08 ސެޕްޓެމްބަރ 2023 - 05:51

ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށް ވުރެ ބޮޑު ވައުދެއް ނެތް ކަމަށާއި އެކަމަކު އޭނާ އަށް އެކަން ކޮށްދެއްވޭނީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ވޯޓު ދީގެން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ޖަގަހައެއް ހުޅުއްވައި ދެއްވަމުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވީ، އެ ނިންމުން މާދަމާ ނިންމައިފި ނަމަ ފެންނާނީ ރާއްޖޭގެ މިނިވަންކަން ޔަގީންވެ، ހާރިޖީ ސިޔާސަތު ބައްޓަން ވާނީ އެ އަސާސްތަކުގެ މަތީގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުމަތިން ނާރާ ތިބެން އެއްބަސްވާ އެންމެންނާ އަޅުގަނޑުމެންގެ އޮންނާނީ ގާތް ގުޅުން، ރަހުމަތްތެރިކަމުގެ ގުޅުން. އަވައްޓެރިންގެ ގޮތުގައި އަވައްޓެރިން ތިބޭނެ. ދުރު ގައުމުތައް ވެސް އެއީ ގާތް ގައުމުގެ ގޮތުގައި ވާނެ އިން ފަހަނައަޅައި ނުދަންޏާ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދީފި ނަމަ ރާއްޖޭގެ މިނިވަންކަން ގެއްލުމުގެ ބިރު އޮތް ކަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން އެންމެންނާ ގާތް ގުޅުން ބާއްވަން. މި ގައުމަށް ކުރިއެރުން އަންނަން ބޭނުން."
އެހެންވެ، މުއިއްޒު އެެދިވަޑައިގަތީ އެ ގޮތުގައި ގައުމާއިގެ ކުރިއަށް ދާން ބޭނުންވާ އެންމެން މާދަމާގެ ވޯޓުގައި އޭނާއާ އެކު ކުރިއަށް ދިއުމަށެވެ. ގައުމު އިސްކުރުމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ދައްކާ ވާހަކަ ބަހާއި އަމަލާ ދިމާވާނެ. އަޅުގަނޑަށް އެ އިތުބާރު ތިޔަބޭފުޅުން ކޮށްދެއްވުމަކީ އަޅުގަނޑުގެ އަމިއްލަ ނަފުސަށްޓަކައި ވެސް އަދި ގައުމަށްޓަކައި ވެސް އަޅުގަނޑު ދަންނަވަން އޮތް ހަމައެކަނި ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު މި އޮތީ ރާއްޖޭގެ އެތައް ބިމެއް 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ދޭން އެއްބަސްވާ ސަރުކާރެއް ކަމަށެވެ. އެހެންވެ، މިއީ އެ ނޫން ގޮތެއް ހޯދައި ތިމަންނައަކީ ދިވެއްސެއްކަން އަންގައިދޭން ލިބޭ ފުރުސަތު ކަމަށް ވިދާޅުވި އެވެ.
"އެހެން ނޫނީ މިތަނުގައި މިހާރު ތިބި [އިންޑިއާ] ސިފައިން ތިބޭނީ ކުލަ ހެދުމަކު ނޫން. ހަތިޔާރު ހިފައިގެން ތިބޭ ތަން އަންނާނީ އަޅުގަނޑުމެން އެ ދުވަހު ގައުމީ ލޯބި އިސްނުކޮށްފިއްޔާ. ގައުމުގެ ވިސްނުން، ގައުމަށްޓަކައި އަޅުގަނޑުމެން ގުރުބާން ވާންވީ ދުވަހަކީ ގައުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި މި އޮތް ބާރު ހެޔޮގޮތުގައި ބޭނުންކުރަން ލިބޭ ވަގުތު މި އަންނަނީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ވާހަކައެއް ވެސް އަންނަން ވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލުގެ ވާހަކައަށް ފަހު ކަމަށެވެ. ވިދާޅުވީ، މިހާރު ފެންނަނީ އިގްތިސާދު ފުނޑި އުމްރާނީ ތަރައްގީ ވެސް ނަމެއްގައި ކުރިއަށް ގެންދާ ތަން ކަމަށެވެ.
"މިތާ ކައިރީގައި އެ އޮތީ ބްރިޖެއް [ވިލިމާލެ ބްރިޖް] އަޅަން ފަށާފައި އޮތް ތަން ފެންނަން. ރައީސް ޔާމީން އެޅުއްވި ބްރިޖު އެ އޮތީ ނިންމަވާފައި. އޭގެ މަތިން އަޅުގަނޑުމެން ދަތުރުކުރަނީ. މިތާ މި ހަދާ ބްރިޖު މި އަހަރުގެ ޖުލައި މަހު ނިންމައި ދުއްވަން ލިބޭނެ ވާހަކަ ނޫންތޯ މި ސަރުކާރުން އިއުލާންކުރީ. އެ ހިސާބަށް ވެސް ދެވޭނެ ގޮތެއް ނެތް. އެހެންވީމާ އުޑާއި ބިމާހާ ތަފާތު ތަރައްގީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ފެންނަނީ ސިފައިންނާއި ފުލުހުންނަށް ވެސް ގަސްދުގައި އިހުމާލުވަމުންދާ ކަމަށެވެ. އެއީ އަބުރުވެރި ދިރިއުޅުމެއްގެ ފުރުސަތު އެންމެ ބޮޑަށް ދޭންޖެހޭ އަދި އެންމެ ބޮޑު ސަމާލުކަން ދޭންޖެހޭ އެއް ފަރާތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ގެދޮރުވެރިކަމުގެ މަޝްރޫއެއް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހިންގާނެ ކަމަށެވެ. އެ ޔަގީންކަން ހުރިހާ އެންމެންނަށް ވެސް މުއިއްޒު ދެއްވި އެވެ. ހައުސިން މަޝްރޫއުގެ އިތުރުން އެކި އެލަވަންސްތައް ބޮޑުކޮށް، ސިފައިންނާއި ފުލުހުންނަކީ ފުދުންތެރި ބަޔަކަށް ހައްދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.