07 ސެޕްޓެމްބަރ 2023 - 11:38

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މެންދުރު 12 ގެ ކުރިން ވޯޓު ލާ ނިންމުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.

ހެންވޭރުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އާންމުކޮށް އިންތިހާބުތަކުގައި ހަވީރު ހަތަރެއް ޖެހުމާ އެކު ވަގުތު އިތުރުކުރާ ކަމަށެވެ. އެކަން ކުރަނީ ވޯޓު ލާން ދިޔަ މީހުން މަދުވި ކަމަށް ބުނެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް މުއިއްޒު ރޭ އިޝާރާތްކުރެއްވި އެވެ.

"[ވަގުތު] އިތުރުކޮށްގެން އެ ގަޑީގައި އެ ކުރަން އުޅޭ ކަމެއް ކުރެވޭތޯ ބަލަނީ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން އެކި ގޮތްގޮތަށް ވޯޓަށް ނުފޫޒު ފޯރުވައި ވޯޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ވަކީ އެކި ފަހަރު މަތިން ތުހުމަތުކޮށްފަ އެވެ.
"އެހެންވީމަ މިފަހަރު އެ ފުރުސަތު ނުދެއްވާ. ހުރިހާ ރައްޔިތުން 12 ޖަހަން ވާއިރަށް ގޮސް ވޯޓު ލާ ނިންމާލަންވީ. ދޭއެއްގެ ފަހުން ވޯޓު ލާނެ މީހަކު ބަހައްޓާނެ ކަމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ހަވީރު ހަތަރެއް ޖެހުމާ އެކު ވަގުތު އިތުރުކޮށްގެން "ސަކަރާތް ޖަހަން" މިފަހަރު ފުރުސަތު ދީގެން ނުވާނެ އެވެ. ވޯޓު ފޮށިތައް ކައިރީގައި ކަންކަން ހިނގާ ގޮތް ވެސް މޮނީޓަރުން ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ އެވެ. އަދި ކުރިއަށް މި އޮތް ދެ ދުވަހު ވީހާ ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެން އިންތިހާބު ކާމިޔާބުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.