ގައުމު ބީވުމާއި ނުވުން ބިނާވެފައި އޮތީ ވޯޓަށް: އަދުރޭ
ގައުމު ބީވުމާއި ނުވުން ބިނާވެފައި އޮތީ ވޯޓަށް: އަދުރޭ

ދިވެހިންގެ އަތުން ރާއްޖެ ގެއްލުމާއި ނުގެއްލުން ބިނާވެފައި އޮތީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މިވަގުތަކީ ސިޔާސީ ހިޔާލު ތަފާތުވުމާއި، ސިޔާސީ ފިކުރު ތަފާތުވުމަށް ވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނަން ޖެހޭ ވަގުތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމާ މެދު ކޮންމެ ރައްޔިތަކު ވެސް ވިސްނަންވީ. އަޅުގަނޑުމެންގެ އަމިއްލަ ގައުމު އަޅުގަނޑުމެންގެ އަތުން ބީވެގެން ނުދާނެ ގޮތަކަށް އަޅުގަނޑުމެންގެ ހުރިހާ ކަމެއް ރާވަންވީ. އަޅުގަނޑުމެންގެ އަތުން ބީވެގެން، އަޅުގަނޑުމެންގެ ގައުމު ދިޔުމާއި ނުވުން ބިނާވެފައި މި އޮތީ މި އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގެ މައްޗަށް." އޭނާ ވިދާޅުވި އެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރު ރާއްޖޭގެ ފޮރިން މިނިސްޓަރަށް ފޮނުވިި ސިޓީއެއް ކަމަށް ބުނެ ދައުރުވަމުން ދަނީ ސައްހަ ނޫން ސިޓީއެއް ކަމަށް ސަރުކާރުން ބުނެފައިވާ ނަމަވެސް އަދުރޭ ވިދާޅުވީ އެ ސިޓީގައި ހިމެނޭ ވާހަކަތަކާއި އިދިކޮޅުން މިހާތަނަށް ދައްކަމުން އައި ވާހަކަތައް ދިމާވާ ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު އިންތިހާއަށް ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަމަށް ރައްޔިތުން ސަމާލުވާން އޭނާ ގޮވާލެއްވި އެވެ.