08 ސެޕްޓެމްބަރ 2023 - 21:39

ހުޅުމާލެ ބަނދަރު ކައިރިން ދެ ލޯންޗެއް ޖެހި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ކޯސްޓުގާޑުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ ކަނޑުމަތިން ހިނގި އެ ހާދިސާގައި އެކްސިޑެންޓުވީ ޖޮއި އައިލެންޑުން ޓޫރިސްޓުން ތަކެއް ގޮވައިގެން އެއާޕޯޓަށް ދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއް ކަމަށެވެ.
އެއާޕޯޓަށް ދަތުރުކުރި ލޯންޗުގައި 13 ފަސަންޖަރުންނާއި ތިން ފަޅުވެރިން ތިބި އިރު، އެ އުޅަނދުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި، އޭގައި ތިބި މީހުން ފުރަން އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް ކޯސްޓުގާޑުން ބުންޏެވެ.
ނަމަވެސް، އެމްއެންޑީއެފުން ބުނި ގޮތުގައި ލިއޯ ޓްރޭޑިންގެ ލޯންޗުގައި ތިބި އަށް މުވައްޒަފުންނާއި ދެ ފަޅުވެރިންގެ ތެރެއިން ފަސް މީހަކަށް އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އަނިޔާވި މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، އެ ލޯންޗުގެ ކައްޕި އޮތީ ކްރިޓިކަލް ހާލަތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.