08 ސެޕްޓެމްބަރ 2023 - 23:53

އިނގިރޭސިވިލާތުގައި ބަހައްޓާފައިވާ ވޯޓު ފޮށި ފިޔަވައި، ދެން ހުރިހާ ފޮއްޓެއްގެ ވޯޓު ލުން ވެސް މާދަމާ ހެނދުނު 8:00 ގައި ފެށޭނެ ކަމަށާއި ވީހާ ވެސް އަވަހަކަށް ވޯޓު ލާން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ އެދިއްޖެ އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ހެނދުނު 7:00 ގައި އޮފިޝަލުން ތިބޭނެ ކަމަށާއި ވޯޓު ލާ ގަޑީގެ 30 މިނެޓު ކުރިން ކިޔު ހެދޭނެ ކަމަށެވެ.
ހަބީބް ވިދާޅުވީ، ވޯޓު ލާން ދިއުމުގެ ކުރިން އެ މީހަކު ރެޖިސްޓްރީ ވެފައި އޮތީ ކޮންތަނެއްގައި ހުރި ކޮން ފޮއްޓެއްގައިތޯ ބަލައި ޗެކު ކުރުން މުހިންމު ކަމަށެވެ. އިންތިހާބުގައި ވޯޓު ލާން ދާއިރު، ގާނޫނުން ހުއްދަ ކުރާ ކާކުކަން އަންގައިދޭ ލިޔެކިޔުމެއް ގެންދިއުމަށް ހަބީބް ހަނދާންކޮށްދެއްވި އެވެ.
- މުއްދަތު ހަމަ ނުވާ އައިޑީ ކާޑު
- މުއްދަތު ހަމަނުވާ ޕާސްޕޯޓު
- މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު
- މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވާ ލައިސަންސް
ހަބީބް ވިދާޅުވީ އިންތިހާބުގައި ދޭ ވޯޓަކީ ސިއްރު ވޯޓެއްކަން ކަށަވަރު ކުރުމުގެ ގޮތުން، ވޯޓު ލާ ބޫތަށް ވެއްދޭނީ ހަމައެކަނި ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހުންނަ އާދައިގެ ގަލަމެއް ކަމަށެވެ. އެކަން އޮފިޝަލުން ޗެކު ކުރާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިތުރު ކުލައެއްގެ ފާހަގައެއް ޖަހާފައިވާ ކަރުދާސް ބެލެވެނީ ބާތިލް ވޯޓެއް ކަމުގަ އެވެ.
ސަމާލުކަން ދޭން ޖެހޭ އިތުރު ކަންކަމުގެ ގޮތުގައި ހަބީބް ފާހަގަކުރެއްވީ، ކަމުދާ ކެންޑިޑޭޓާ ދިމާ ގޮޅީގެ އިތުރުން ވޯޓު ކަރުދާހުގައި އިތުރު ލިޔުމެއް ކުރެހުމެއް ވާނަމަ، ބާތިލް ވާނެ ކަމަށެވެ.
އެހެން އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ބޫތު ހުންނާނީ ފާހަގަ ޖަހާ މީހާ ފަހަތުން ފެންނަ ގޮތަށް ކަމަށެވެ. އަދި، ވޯޓު ބޫތުގައި ހުންނަ މީހާގެ ފޮޓޯ ނެގުން މަނާ ވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ އިންތިހާބުގެ ދުވަހު އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހުޅުވާފައި ނުބެހެއްޓޭ ގޮތަށެވެ. އެކަމާ މެދު ގައުމީ ލަފާ ދޭ ކޮމިޓީގައި ލިބުނު ކަންބޮޑުވުންތަކާއެކު، ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވި އިދާރީ ކަންކަމަށް ޖަގަހަ ބޭނުން ކުރެވިދާނެ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ. ނަމަވެސް ޖަގަހައިގެ އެތެރޭގައި މީހުން ތިބެން ވާނީ ބަންދުކޮށްގެން ކަމަށާއި ކެމްޕެއިނުގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާއެކު ވޯޓު ލާ ހުރިހާ މަރުކަޒަކަށް ވެސް ވޯޓު ކަރުދާސް ގެންގޮސްފައިވާ ކަމަށެވެ. އިންތިހާބަށް 285،219 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފަ އެވެ.
އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމަކުން ކަމަށާއި ޝަކުވާ ހުށަހަޅަން ވާނީ ހެއްކާއެކުގައި ކަަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ބައިވެރިވެ އެވެ. އިންތިހާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.