރަނީ ރިންތަ ކައިރިންނޭ! އެހެންވެ އާޓު މިސް ކިޔަސް ދޮގަކަށް ނުވާނެއްނު! ރައިޓް؟"
"ނުވާނެ،" އާމިރާ ބުންޏެވެ. "ދެން މައްސަލައެއް ނެތް. ތި ރިންތަ ވަރަށް ރަނގަޅުތަ؟ ދަރިފުޅު ވަރަށް ލައިކުވޭތަ؟"
"ވެލް.." ޒިޔާން ވިސްނައިލައިފައި ބުންޏެވެ. "މަންމައެއްހެން ރިންތަ އުޅޭނީ. ޒިޔާނަށް ވަރަށް ހެލްޕްވާނެ. ސްކޫލް އެކްޓިވިޓީސްއަށް ޑެޑީއާ އެއްކޮށް ވެސް އަންނާނެ. ދެން އަބަދު ވެސް ރިންތަ ހުންނާނީ ޒިޔާން ސައިޑްގަ. ޑެޑީ އެ ކަމާ ވަރަށް މައްސަލަ ވެސް ޖައްސާނެ. ޔޭސް! އައި ލައިކް ހަރ."
އާމިރާ ހީކުރީ ޒިޔާން އެހެން ބުންޏަސް އާމިރާއަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އެހެނެއް ނުވިއެވެ. ހީވީ ހިތުގައި އުންޗުކުލިކަނޑަން ފެށިހެންނެވެ. ލުއިތަދެއް އިހުސާސްވިއެވެ.
"އެހެންތަ؟" އާމިރާ ބުނެލިއެވެ. "ކާކު ދެކެ ދަރިފުޅު އެންމެ ލޯބިވަނީ؟ މަންމަ ދެކެތަ؟ ރިންތަ ދެކެތަ؟ ވިސްނާލާފަ ބުނެބަލަ!"
"ކީއްކުރަން ވިސްނަނީ؟" ޒިޔާން ވަގުތުން ބުންޏެވެ. "މަންމައަކީ މަންމަ. ރިންތައަކީ ރިންތަ. ޒިޔާން އެންމެ ލޯބިވަނީ މަންމަ ދެކެ."
"އޯކޭ!" އާމިރާގެ ހިތަށް ލުޔެއް ލިބުނެވެ. "އެހެންވިއްޔާ، ރިންތަ ދެކެ ޑެޑީ ލައިކްވޭތަ؟"
ޒިޔާން ބަލަހައްޓައިގެން އިނެވެ. އާމިރާ ޖަވާބަކަށް އިންތިޒާރުކުރިއެވެ. ޒިޔާން ބުނަން އޮތީ އާނއެކޭއެވެ.
"ޑެޑީ ކައިރީގަ އަހާ،" ޒިޔާނަށް ވިސްނުނު އެންމެ ރަނގަޅު ޖަވާބުދިނެވެ. "ދެން ޒިޔާން އަހަންތަ ވާހަކައެއް. ރިންތަ ދެކެ މަންމަ ރުޅިއާދޭތަ؟"
"އުހުނ! މަންމަ ކީއްވެ ރުޅިއަންނަންވީ؟" އާމިރާ ޖަވާބުދިނެވެ. "ދީބަލަ ރިންތަގެ ނަންބަރު."
ޖެހިގެންއައި ދުވަހެވެ. ރިންދާ ސިޑިން އަރައިގެން އައިސް، ފައިސަލްގެ ގޭގެ އެޕާޓުމަންޓު ދޮރު ކައިރީގައި ހުއްޓިލިއެވެ. ފުން ނޭވައެއް ބޭރުކޮށްލައިފައި، ވިސްނައިލިއެވެ. އެއީ ފަސޭހަ ކުރިމަތިލުމެއް ނޫނެވެ. އެހެނަސް ރިންދާ ދެކޭ ގޮތުގައި އެ ކަން ވެސް ޖެހޭނީ ކުރާށެވެ. ލަސްކުރުމަށް ވުރެ ރަނގަޅީ އަވަސްކުރުމެވެ. ވަގުތެއް ނެތެވެ. ރިންދާ ރަނގަބީލުޖެހިއެވެ. ދޮރުހުޅުވުމުގެ އިންތިޒާރުގައި ހުއްޓައި އާމިރާ ދޮރު ހުޅުވިއެވެ. ދެ މީހުން އެކަކުއަނެކަކަށް ހިނިތުންވެލިއެވެ. ދެ މީހުން ވެސް އެ ކަން ކުރީ އުނދަގުލުންނެވެ. އާމިރާ ދޮރު ބޮޑަށް ހުޅުވާލުމުން ރިންދާ ވަނެވެ. އެ މީހުން ގޮސް ސޯފާގައި އިށީނެވެ. ކުރިން ވާހަކަދައްކާނެ މީހަކު ނޭނގޭ ކަހަލަ ގޮތަކަށް އިރުކޮޅަކު ތިއްބެވެ. ކޮންމެ މީހަކު ވެސް އުންމީދުކުރީ އަނެކަކު ފަށާނެކަމަށެވެ.
"ޖޫސް؟" އާމިރާ އެހިއެވެ. "ކޮފީ ވެސް ހެދިދާނެ."
"ނޫން!" ރިންދާ ބުންޏެވެ. "ވަރަށް ފެންބޮވާފަ މިހިރީ. ފެންތަށްޓެއް އެންމެ ރަނގަޅުވާނީ. ކޮބާ ޒިޔާން؟"
އާމިރާ ގޮސް އައިސްއަލަމާރިން ފެންނަގާފައި ތަށްޓަށް އަޅަން ފެށިއެވެ. ރިންދާ އިނީ ވަރަށް ނުތަނަވަސްވެފައެވެ. އާމިރާއާ ދިމާއަށް ބަލައިލަން ވެސް ރިންދާއަކަށް އެހައި ފަސޭހައެއް ނޫނެވެ.
"ޒިޔާންއާ ފައިސަލް ވެސް ބޭރުގަވީ،" ދެ މީހުން ވީ ތަން ވެސް އާމިރާ ބުނެދިނެވެ. "އަންނާނެ އިރުކޮޅަކުން. އަހަރެން ގުޅީމަ ކީކޭ ހިތަށްއެރީ؟"
އާމިރާ ދިއްކޮށްލި ފެންތަށީގައި ރިންދާ ހިފިއެވެ. އާމިރާ އަނެއްކާ ވެސް އިށީނެވެ.
"ވަކި އެއްޗެއް ހިތަކަށްނާރާ!" ރިންދާ ބުންޏެވެ. "އެކަމަކު ހިއެއްނުކުރަން އާމިރާ ގުޅާނެ ކަމަކަށް. ސަޕްރައިޒަކަށްވީ!"
"ފައިސަލް ކައިރީގަ ބުނިންތަ މި ގެއަށް އަންނަ ވާހަކަ؟" ޖެހިލުމެއް ނެތި އާމިރާ އެހިއެވެ.
"ނޫން!" ހީނލާފައި ވަގުތުން ރިންދާ ބުންޏެވެ. "އެއީ އަހަރެންގެ ހަސްބަންޑެއް ނޫނެއްނު!"
"ތީ ވެސް ތެދެއް!" އާމިރާ ވެސް ހިނިތުންވެލަމުން ބުންޏެވެ. "އިންނާކަށް ނުވެސް އުޅެން؟"
ރިންދާ އިސްޖަހައިލިއެވެ. ހަތަރުކަޅި ހަމަކޮށްގެން އެ ވާހަކަދައްކަން އުނދަގޫވީމައެވެ.
"އެއްވެސް މީހަކަށް، އެ މީހަކު ބޭނުން ހުރިހާ ކަމެއް ވޭތަ؟" ރިންދާ މަޑުމަޑުން ބުނެލިއެވެ. "ވެދާނެ އަހަންނަށް ދުވަހަކު ވެސް އުފަލެއް ލިބެން ނެތީކަމަށް،" ރިންދާއަށް ރޮވޭ ގޮތްވިއެވެ. "ކިހިނެއްވާން އުޅުނުކަމެއް ކިހިނެއްވެގެން މި ދިޔައީ؟ ވެދާނެ މިސްޓޭކު ހެދުނީ އަހަންނަށް ކަމަށް ވެސް. ކީއްކުރަން މީހެއްގެ ހަސްބަންޑެއް ދެކެ ލޯބިވީ؟"
"މިސްޓޭކު ހެދުނީ އަހަންނަށް،" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި އާމިރާ ބުންޏެވެ. "އޭނަގެ ބޮލަށް ދަރިފުޅު ޖަހާފަ ދިޔަ އިރު ވިސްނާ ވެސް ނުލެވުނު ޒިޔާން ކިހާ ދެރަވާނެކަމެއް. ކިހާ ޝަކުވާއެއް ކުރާނެކަމެއް،" އާމިރާއަށް ވެސް ރޮވޭ ގޮތްވިއެވެ. "މިހާރު މި އެނގެނީ އޭނަ ކިހާ ރުއިކަން. ނުނިދި، ނުކެވި.. ހެޔޮނުވާނެ ދަރިއަކަށް އެހެން ހަދަން. އެ ވަރުން ވެސް، އަހަރެން ގެއަށް އަންނަ އިރަށް، ޒިޔާންގެ ހުރިހާ ޝަކުވާތަކެއް ހަނދާންނައްތާލާފަ ވަރަށް ލޯބިން އަހަރެން އެކްސެޕްޓުކޮށްފި. އަހަންނާ ވަކިންއުޅެން ޒިޔާނަށް ވަރަށް އުނދަގޫވާނެ. އަހަރެން އެބަ ޖެހޭ އޭނަ ކައިރީގަ ހުންނަން. އެކަމަކު އަހަރެން އަތުގަ މިހާރަކު އެ ބާރެއް ނެތް."
"ތިހެން ނުބުނޭ!" ރިންދާ އެދުނެވެ. "ދަރިއެއްގެ ހުރިހާ ބާރެއް އޮންނާނީ މަންމަ އަތުގަ. ޒިޔާން ކައިރީގަ ހުންނާނީ، ހުންނަން ޖެހޭނީ ވެސް އާމިރާ. ފައިސަލަކަށް ނުކެރޭނެ މަންމަޔާ ދަރިފުޅު ވަކިކުރާކަށް. ކޮންމެވެސް ވަރަކަށް މިހާރު ފައިސަލް އެނގޭ."
"ކޮށްފިއްޔާ؟" އާމިރާ ސުވާލުކުރިއެވެ.
"ކުރިޔަސް އާމިރާ ހީކޮށްގެން ނުވާނެ އެއީ އަހަރެން ބުނެގެން ކުރި ކަމެކޭ." ރިންދާ އެދުނެވެ.
"ރިންދާ ނުޖެހޭނެ ޒިންމާވާކަށް،" އާމިރާ ބުންޏެވެ. "އެއީ ފައިސަލްގެ އަމިއްލަ ނިންމުން. ދެރަވިޔަސް ގައިމު ވެސް އަހަންނެއް ރުޅިއެއް ނާންނާނެ. އަހަރެން ބޭނުން ރިންދާ މި ގެއަށް އައިސް އުޅެން. ރިންދާ ދެކެ ޒިޔާން ވަރަށް ލޯބިވޭ! މިހެން ވިސްނާ! އަހަރުމެން ދެމީހުންނަށް ނުކުމެވިފަ މި ތިބީ އެއް މަގަކަށް. މަގު ވަރަށް ދިގު."
އެ ވާހަކައަށް ރިންދާއަކަށް އެއްބަހެއް ނުވެވުނެވެ. ދޭން ބޭނުންވި ޖަވާބު ހިތަކު ނުވެސް ފޮރުވުނެވެ.
"އެކަމަކު މި މަގު ވަރަށް ހަންޏޭ އާމިރާ!" ރިންދާގެ ވިސްނުން ތަފާތެވެ. "ކުރީގަ ހުރެވޭނީ އެކަކަށް. އަނެކަކު ހުންނަން ޖެހޭނީ ފަހަތުގަ. އަހަރެން ވިސްނާ ގޮތް ބުނަން؟ ހަމަ ހިތުގަ އޮތް ގޮތަށް މި ބުނަނީ. އެއްޗެކޭ ހީނުކުރާތި! އަހަރެން ފަހަތަކު ނުހުންނާނަން. ކުރީގަ ހުރެއްޖެއްޔާ، ފަހަތުގަ މީހަކު ހުއްޓަކަ ވެސް ނުދޭނަން. އަހަރެން ސެއަރއެއް ނުކުރާނަން. ވަރަށް ސާފުކޮށް މި ބުނަނީ. ހިތުގަ އޮތް ގޮތަށް ބުނުމަކީ މޮޔަކަމެއްކަމަށް ވަންޏާ، މޮޔަކަމެއް މި ކުރެވުނީ."
"އަހަރެން ހިޔެއްނުކުރަން ރިންދާ ތިހެން ވިސްނާނެކަމަކަށް،" އާމިރާ ބުންޏެވެ. "ރިންދާ މި ގެނައީ..."
ކުއްލިއަކަށް އިވުނީ އެޕާޓުމަންޓުގެ ދޮރަށް ތަޅުދަނޑިޖެހި އަޑެވެ. އާމިރާ ސިއްސައިގެންދިޔަ ނަމަވެސް ރިންދާ އިނީ ވަރަށް ހަމަޖެހިފައެވެ. ހީވާ ކަހަލައެވެ. ރިންދާ ބޭނުންވީ އެ މަންޒަރު ފައިސަލަށް ފެންނާށެވެ. ރިންދާގެ ފައިވާން ފެނުމުން ފައިސަލް ނިކަން ބާރަށް ދޮރު ހުޅުވައިލިއެވެ. އާމިރާއަށް ތެދުވެވުނެވެ.
"ތިޔޯ؟" ފައިސަލް އެހިއެވެ.