08 ސެޕްޓެމްބަރ 2023 - 07:59

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ރާއްޖޭގެ ތާރީހުގައި، މިހާތަނަށް ވާދަވެރި އިންތިހާބަކުން ދެ ދައުރު ކާމިޔާބުކުރެއްވި ހަމައެކަނި ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންނަވާނެ އެވެ.

އެކަމަކު އެމަނިކުފާނު އިތުރު ދައުރެއް ދޭން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

އިންތިހާބާ ގުޅޭ ގޮތުން "މިހާރު"އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޖަވާބު ފެއްޓެވީ 2018 ގައި އެމަނިކުފާނު ހުވާކުރެއްވި ދުވަހު ރައްޔިތުންނަށް ދެއްކެވި އުއްމީދީ ބަދަލުންނެވެ. ފަސް އަހަރު ކުރުކޮށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ފެށުނު އިރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމާއި ބޭއިންސާފު ނައްތާލެވުނު ކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.

ގެންނެވުނު އެންމެ ހެޔޮ އެއް ބަދަލު ނުވަތަ ރައްޔިތުންނަށްޓަކައި ހިންގުނު އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ދެއްކެވީ ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމްކޮށްދެވުމެވެ.

ނުހައްގުން އެއްވެސް ރައްޔިތަކު ޖަލަކަށް ނުލުމެވެ. ސިޔާސީ ހަރަކާތްތައް ނުހުއްޓުވުމެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގައި އޮތް މިންވަރަށް ހިފެހެއްޓުމެއް ނެތި ބޭނުންކުރަން ހުރަސްނޭޅުމެވެ. ތަފާތު ކުރުމާއި ބާކީ ކުރުމުގެ ސިޔާސަތަކީ ވެރިކަމުގެ މާޒީކަން ރައްޔިތުންނަށް ޔަގީންކޮށްދިނުމެވެ.

އިންޓަވިއުގައި ރައީސް ވަނީ އެމަނިކުފާނުގެ މި ދައުރުގައި ވެރިކަން ކުރެއްވި ގޮތް އަދި ކުރިއަށް އޮތް ފަސް އަހަރަށް ގެންގުޅުއްވާ ބައެއް ވިސްނުންތައް ހާމަކުރައްވައިފަ އެވެ.
"ދައުލަތަކު ފައިސާއެއް ނެތް. އެ ހާލަތާ ކުރިމަތިލާނެހާ ހިއުމަން ރިސޯސަސްއެއް ގައުމަކު ނެތް. އެއާއެކީގައި އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ ތެލާއި ކާބޯތަކެތި ކަމަށް ވިޔަސް ހުރިހާ އެއްޗެއް ހޯދުމަށްޓަކައި އަދި އެއާ އެކީގައި ސިއްހީ ހިދުމަތް ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަން ޖެހުނު," ވެރިކަމުގެ ދެވަަނަ އަހަރު ކޮވިޑާ ކުރިމަތިލާން ޖެހުނު އިރު ހާލަތު ވިދާޅުވެދެއްވި އެވެ.
"އެއީ [ކޮވިޑަކީ] އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން."
ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓެވިތަނާ އެކު ކުރިމަތިވެވަޑައިގަތް މުޅި ދުނިޔެ ވެސް ހުއްޓުނު އެ ހާލަތަކީ ވެރިކަމަށް ވަޑައިގަތް އިރު ކުރިމަތިވެދާނެކަމަށް އަންދާޒާވެސް ކުރެއްވިފައި ނެތް ހާލަތެއް ކަމަށެވެ. ރާއްޖެއަށް އޭގެ އަސަރު ބޮޑީ މުޅި އިގްތިސާދު ޓޫރިޒަމަށް ބިނާވެފައި އޮތް ގައުމަަކަށް ވާތީ އެވެ.
ބައެއް ގައުމުތަކަށް އެކަމުން އަދިވެސް އަރައިނުގަނެވި އިގްތިސާދު ކޮޅަށް ނުޖެހި ތިބި އިރު ރާއްޖެ ކޮވިޑުގެ ކުރިން އޮތް ހާލަތަށް ރުޖޫއަވެވުނީ، ރައީސް ވިދާޅުވި ގޮތުގައި، ދައްޗާއި އުނދަގުލުގައި އެކަން ރަނގަޅަށް މެނޭޖްކުރަން ކުރެއްވި މަސައްކަތުންނެވެ.
"ބައެއް ބޭފުޅުންނަށް މިހާރު ކަމެއް ވީހެން ވެސް ހީނުވޭ. އެވަރުގެ އުނދަގޫ ދަތިތަކެއް ހުރަސްކޮށްފައި ކަން އަޅުގަނޑުމެން މިހާ ހިސާބަށް އައިސްފައި މިތިބީ ބައެއް ބޭފުޅުން ހިތަށް ވެސް ނާރާ," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ވެރިކަމުގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ނުނިމި ލަސްވުމުގައި ވެސް އޮތީ "ގައުމު ހުއްޓުނު" ދެ އަހަރެވެ.
"ބައެއް މަސައްކަތްތައް ގެންދަންވީ ސްޕީޑުގައި ނުގެންދެވުނު," ރައީސް ވިދާޅުވި އެވެ.
ދެ ވަނަ ދައުރަކަށް ވާދަކުރެއްވި ފުރަތަމަ ކަމަކީ ރައީސް ވިދާޅުވި ގޮތުގައި, އެ މަސައްކަތްތައް ކުރަން ޖާގަ ހޯއްދެވުމެވެ. ކޮވިޑުގެ އުނދަގޫތަކާ އެކު އިގްތިސާދަށް އައި ހީނަރު ކަމުގެ ތެރެއިން ވެސް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް އިސްކޮށްދެއްވައި އެމަނިކުފާނަށް މި ދައުރުގައި އެޅުނީ ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ބިންގަލެކެވެ.
"އަދި ކިރިޔާ މިއެޅުނީ ތަރައްގީގެ ބިންގާ, ހާއްސަކޮށް ރަށްރަށުގައި. މިކަން ފުރިހަމަކުރަން ވަގުތު ބޭނުންވޭ," ރައީސް ވިދާޅުވި އެވެ.
ކުދި ރަށްތަކުގައި ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފެއްގެ ގޮތުުގައި މި ސަރުކާރަށް ފާޑުކިއުން އަމާޒުކުރެ އެވެ. އެކަމަކު ރައީސް ގަބޫލުކުރައްވާ ހަމައަކީ އަދި ގާނޫނުއަސާސީގައި ވެސް ކަނޑައަޅާފައި އޮންނަނީ ވަކި ރަށަކަށް ވީތީ ތަފާތުނުކުރެވޭނެ ކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ތަފާތު ކުރުމެއް ނެތި ދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ރާއްޖެ ތަރައްގީކުރަން ޖެހޭނީ ޖަޒީރާ ރާއްޖެއެއް ގޮތުގައި ކަމަށެވެ. އެމަނިކުފާނު ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތު ކުރިއެރުވީ އެކަން ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވި އެވެ.
ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި ސާފު ބޯފެން ފޯރުކޮށްދިނުމާއި ރަނގަޅު ފެންވަރަކަށް މަގު ހެދުމާއި ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން ރަށްރަށުގެ ބިން ހިއްކުން ރައީސް ސިފަކުރެއްވީ މިއީ ދެވަނަ ދައުރެއްގެ ބަދަލަށް ރަނގަޅު ފެށުމެއްގެ ގޮތުގަ އެވެ.
ކުދި ރަށްތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާ އެކު ފަސޭހަ ތަނަވަސް ދިރިއުޅުމަކަށް އާބަން ސެންޓަރުތަކެއް ގާއިމްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރަށްތައް ދަތުރުފަތުރުން ގުޅާލީމަ އެއް ރަށް އަނެއް ރަށަށް ފަސޭހައިން ދެވި ހިދުމަތްތައް ހޯދަން ފަސޭހަވެގެން އެބަދޭ. އަޅުގަނޑު ހިތުން އާރުޓީއެލް ހިދުމަތާ އެކު ވައިގެ މަގުން ރާއްޖެ ގުޅާލީމަ ބޮޑު ފަސޭހަތަކެއް އަންނާނެ," ރައީސް ވިދާޅުވި އެވެ.
"މިއަދު އޭގެ ހެޔޮ ނަފާ, ފައިދާ ބޮޑުތިލަދުންމަތިން އަޅުގަނޑަށް ފެނޭ މިކުރާ ދަތުރުތަކުން," އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ލ. ގަމާއި ހދ. ކުޅުދުއްފުށި ފަދަ ތަންތަނަށް ގެންނަ ބޮޑު ބަދަލާއެކު މަޖުބޫރު ކަމެއް ނެތި ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ވެސް އެބައޮތެވެ.
ކޯޓުތައް މިނިވަންކުރުމާއި ހަމަހަމަކަމާއި އިންސާފަށް ވާސިލްވެވިއްޖެ ހެއްޔެވެ؟
ހިޔާނާތުގެ ތުހުމަތު މި ސަރުކާރަށް ވެސް ކުރެ އެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުވާ ކަން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެންނާން އެބައޮތެވެ.
މި ތުހުމަތުތައް ދިފާއުކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަަށެވެ.
މިސާލު ރައީސް ދެއްކެވީ ސުޕްރީމް ކޯޓުންނެވެ. ރައްޔިތުންގެ އިތުބާރު އެންމެ މަތީ މަރުހަލާގެ ކޯޓަށް ލިބި ކޯޓު ހިނގަނީ މިނިވަންކަމާ އެކު ކަމަށް ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރާ ވިދާޅުވި އެވެ.
ކޯޓުތައް މިނިވަންކުރުމާއި ހަމަހަމަކަމާއި އިންސާފު ހޯދައިދޭން, ރައީސް ވިދާޅުވި ގޮތުގައި, މި ދައުރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކޮށްދެވިއްޖެ އެވެ.
"އަބަދުވެސް އިސްލާހްކުރަން ޖެހޭ ކަންކަން ހުންނާނެ. ހާއްސަކޮށް ތި ވިދާޅުވި ފަދައިން ޖުޑީޝަރީއަށް ގެންނަން ޖެހުނު ބޮޑު ބަދަލު އެއީ ވަރަށް ގިނަ މަސައްކަތްތަކެއް. އަޅުގަނޑު ހިތުން އެންމެ ބޮޑު ބަދަލުތަކެއް ގެންނަން ފެށުނު އެއް ދާއިރާއަކީ ވެސް އެއީ," ރައީސް ވިދާޅުވި އެވެ.
އެކަމަކު ދަށު ކޯޓުތަކަށް އަނެއްކާވެސް ކުރީގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ އިތުރު ދައުރެއް ބޭނުންވާ އެއް ސަބަބެވެ. މިނިވަންކަން ދަމަހައްޓައި ހައްގުތައް ކަށަވަރުކޮށްދޭން އެންމެ ބޮޑަށް އިތުބާރު އުފައްދަން ޖެހޭ އެއް ދާއިރާއަކީ އެއީ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ފަށާފައި މިހުރި މަސައްކަތްތައް ނިމުނީމަ ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް ޖުޑީޝަރީއަށް އަންނާނެ," ރައީސް ވިދާޅުވި އެވެ.
"ހަމަހަމަ ފުރުސަތުދިނުން, އަޅުގަނޑު ހިތުން އެންމެ ބިރުވެރިކަން އުފެދިފައި އޮތް ކަމަކީ ވަޒީފާގެ ކަށަވަރުކަން ނެތުން. ކުންފުނިތަކަށް އެކަނި ބަލާއިރު ހިޔާލުތަފާތުވެގެން އެއް ރަށުން އަނެއް ރަށަށް 1,000 އަށް ވުރެން ގިނަ މުވައްޒަފުން ބަދަލުކޮށްފައި އެބަހުރި. ހަމަގައިމު ވެސް މި ފސް އަހަރު ނިމިގެންދާއިރު އެފަދަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އަމަލުކުރަމުން އައި ގޮތަށް ވަޒީފާ އިން ދުރުކުރަން މީހުން އާއިލާއާ ވަކިން މުޅިން އެހެން ރަށަކަށް ފޮނުވާލައި ހިތްދަތިކަން ދިނުން ފަދަ ކަމެއް މި ސަރުކާރުން ކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅެއް އަޅާފައި އޮންނާނީ ގަވައިދާ ޚިލާފަށް ކަމެއް ކޮށްގެން ނުވަތަ ފަރުވާކުޑަވެގެން ގެއްލުމެއް ލިބިދާނެ ހާލަތުގައި އެކަނި ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަށް އަމާޒުކުރާ ކޮރަޕްޝަން ތުހުމަތުތައް ބެލޭނެ ހުރިހާ ނިޒާމެއް އޮތީ ގާއިމްކޮށްދީފައި ކަމަށާއި މިނިވަންކަމާ އެކު އޭސީސީ ހިނގާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަަމާޒުކޮށް އެ ވާހަކަ އެބަދައްކާ އެކަމަކު ވެސް އެއްވެސް ބޭފުޅަކަށް އަދިވެސް އެއްވެސް ތަނަކަށް ހުށަހަޅައިގެން ބަލާކަށް ނެތް، ޑޮކިއުމަންޓެއް ފައިލްކޮށްފައި ވެސް ނެތް." މައްސަލައަކަށް ނުފޫޒު ނުފޯރުވާނެ ކަަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ ބޮޑު ތުހުމަތަކަށް އަމާޒުވީ ވެންޓިލޭޓަރު މައްސަލަ ކަމަށާއި ޝަރީއަތާ ހިސާބަށް ފޮނުވާނެ ވަރުގެ ހެއްކެއް އެ މައްސަލާގައި އަދިވެސް ފެންނަން ނެތެވެ.
ކޮވިޑުން އަރައިގަނެވި ހަމަނޭވާ ލެވުނު އިރު އިގްތިސާދީ ކުރިއެރުން ރަނގަޅު ކަމަށާއި ދެން އޮތީ ބޮޑު ބަދަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރާއްޖޭގެ އިގްތިސާދުގެ ސައިޒް. އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި މިއޮތީ 81 ބިލިއަން ރުފިޔާ މުޅި އިގްތިސާދަކީ. އެ ބަދަލު ކޮވިޑާ އެކު ހުއްޓުނު. އެކަމަކު މި އަހަރު ނިމޭއިރު އަޅުގަނޑު ހިތުން 119 ބިލިއަން ރުފިޔާއަށް އަރާނެ އިކޮނޮމީގެ ސައިޒް," ރައީސް ވިދާޅުވި އެވެ.
"ޓާގެޓަކީ 2028އާ ހަމައަށް އަންނައިރު އިގްތިސާދު ދެގުނަކުރުން. އެކަންވާތަން އެބަފެނޭ. އެއީ 170-180 ބިލިއަން ރުފިޔާއަށް އިގްތިސާދުގެ ސައިޒް ފުޅާވެގެންދާނެ,"
އެކަން ކުރައްވާނީ ރައީސް ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދު އާއި މާފަރާއި ކައްދު އާއި އައްޑޫ އެއާޕޯޓަށް ގެނެވޭ ބަދަލުތަކާއި އުފައްދާ ވަޒީފާގެ ފުރުސަތުތަކާ އެކު ޓޫރިސްޓުން އެތެރެވުން އިތުރުކޮށްގެންނެވެ. މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނަތަން ވެސް ފެނިވަޑައިގަންނަވާ ކަމަށާއި ދަނޑުވެރިކަމުން ވެސް ބޮޑު އާމްދަނީއެއްގެ ގޮތުގައި ކުރިއަރުވާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު އުފައްދަން އެކުލަވާލި ކޯލިޝަން އަދިވެސް ދެމިއެބައޮތެވެ. ސަރުކާރުން ވަކިވެއްޖެ ކަން ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމުން ވެސް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަ އެވެ. އެމްއާރުއެމަށް ކުރިމަތިވެފައި އޮތް ގާނޫނީ ހާލަތާ ހެދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފާރިސް މައުމޫން ވާދަކުރައްވަ އެވެ.
ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ކަންބޮޑުވުމަކީ އެއްބަސްވި ގޮތަށް މި ސަރުކާރުގައި ކަންކަން ކުރިއަށް ނުގެންދެވުމެވެ. ސަރުކާރުގައި ޕާޓީތައް ހިއްސާވާ މިންވަރު ކަނޑައެޅިޔަސް އެ އަދަދަށް ވަޒީފާތައް ހަމަނުޖެހުމެވެ. ނިންމެވުންތައް ނިންމެވުމުގައި ރައީސް މަޝްވަރާ ނުކުރެއްވުމެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އެއްބާރުލުން ދޭން ޕާޓީތަކުން އެއްބަސްނުވީ އެމަނިކުފާނު ގޯސްކޮށް ކަންކަން ކުރެއްވުމުން ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
"ކޯލިޝަން އެއްބަސްވުމުގައި ހުރި ގިނަ ކަންކަން އަޅުގަނޑު ހުންނާނީ ތަންފީޒުކޮށްފައި. އެހެނެއް ނޫން ބައެއް ބޭފުޅުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރަންޏާ އަޅުގަނޑަށް ޖެހޭނެ ވަކިކުރަން. އަޅުގަނޑުމެން އައިސް މިތިބީ ވައުދުތަކެއް ވެގެން ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން. އެކަން ނުކުރެވޭ ކަމަށް ވަންޏާ ނަގަން ޖެހޭ ޑިޒިޝަންތަކެއް އަޅުގަނޑު ނަގަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދަތި އުނދަގުލުގައި ކޯލިޝަން ދެމެހެއްޓިއްޖެ އެވެ. ފަސް އަހަރުގެ ތެރޭގައި ވަރަށް އުނދަގޫ ޑިޒިޝަންތައް ނަގަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
"އުނދަގޫ ވަގުތުތައް އާދޭ. ކޮންމެ ކަމެއް ނިންމާކަށް ކޮންމެ ފަހަރަކު އަޅުގަނޑަށް ލީޑަޝިޕްގެ ހުރިހާ އެންމެން އެއްތަނަކަށް އެއްވެ އެކަން ކުރަން ވެއްޖިއްޔާ ނުވާނެ. ކެބިނެޓެއް އެބައޮވޭ. ޕާޓީތަކުގެ ރެޕްރެޒެންޓޭޝަން އެބައޮވޭ. ވިއު ހުށަހެޅޭ. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު މިހާތަނަށް މި ގެނެވުނީ އާދެވުނީ ކޯލިޝަންގެ އެއްބާރުލުމާއި މަޝްވަރާއާ އެކުގައި. އެގޮތަށް ދެކެވަޑައިގަންނަވާ ކަމުގައިވާ ނަމަ އެއީ އެ ބޭފުޅުންގެ މައްސަލައެއް."
ރައީސް ވިދާޅުވީ އަށް ކެންޑިޑޭޓަކު މި އިންތިހާބުގައި ވާދަކުރިޔަސް ހަގީގީ ވާދަވެރިކަމެއް އޮތީ ޕީޕީއެމާއި އެމްޑީޕީގަ އެވެ. ކެމްޕޭންގައި މަދު ރަށްތަކެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތް އިރު ވަރަށް ސާފުކޮށް އެކަން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ސަލާންކުރަން ނުކުމެ ތިބި ގިނަ ރައްޔިތުން އެ މީހުންނަށް ފެންނަ ގޮތް ސާފުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މަރުހަބާ ކިޔަން ނުކުންނަ މީހުންނާ އެކު ތިބޭ ކުޑަކުދިންގެ ޝުއޫރު ރައީސް ހިއްސާކުރެއްވި އެވެ.
"މި ރަށުގައި ޕާކެއް އަޅައިދޭށޭ ވެސް ބުނާނެ. ރައީސްދެކެ ވަރަށް ލޯބިއޭ ބުނާނެ ބައެއް ކުދިން. ރަށަކުން މިފަހުން ދިމާވި ކުއްޖަކު ބުނި ރައީސް ހޮވޭނީ އެއްބުރުންނޭ،" ހިނިފުޅުވަޑުވަމުން ރައީސް ވިދާޅުވި އެވެ.
ރަށްރަށުން ފެންނަ އެ އުފާވެރިކަމާއި ހަމަޖެހުމާއި އަމާންކަމުން ދެވަނަ ދައުރެއް ކަށަވަރުކުރެވޭނެ ކަމަށް ކަމަަށް ރައީސް ހުންނެވީ ޔަގީންކުރައްވައިގެންނެވެ. ކޮވިޑާ އެކު ކުރިމަތިވި ގައުމު ހުއްޓުން ފަދަ ކަމެއް މެދުވެރިނުވެ މި ދައުރުގައި ފަށާފައި ހުރި މަޝްރޫއުތައް ނުހުއްޓި ގައުމުގައި އޮތް ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ދެވަނަ ދައުރަކަށް ރައީސްގެ ތަސައްވުރެވެ.