ބޭހުގެ ނަމުގައި ޑްރަގް އެތެރެކުރުން އާންމުވެއްޖެ
ބޭހުގެ ނަމުގައި ޑްރަގް އެތެރެކުރުން އާންމުވެއްޖެ

ބައްޔަކަށް ފަރުވާ ހޯދަން ބޭހުގެ ގޮތުގައި ރާއްޖެއަށް ޑްރަގް އެތެރެކުރުން އާންމުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ބޭހުގެ ނަމުގައި ޑްރަގް އެތެރެކުރުން އާންމުވެއްޖެ
ބޭހުގެ ނަމުގައި ޑްރަގް އެތެރެކުރުން އާންމުވެއްޖެ

މިދިޔަ ފަސް އަހަރު ފުލުހުން އަތުލައިގަތް ޑްރަގްގެ ތެރެއިން މިހާތަނަށް މައްސަލަ ނިމުނު ކޭސްތަކުގައި ހިމެނޭ 368 މިލިއަން ރުފިޔާގެ، 232 ކިލޯއަށް ވުރެ ގިނަ ޑްރަގް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ނައްތާލައިފަ އެވެ.

ބޭހުގެ ނަމުގައި ޑްރަގް އެތެރެކުރުން އާންމުވެއްޖެ
ބޭހުގެ ނަމުގައި ޑްރަގް އެތެރެކުރުން އާންމުވެއްޖެ

މަސްތުވާތަކެތި ނައްތާލަން ދޫނިދޫގައި ބޭއްވި އިވެންޓަށް ފަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ނާކޮޓިކް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އެތެރެކުރާ ބޭހުގެ ލިސްޓުގައި ނުހުންނަ ބޭހުގެ ގޮތުގައި ޑްރަގް އެތެރެކުރުން ވަރަށް އާންމުވެފައިވާ ކަމަށެވެ.

"މިހާރު ދިމާވާ ވަރަށް ބޮޑު މައްސަލައެއް މިއީ، ޖަދުވަލުގައި [މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާންކޮށްފައި] ނުހުންނަ ބޭހުގެ ގޮތުގައި ރާއްޖެއަށް ޑްރަގް އެތެރެކުރުން. އޭގެ މާނައަކީ ޖަދުވަލު އެކެއްގައި ވެސް ދޭއްގައި ވެސް ނުހުންނަ ކަހަލަ މަސްތުވާތަކެތި. އެ މީހުން ގަބޫލުކުރާ ގޮތުން އެއީ އެތެރެކޮށްގެން މައްސަލަ ދިމާވާނެ އެއްޗިއްސެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އެއީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބަޔާންކުރާ މަސްތުވާތަކެތީގެ ލިސްޓުގައި ހިމެނޭ އެއްޗަކަށް ވިޔަސް ރާއްޖޭގައި އަމަލުކުރާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެއީ މަސްތުވާތަކެތި ކަމަށް ނުހިމެނޭ ބާވަތްތަކެވެ. ފުލުހުން ވަނީ މި ބާވަތް، މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނައުމަށް ކުރިން ވެސް އެދިފަ އެވެ.

"ބޭހުގެ ގޮތުގައި ވަރަށް ބައިވަރު މިހާރު އެބަ އެތެރެކުރޭ. ބޭހުގެ ގޮތުގައި ނޫނީ މެޑިކަލް އެކިއެކި ބޭނުންތަކުގެ ގޮތުގައި މި އެތެރެ ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެކަން ހައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުން އެކަމަށް ހައްލެއް ލިބެން ނެތުން ކަމަށެވެ.

"ގާނޫނީ ގޮތުން މިހާރު ފަރުވާއެއް ލިބެން ޖެހޭ ކަމެއް މިއީ. ގާނޫނުގެ ތެރޭގައި އެ އެއްޗެހި [ގާނޫނުގައި ބަޔާންކޮށްފައި ނުވާ މަސްތުވާ ތަކެތި] ގާނޫނުގައި ހިމަނައިގެން ވެސް އެ އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން ހުއްޓުވުން،" އޭނާ ވިދާޅުވި އެވެ.

ބޭހުގެ ގޮތުގައި މަސްތުވާތަކެތި އެތެރެކުރުން އާންމުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޝަރީފް ވިދާޅުވީ އެފަދަ ޑްރަގް ޓެސްޓް ކުރެވޭނެ ގޮތެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ.

"އެ އެއްޗެހި އެތެރެ ކުރުމުގެ ޓްރެންޑް ވަރަށް ބޮޑަށް އިތުރުވެފައި މި ވަނީ. ކޮންމެ އެއްޗަކީ އޭގެ ޒާތުގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އަންނާނެ އެއްޗިއްސެއް ނޫން. ޕޯސްޓް ނޫނީ ކަސްޓަމަށް ފިޓް ވާނެ އެއްޗިއްސެއް ނޫން. އެފަދަ ބޭހުގެ ތެރޭގައި ހިމެނޭ ޓެސްޓް ނުކުރެވޭނެ އެއްޗެހި ވެސް. ޓެސްޓް ކުރެވޭ އެއްޗެހިން މި އެނގެނީ ވަކި ބާވަތެއްގެ ޑްރަގެއްކަން."

ރާއްޖޭގެ ގާނޫނުގެ ދަށުން "މަސްތުވާތަކެތި" ކަމަށް ބެލެވޭނީ "މަނާކޮށްފައިވާ މަސްތުވާތަކެތި" އަދި "ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި" ގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ލިސްޓުގައި ހިމެނޭ ތަކެއްޗެވެ. މަސްތުވާ އެއްޗަކަށް ވިޔަސް މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ފިޔަވަޅެއް އެޅޭނީ އެ ބާވަތަކީ ގާނޫނުގައި ބުނާ މަސްތުވާ އެއްޗަކަށްވާ ނަމަ އެވެ. އެކަމަކު ގާނޫނުގައި ނުހިމެނޭ މަސްތުވާތަކެތި ނަމަވެސް މަސްތުވެގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ގާނޫނުގައި ކުށެކެވެ. އޭގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.