08 ސެޕްޓެމްބަރ 2023 - 17:53

މި ގައުމުގައި ޕީޕީއެމްގެ ވެރިކަމުގައި އޮތް އަނިވެރިކަމާއި ބިރުވެރިކަމާއި ނަމާންކަން އިޔާދަވިޔަ ނުދީ ހަމަޖެހުމާއި އުފާވެރިކަން މަތީ ދެމިތިބެ ތަރައްގީއާ އެކު ކުރިއަށްދާން އެމަނިކުފާނަށް މާދަމާ ވޯޓު ދެއްވަން އެމްޑީޕީގެ ކެންޑިޑޭޓް ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އުސްފަސްގަނޑުގައި ގިނަ ބަޔަކާ އެކު ބޭއްވި ކެމްޕޭން ނިންމާލުމުގެ ބޮޑު އެއްވުމުގައި ރައީސް ވިދާޅުވީ އުސްފަސްގަނޑަށް މިއަދު އެއްވެ މިތިބީ ދެމަސް ކުރިން ޖުލައި 9 ގައި ފެށި ކެމްޕޭން ނިންމަން ކަމަށެވެ. އައްޑޫގައި ރޭ ޖަލްސާ ބާއްވައި މިއަދު ފ. އަތޮޅާއި ކ. އަތޮޅުގެ ފަސް ރަށަށް ވަޑައިގަނެ މުޅި ރާއްޖެ ކަވަރުކޮށްފައިވާ ކަަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ތިބީ، ރައީސް ވިދާޅުވި ގޮތުގައި، އެއްބުރުން އިންތިހާބު ނިންމައިގެންނެވެ. މާދަމާ އިރާދަކުރެއްވިއްޔާ އުސްފަސްގަނޑުގައި ކާމިޔާބީ އޮންނާނެ ކަމަށާއި އޭގައި ހުރިހާ ރައްޔިތުން ބައިވެރިވާން އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވި ގޮތުގައި ވާދަވެރިން އިއްޔެ ކެމްޕޭން ދޫކޮށްލައިފި އެވެ. ކެމްޕޭން ކުރަމުން އަންނަނީ އެމަނިކުފާނުގެ ވާދަކުރައްވާ އެމްޑީޕީ އާއި އަދާލަތާއި އެމްޑީއޭގެ ކޯލިޝަނުން ކަަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް މެސެޖަކީ އެއްބުރުން މިކަން ނިންމުން ކަމަށެވެ.
ގާނޫނުއަސާސީން ލިބިދޭ އެންމެ ބޮޑު ހައްގަކީ ވޯޓުލުން ކަމަށާއި އެ ހައްގު ވިސްނުންތެރިކަމާ އެކު ބޭނުންކުރަން އެދިވަޑައިގަތެވެ.
"މުޅި ނިންމުން ވާން ވާނީ ގައުމަށާއި މުޅި ރައްޔިތުންނަށް އޭގެ އެންމެ ފައިދާ ހުރި ގޮތަށް. ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ވޭތުވެދިޔަ ފަސް އަަހަރާއި އޭގެ ކުރީގެ ފަސް އަހަރު ރާއްޖެ ކަޑައްތުކުރި ދުވަސްތައް،" ރައީސް ވިދާޅުވި އެވެ.
"2013 އިން 2018 އަށް އަޅުގަނޑުމެން އުޅެމުން ދިޔައީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި، 2018 ގައި އަޅުގަނޑުމެން ނުކުމެ ބަދަލުކުރީ އެކަންތައް. ބޭނުންވީ ހަމަޖެހިގެން އުފާލާއެކު އުޅެވޭނެ ގޮތެއް ހޯދަން،" ރައީސް ވިދާޅުވި އެވެ.
"ކެމްޕޭން ނިންމުމުގެ ޖަލްސާއަށް އައިސް މިހުރީ އަޅުގަނޑުމެންނާ ހަވާލުކުރި ވައުދުތައް ނިންމައިގެން. އަޅުގަނޑުމެންނަށް ވޯޓުދޭންވީ ބައިވަރު ސަބަބު އެބަހުރި. ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން އެންމެ ގިނަ މަސައްކަތް ކުރެވުނު ފަސް އަހަރު،" ރައީސް ވިދާޅުވި އެވެ.
މިނިވަންކަމަކީ ރައީސް ވިދާޅުވި ގޮތުގައި ވަށައި ފާރެއް ލައިގެން ކުރެވޭނެ ކަމެއް ނޫނެވެ. ބަޑި އާއި ފިސްތޯލަ އާއި ކަރުނަ ގޭހުން ވެސް ކުރެވޭނެ ކަމެއް ނޫނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ މުޅި ދުނިޔެ އާއި ގުޅުން ބަދަހިކޮށްގެންނެވެ. ރާއްޖެއަކީ މިހާރު 180 އަށް ވުރެން ގިނަ ގައުމާ އެކު ބަދަހި ގުޅުމެއް އޮތް ކަމަށް ވިދާޅުވި އެވެ. ދުނިޔޭގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅުން ކަނޑާލައިގެން ރާއްޖެއަށް އޮންނާނެ ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސީރިއާގައި ހަރުކަށި ފިކުރުގެ ދިވެހިން ނެތް ކަމަށް ބުނަމުން ދިޔަ ކަމަށާއި އެކަމުގެ ހަގީގަތް ވެސް މި ސަރުކާރުން ހާމަކޮށްދީފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަނީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީތެރިވާން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ރަށްތަކަކާއި ރައްޔިތުން ހިމެނޭހެން ހަމަހަމަ ފުރުސަތު ވެސް ފަހިކޮށްދިނީ މި ސަރުކާރުންނެވެ. ކުރެހުންތެރިންނާއި ފަންނާނުންނަށް ފުރުސަތު ފަހިިކޮށްދީ އޮލިމްޕަސް ޒަމާނީކޮށްދީ ގައުމިއްޔަތު ދިރުވަވަން މަސައްކަތް ކުރީ ވެސް ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
"އިސްލާމްދީނުގެ ސައްހަ އަގީދާ ރައްޔިތުންގެ ތެރޭގައި ދީން ފެތުރުމަށް ފުރުސަތު އެބައޮތް. ހަރުކަށި ފިކުރާއި ދީނީ ގޮތުން ހިޔާލުތަފާތުވާ މީހުންނަށް ނަސޭހަތްދީ ހައްލުކުރަން އިލްމުވެރިންނަށް ފުރުސަތު އެބައޮތް،" ރައީސް ވިދާޅުވި އެވެ.
"ހަމައެކަކު ވެސް ދާން ނޭދޭ، އެ ނާމާންކަމާއި ބިރުވެރިކަމަށް. އަޅުގަނޑު މިއައީ ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް ގޮސްފައި،" ރައީސް ވިދާޅުވި އެވެ.