08 ސެޕްޓެމްބަރ 2023 - 15:50

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރައްވަން ލިބިވަޑައިގަތީ އެންމެ 28 ދުވަސް ކަމަށް ވިޔަސް ޕީޕީއެމް/ޕީއެންސީ އަށް މާލެ އާއި ރަށްރަށުން އިންތިހާ އަށް ތާއީދު ބޮޑުތަން ފެނިވަޑައިގަތުމުން ކާމިޔާބީގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މުއިއްޒު ވިދާޅުވީ، އަމަލީ ގޮތުން ކެޕެއިންގައި އުޅުއްވަން ލިބުނު 28 ދުވަހުގެ ތެރެއިން އެކިއެކި ކެމްޕެއިން ދަތުރުތަކުގައި އުޅުއްވީ 25 ދުވަހު ކަމަށެވެ.

"އަޅުގަނޑަށް ދެވިއްޖެ 96 ރަށަށް. ރަނިންމޭޓަށް ވެސް 50 އަކަށް ރަށަށް ދެވިއްޖެ ކަން ނޭނގޭ. ނުދެވުނު ރަށްތަކަށް ލީޑަޝިޕް ބޭފުޅުން ވަޑައިގެންނެވި. އަޅުގަނޑުމެންނަށް ނުދެވޭނެހެން ހީވަނީ 30 އަކަށް ރަށަށް،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ފެނިވަޑައިގަންނަވަނީ މި އިންތިހާބު އޭނާ އަށް އެއްބުރުން ކާމިޔާބު ކުރެއްވޭނެ ތަނެވެ. ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އެ މީހުންގެ ކަންކަމާއިގެ އުޅޭނެ ބަޔަކު ސަރުކާރަށް ގެންނަން ކަމަށެވެ. ހާއްސަކޮށް ދިވެހިންގެ މިނިވަންކަމާ މެދު ސުވާލު ނުއުފެދޭ ވެރިކަމެއް ދިވެހިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ރައްޔިތުންނަށް ޔަގީން ކުރެވޭ އަޅުގަނޑުމެންކަން ސުވާލެއް ނެތި އެ ކަން ކުރާނެ ބަޔަކަށް މި ތިބީ. އަޅުގަނޑު ވެރިކަމަށް އައިސްގެން ކަން އެކަން ވާނީ. އެ އިހުސާސް އަޅުގަނޑަށް ކުރެވޭ ރައްޔިތުން ގާތަށް ދިޔައީމާ،" މުއިއްޒު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ، ސަރުކާރުން ވަރަށް ބޮޑެތި ނުފޫޒު ފޯރުވާ ކަމަށާއި އެކަމަކު އެ ނުފޫޒުގައި ނުޖެހި ދިވެހިން ގޮތް ނިންމާނެ ކަމަށެވެ.
"އަޅުގަނޑު ކުރާނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް. ދވެހި ގައުމުގެ މިނިވަންކަމާއި އިސްލާމްދީނުގެ މައިގަނޑު އަސާސްތައް ހިމާޔަތްކޮށް އަޅުގަނޑުމެންގެ އިގްތިސާދު ވަރުގަދަ ކޮށްދީ ޒުވާނުންނާއި ކަނބަލުންނާއި ޖުމްލަކޮށް ހުރިހާ ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދައިދީ، ގެދޮރުވެރިކަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދީ، ސަރުކާރާއި ރައްޔިތުން އެކީގައި މަސައްކަތް ކުރެވޭނެ ނަތީޖާ ނެރެވޭނެ ވެރިކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް އިތުބާރު ކުރައްވައި ކެންޑިޑޭޓް ނަމްބަރު 4 އަކަށް ވޯޓު ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް."
މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ދެވަނަ ދައުރެއް ދީފި ނަމަ މިހާރު މިދާ ސްޕީޑްގައި ގޮސް ރާއްޖޭގެ މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތެވެ. އެއީ އަމިއްލަ ވަންތަކަމަށް ވެވޭ އިހުމާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން މުއިއްޒު ފާހަގަކުރެއްވީ ރާއްޖޭގެ ދަރަނި އިންތިހާ އަށް ބޮޑުވުމާއި ފައިސާ އިންތިހާ އަށް ޗާޕްކުރުމާއި ޑޮލަރުގެ ރޭޓް "ބޮއްސުންލާފައި" ވުމެވެ. ހާއްސަކޮށް އިންޑިއާ އިން ބޮޑެތި ލޯނުތައް ނެގުމަށް ފަހު، އެ ލޯނު އަނބުރާ ދެއްކުމަށްޓަކައި "ނުރައްކާތެރި އެއްބަސްވުންތައް" ހެދުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާ މާދަމާގެ ވޯޓަށް ނުކުންނަވަނީ ކެމްޕެއިނަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުގެ ވަޒީފާގެ ފުރުސަތުތައް ވަރަށް ގިނައިން ހުޅުވާލާފައިވާ ދަނޑިވަޅެއްގަ އެވެ.
"މިސާލަކަށް ފެނުގެ ނެޓްވޯކެއް ގާއިމުކޮށް އެ ސިސްޓަމް ހިންގަން ޖެހޭ މުވައްޒަފުން އެބަ ނަގާ ނެޓްވޯކް އަޅަން ނުފަށަނީސް. މިސާލަކަށް 500 މީހުން ހަމަނުވާ ރަށެއްގެ ފެނަކައިގައި ތިބެދާނެ 50 މުވައްޒަފުން. އެ ގޮތަށް ނުފޫޒު ފޯރުވީމާ އެ ކުދިންގެ އާއިލާތަކުން ވެސް މި ތިބެނީ ބިރުން އެ ކުދިން ވަޒީފާ އިން ކަނޑާލަފާނެތީ. އެ ކުދިން ވެސް ބިރުގަނޭ. އަޅުގަނޑުމެން ކެމްޕެއިނަށް ދިޔައީމާ ބިރު ސަލާން ކުރަން ނުކުންނަން ނުކެރޭ،" އޭނާ ވިދާޅުވި އެވެ.
ރަށަކުން ދިމާވި ކަމަކަށް އަލިއަޅުވާލައްވަމުން މުއިއްޒު ވިދާޅުވީ، އޭނާ ވަޑައިގަތުމުން ސަލާން ކުރަން ދާ މީހުން ބަލަން ކުންފުންޏެއްގެ މެނޭޖަރު ހުންނެވީ އިމާރާތެއްގެ މަތީގައި ކަމަށެވެ. އެކަމަކު، ބައެއް މީހުން ބިރު ފަހަނައަޅައި ސަލާން ކުރަން ދިޔަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށްޓަކައި އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ރަނގަޅު ޓީމެއް އެބައޮތް ކަމަށް ވިދާޅުވި އެވެ. އޭގެ ޕްލޭންތައް ވެސް އެބަހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ބޭނުންވަނީ ޓެކްސް ފައިސާ އިން ރިކަރަންޓް ހަރަދުތައް ހަމަޖައްސަވާށެވެ. ފައިސާ ޗާޕްކުރުން ހުއްޓާލުމަށްޓަކައި، މި ސަރުކާރުން ސަސްޕެންޑް ކޮށްފައިވާ ފިޒްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ސަސްޕެންޝަން އުވައިލައްވާނެ އެވެ.
މުއިއްޒު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަކީ އަމިއްލަ އަށް އާމްދަނީ ހޯދައިގެން އަމިއްލަ ފައިމައްޗަށް ތެދުވެ، ހަރަދުތައް ބަލަހައްޓާ ކުންފުނިތަކަކަށް ހަދައި ދޭނެ ކަމަށެވެ.
"އެސްއޯއީ ހުރިހާ ކުންފުނިތަކުގެ ޑެޓް މިހާރު އެބައޮތް 32 ބިލިއަން ރުފިޔާގެ ޑެޓް. އެ ޑެޓް މަދުކުރަމުން މަދުކުރަމުން ދިއުމަކީ ވަރަށް މުހިންމު ކަމެއް. ދެން އެކްސްޗޭންޖް ރޭޓް ރަނގަޅު ކުރަންޖެހޭ. މި ކަންކަން ރަނގަޅުވާ ވަރަކަށް ފެންނާނެ އިންޓަނޭޝަނަލް އިންވެސްޓަރުންގެ އިތުބާރު ބޮޑުވާ ތަން. މާނައަކީ އާމްދަނީ ހޯދޭނެ ގޮތްތައް ފަހިވާނެ. ރިސޯޓްތައް ހެދޭނެ ގޮތްތައް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.