ގާސިމް ވިދާޅުވީ ހއ. އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ވެރިން ބޭނުންނުވީ ކަމަށް
ގާސިމް ވިދާޅުވީ ހއ. އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ވެރިން ބޭނުންނުވީ ކަމަށް

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރަން ހުރިހާ ކަމެއް އޭނާ ކޮށްދެއްވި ނަމަވެސް އެކަން ކުރަން އެ ސަރުކާރުން ބޭނުން ނުވީ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް ވިދާޅުވީ ހއ. އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ވެރިން ބޭނުންނުވީ ކަމަށް
ގާސިމް ވިދާޅުވީ ހއ. އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ވެރިން ބޭނުންނުވީ ކަމަށް

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހއ. އިހަވަންދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހއ. އަތޮޅުގައި ޓްރާންސްޝިޕްމަންޓެއް ބަނދަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ހުރިހާ ކަމެއް ގެންދެވި ކަމަށެވެ.

"މި ތަނަށް އަޅުގަނޑު ގެންނަން އުޅުނު ޓްރާންސްޝިޕްމަންޓް ބަނދަރާ އެއްޗެހި ކޮބައިތޯ؟ އިހަވަންދިއްޕޮޅުގައި. ތިން އަހަރު ވީ އިރު އެމްއޯޔޫ ގަނޑުގައި ސޮއި ވެސް ކޮށްނުލެވުނު،" ނަޝީދުގެ ސަރުކާރުގައި އެކަން ކުރަން ބޭނުން ނުވީ ކަމަށް ތުހުމަތު ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ދިމާއަށް ބުނީ ބޭނުމެއް ނެތޭ ތިކަން ކުރާކަށް."

ގާސިމް ވިދާޅުވީ އެ ބަނދަރު ތަރައްގީ ކުރި ނަމަ ހއ. އަތޮޅުގައި މިއަދު ފެންނާނީ ތަނަވަސްކަމާއި އިގުތިސޯދީ ކުރިއެރުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެރިކަން ކުރި ކޮންމެ ސަރުކާރެއް ގެންނަން ޖޭޕީން ބައިވެރިވީ ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދޭނެ ކަމަށް ހީކޮށެވެ. އެކަމަކު، ގޯސްކޮށް ކަންކަން ކުރާތީ އެ ވާހަކަ ބުނުމުން، ސަރުކާރުން ބޭރުކުރީ ކަމަށް ވިދާޅުވި އެވެ.

މިއީ ގާސިމް ވިދާޅުވި ގޮތުގައި، ތިން ވަނަ ފަހަރަށް އިންތިހާބުގައި ވާދަކުރައްވަން ނުކުންނަން މަޖުބޫރުވި ސަބަބު ކަމަށާއި ޖޭޕީ ބައިވެރިވެގެން ގެނައި ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަމުގެ "ބަދުނާމުން" ސަލާމަތްވާށެވެ.

"ބޮޑުތަނުން ހިޔާނާތްވެއްޖެ. އެމްޑީޕީ ވެސް ޕީޕީއެމް ވެސް ހިޔާނާތްތެރިވެއްޖެ. ގާނޫނުއަސާސީ އާ ހިލާފުވެއްޖެ،" ގާސިމް ވިދާޅުވި އެވެ.

އެހެންކަމުން، މި އިންތިހާބުގައި އޭގެން އެއްވެސް ޕާޓީއަކަށް ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރުން ބޮޑެތި ޕްރޮޖެކްޓުތައް އިއުލާނުކުރަމުންދާ އިރު، ގާސިމް ވިދާޅުވީ އެ ހުރިހާ މަޝްރޫއުތައް ހިންގަނީ ސަރުކާރު ދީލަތިވެގެން ނޫން ކަމަށާއި، އެކަންކަމަށް ހަރަދު ކުރަނީ ރާއްޖެ ދަރަނިވެރި ކުރުވައިގެން ބޭރު ގައުމުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ކަމަށެވެ.