08 ސެޕްޓެމްބަރ 2023 - 16:36

ރިޔާސީ އިންތިހާބުގެ ވޯޓުގައި އޮތީ ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގައި އޮތް އަނިޔާވެރިކަން އަލުން އިޔާދަކުރާނީތޯ ނުވަތަ މި ސަރުކާރުގެ ހެޔޮބަދަލާއި ކުރިއަށް އޮތް އިންގިލާބީ ތަރައްގީއާ އެކު ކުރިއަށްދާނީތޯ ނިންމުން ކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް ކ. ދިއްފުއްޓަށް ވަޑައިގެން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ހައްގަކީ ވަރަށް މުހިއްމު ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ޒިންމާއަދާކުރަން ޖެހޭނީ އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. އެ ޒިންމާއަދާކުރުމުގައި ބަލަން ޖެހޭނީ މުޅި ގައުމާއި އެ މީހަކު ދިރިއުޅޭ ރަށާއި އެ މީހާއަށް ވާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވޯޓަކީ ވަރަށް މުހިއްމު އަމާނާތެއް. އަޅުގަނޑުމެން ދާން ބޭނުންވަނީ އެނބުރި އެ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށްތޯ ނޫނިއްޔާ ރާއްޖެއަށް މިގެނެވޭ އިންގިލާބީ ހެޔޮ ބޮޑު ބަދަލާ އެކުގައި ކުރިއަށްތޯ ނިންމުން," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އިންތިހާބު އެމަނިކުފާނު އެއްބުރުން ކާމިޔާބު ކުރައްވާނެ އެވެ. ކުރިއަށް އޮތް ދައުރުގައި ވެސް އެމަނިކުފާނުގެ ވައުދަކީ ތަފާތު ނުކުރުމާއި ބާކީ ނުކުރުން ކަމަށް ވިދާޅުވި އެވެ.
މި ދައުރުގައި ފުރިހަމަވި ކަންކަމުގެ އިތުރުން ދެން ހުރި މަޝްރޫއުތައް ހިންގުމާއިގެން ވެރިކަމުގެ ފުރަތަމަ ދުވަހު މަސައްކަތް ފަށައިގަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުން. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. ޒުވާނުންގެ އާ ޖީލަށް މި އަންނަނީ ފުރުސަތު ހޯދައިދެމުން," ރައީސް ވިދާޅުވި އެވެ.
މިކަންކަން ފުރިހަމަވަމުންް އަންނައިރު، ރާއްޖޭގައި މިހާރު މިއޮތް ހަމަޖެހުމާއި އަމާންކަމުން އެހެން މިސްރާބަކަށް ރާއްޖެ ބަދަލުވިޔަ ނުދޭން ރައީސް އެދިވަޑައިގަތެވެ. މި އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިޔަސް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވޭނެ ބޭފުޅެއް އެމަނިކުފާނު ނޫނީ ނެތް ކަމަށް ވިދާޅުވި އެވެ.