07 ސެޕްޓެމްބަރ 2023 - 12:24

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، އިންތިހާބުގައި ވޯޓު ނެގުމަށްޓަކައި ވޯޓު ކަރުދާސްތައް ތައްޔާރު ކޮށްފައިވާ ކަމަށާއި އެ ކަރުދާސްތައް ޗާޕު ކޮށްފައި ވަނީ ނޮވެލްޓީން ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކަނޑައެޅި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށެވެ.
ދެތިން ރަށް ފިޔަވައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިއްޔެ ވޯޓު ކަރުދާހާއި ސެކިއުރިޓީ ސާމާނު ފޮނުވައި ނިމިފައިވާ ކަމަށާއި ބާކީ ހުރި ބައެއް ރަށްރަށާއި ރިސޯޓުތަކަށް ވެސް ވޯޓު ކަރުދާހާއި ސެކިއުރިޓީ ތަކެއްޗާ އެކު އޮފިޝަލުން ދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ އިނގިރޭސި ވިލާތުގެ ލަންޑަނާއި މެލޭޝިއާ އަށް އިއްޔެ އޮފިޝަލުން ވަނީ ފުރައިފަ އެވެ. އިންޑިއާ އާއި ސްރީ ލަންކާ އަދި އަބޫދާބީ އަށް ވެސް އޮފިޝަލުން މިއަދު ފުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
"މި ފޮނުވަނީ ވެރިޔާ އާއި ވެރިޔާގެ އެހީތެރިޔާ. އެ ފަރާތްތަކުން ގޮސް އެ ސަރަހައްދުތަކުން އޮފިޝަލުން ތަމްރީން ކުރުމުގެ ކަންކަން ވެސް ކުރާނެ،" ހަބީބް ވިދާޅުވި އެވެ.
ބޭރުގެ އޮބްޒާވަރުން އިއްޔެ އިން ފެށިގެން ރާއްޖެ އަންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހަރުގެ އިންތިހާބު އޮބްޒާވް ކުރަން 165 އޮބްޒާވަރެއް ބައިވެރިވާ އިރު އޭގެ ތެރޭގައި ބޭރުގެ 22 މީޑިއާއެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މިރޭ އޮންނާނެ އިންތިހާބުގެ ތެރޭގައި އަމަލު ކުރަން ޖެހޭ ގޮތްތަކާ ބެހޭ ބްރީފިން އެއް އެ ފަރަތްތަކަށް ދިނުން،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ބައިވެރިވެ އެވެ. މި ފަހަރުގެ އިންތިހާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.