ލޯޔަރު އާސިފް ޕީޕީއެމް އިން ވަކިވެ އެމްޑީޕީއަށް
ލޯޔަރު އާސިފް ޕީޕީއެމް އިން ވަކިވެ އެމްޑީޕީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ޕީޕީއެމުން ވަކިވެ އެމްޑީޕީއާ ގުޅިއްޖެ އެވެ.

އޭނާ ޕީޕީއެމުން ވަކިވިއިރު ހުންނެވީ ޕީޕީއެމް އިސްތިއުނާފް ކޮމެޓީގެ ނާއިބު މުގައްރަރުގެ މަގާމުގަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "މިހާރު" އަށް ވިދާޅުވީ އާސިފް އެ ޕާޓީން ވަކިވި ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ޕާޓީން ވަކިވި ސަބަބާމެދު ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ އެއަށް ޖަވާބު ދެވެން ނެތް ކަމަށެވެ.

"ސިޓީގައި އޮތް ހުރިހާ ވާހަކައެއް ނުވާނެ ކިޔާދޭކަށް. އޭގައި ސަބަބުތަކެއް ވެސް ލިޔުއްވާފައި ހުރި. އަޅުގަނޑަކަށް އެ ހުރިހާ ތަފްސީލެއް އެރުވޭކަށް ނެތް. އޭގައި ހުރި ވާހަކަތައް ދެންނެވޭކަށް ނެތް. އެއީ ޕާޓީއަށް ފޮނުވި ސިޓީއެއް، ވަކި މީހަކަށް ދިން ސިޓީއެއް ނޫން." އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ދޫކުރައްވައި އެމްޑީޕީއާ ގުޅުމުން އެމްޑީޕީން ވަނީ އާސިފަށް މަރުހަބާ ވިދާޅުވެފަ އެވެ.

އާސިފް ފޯނު ނުނަންގަވާތީ އެ ޕާޓީން ވަކިވި ސަބަބު ޔަގީން ވެފައި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ އެ ޕާޓީ ދޫކުރެއްވީ ޕާޓީ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާ ހެދި އެވެ.

އާސިފް ވަނީ ޔާމީންގެ ވަކީލުންގެ ޓީމުގެ އިތުރުން ޕީޕީއެމްގެ މުޒާހަރާތަކުގައި ހައްޔަރުކުރި އެ ޕާޓީގެ މީހުން މިނިވަން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.