08 ސެޕްޓެމްބަރ 2023 - 15:20

ރާއްޖޭގެ މިނިވަންކަމާއި އިގުތިސޯދު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް އިރު، ގައުމު ސަލާމަތް ކުރުމަށް މާދަމާ ރައްޔިތުން ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާދޭހާ އެކު އެދިވަޑައިގެންފި އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ވެރިއަކު ހޮވަން މާދަމާ ރައްޔިތުން ވޯޓު ލާން ނުކުންނަ އިރު، ހުރިހާ ރައްޔިތުންނަށް ގާސިމް އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ އެކި ސަރުކާރުތަކުން ޖެއްސި މާލީ މުސީބާތްތަކުން ގައުމު ސަލާމަތް ކުރުމަށް ތަޖުރިބާ ހުރި ގައުމު ދެކެ ލޯބިވާ ވެރިޔަކު އިންތިހާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ ގައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސަލާމަތް ނެތި ދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިވާ އިރު، ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ. އަދި ހަމައެކަނި ދަރަނި އަނބުރާ ދައްކަން އެކަނިވެސް 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ވުރެ ބޮޑު އަދަދެއް ރާއްޖެއިން ދަރަނި ނަގާފައިވާ ގައުމުތަކަށް ދައްކަން ޖެހޭ ކަމަށް ސިޓީގައި ވިދާޅުވި އެވެ.
"މި ދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ އެވެ. އަވައްޓެރި ސްރީލަންކާ ފަދައިން މި ރާއްޖެ ވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ،" ގާސިމް ވިދާޅުވި އެވެ.
ހާލަތު މިހެން އޮތް އިރު، ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
އެހެންކަމުން ކޮރަޕްޝަނާއި ހިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން ސަލާމަތްވެ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތް ކޮށް، އިގުތިސޯދު ހަމަ މަގަށް އެޅުވުމަށް އޭނާއަށް ވޯޓު ދިނުމަށް ސިޓީގައި އެދިވަޑައިގެންނެވި އެވެ.
"...ތަޖްރިބާގެ އަލީގައި ޔަގީންކަމާއެކު، ގައުމު ހަމަމަގަށް އެޅުވުމަށް، އަޅުގަނޑު ގާސިމް އިބްރާހީމް އަށާއި، އަޅުގަނޑުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަށް (ކެނޑިޑޭޓް ނަންބަރު 5) ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ ނުހަނު އިހްލާސްތެރި އާދޭހެކެވެ."