07 ސެޕްޓެމްބަރ 2023 - 17:09

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ގަޑިއެއްހާއިރު ވަންދެން ވާހަކަ ދެއްކެވި އިރު އޭނާ ވަރަށް ބޮޑަށް ބާރު އަޅުއްވައި އެއް ވާހަކައެއް ތަކުރާރު ކުރެއްވި އެވެ؛

މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން ކޮންމެ ސަރުކާރެއް އެކުލަވައިލުމުގައި ބައިވެރިވުން އޮތް އަދި ކޮންމެ ކެބިނެޓެއްގައި ވެސް އަތެއް އޮންނަ ގާސިމް ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު މި އޮތީ އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފަ އެވެ.

އެ ހިސާބަށް ކަންކަން ދިޔައީ ގާސިމް ވިދާޅުވި ގޮތުގައި 2008 ގެ ފަހުން އައި އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރު ފެއިލް ވެގެންނެވެ. އެހެން ޕާޓީތަކުގެ ތާއީދާއެކު ވެރިކަމަށް އިންތިހާބުވި ނަމަވެސް އެއްބަސްވުމަށް އިހްތިރާމް ނުކުރާތީ އެވެ. ބޮޑެތި ނިންމުންތަކުގައި ޖުމްހޫރީ ޕާޓީގެ ހިޔާލު ނުހޯދުމާއި ބައިވެރި ނުކުރުމެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ ނުވަތަ ގާސިމް ކުޅުއްވީ މުޅީން ތަފާތު ރޯލެކެވެ. އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމާއި ރާއްޖެ އަށް ސިޔާސީ މިނިވަންކަން ހޯދަން ސިއްރާއި ފާޅުގައި ކުރެއްވި ހުރިހާ މަސައްކަތެއްގެ އެންމެ ކުރީގައި ހުންނެވި އެއް ބޭފުޅަކީ ގާސިމް އެވެ.
ގާސިމް ވިދާޅުވާ ގޮތުން ނަމަ ރާއްޖޭގެ ދެކުނު އެންމެ ބޮޑު އިސްލާހީ ބަދަލު ގެންނަން "އެންމެ ބޮޑު ގެއްލުމާއި އަނިޔާ" ތަހަންމަލު ކުރަން ޖެހިވަޑައިގަތީ ވެސް އޭނާ އެވެ. އަދި އެކަމަށްޓަކައި އެންމެ ބޮޑު ރިސްކެއް ނެންގެވީ ވެސް ގާސިމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ބޭފުޅުން ނަން ވެދާނެ. އެކަމަކު އަޅުގަނޑު ނަން ނުވިޔަސް ކަން ކުރި މީހަކީ އަޅުގަނޑު. ހަގީގަތުގައި އަޅުގަނޑު ނެތް ނަމަ މި ބަދަލެއް ނައިސް. ގާނޫނުއަސާސީ އިސްލާހެއް ނުކުރެވުނީސް،" ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސް ކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތް ފެއްޓެވުމުގައި އެންމެ ކުރީއްސުރެ އުޅުއްވި ގިނަ ބޭފުޅުން މިހާރު ދުނިޔޭގައި ވެސް ނެތެވެ. އުމުރުން 72 އަހަރުގެ ގާސިމް ވިދާޅުވި ގޮތުގައި މިއަދު ގައުމު މި ދާ މިސްރާބަށް ދާން ދޫކޮށްލައިފި ނަމަ އެއީ އެ މީހުން ވެސް ކުރި މަސައްކަތް ބޭކާރުވެގެން ދިޔުމެވެ. އެ މީހުން ތިބި ނަމަވެސް މިކަން ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު ވެސް ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނެތް ނަމަވެސް މިހާރުގެ ހާލަތު ގާސިމް ސިފަ ކުރައްވަނީ އެއަށް ވުރެ "ނާމާން" ދުވަސްތަކެއްގެ ގޮތުގަ އެވެ. މި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމެވީ ގާސިމް ވިދާޅުވި ގޮތުގައި މައިގަނޑު ދެ މައްސަލައެކެވެ.
އެއް ކަމަކީ ރާއްޖެ އާއި މޮރިޝަސް އިން ވަކި ކުރުމުގެ މައްސަލާގައި ސަރުކާރު އަމަލު ކުރި ގޮތެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިއްޖެ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ނާންގާ ސިއްރުން ކަމަށާއި ގާނޫނުއަސާސީ އާ މުޅިން ހިލާފަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ދެވަނަ މައްސަލައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ތެރޭގައި ދެ ހެލިކޮޕްޓަރު ގެނެސްގެން ފެށި ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ދެވަނަ ވެރިކަމުގައި އެ މީހުންނަށް އިތުރަށް ބާރުތައް ދީ މައްސަލަ އިތުރަށް ބޮޑު ކޮށްފި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރާއްޖޭގައި އޮތް މިނިވަންކަން ގެއްލިގެން ދާ ހިސާބަށް ގޮސް ރައްޔިތުން އަނގުރު އަލިފާންގަނޑެއް ތެރެއަށް ވެއްޓިގެން ދާއިރު އަޅުގަނޑާ އެކީގައި [އިސްލާހީ] މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން އަވަހާރަވި ކަމުގައިވިޔަސް ދުނިޔޭގައި ހުރި މީހާ އެ ވާޖިބު އަދާ ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ މި މަސައްކަތަށް މި ނުކުތީ،" ގާސިމް ވިދާޅުވި އެވެ.
މިނިވަންކަން ގެއްލޭ ހިސާބަށް ގައުމު ވެއްޓުމުގެ އިތުރު ގާސިމްގެ އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ރާއްޖޭގެ މާލީ ހާލަތެވެ. ކުރިން ރާއްޖޭގެ ގަވަރުނަރު ކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އިރު 2026 ގައި ބިލިއަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ދައުލަތުން ދައްކަން ޖެހެ އެވެ.
"އިންޑިއާ އިން އެކަނި 300 މިލިއަން ޑޯލަރު ދިނީ ހިލޭއެއް ނޫން. މީގެ ބޭނުމަކީ ދަރަނިވެރި ކޮށްލުން. މި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަނީ ކީއްވެގެންތޯ؟" ގާސިމް ސުވާލު ކުރެއްވި އެވެ.
ވެރިކަން ލިބިވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ވެސް ދަރަނި ރީސްޓްރަކްޗާ ކުރުމާއި ބެންކުތަކާއި ގައުމުތަކާ ވަރަށް ކުރިން ޑައިލޮގްތައް ފަށައި އަވަށްޓެރި ސްރީ ލަންކާ އޮތް ހާލަތަށް ރާއްޖެ ނުގެންދިޔުމަށް ކުރަން އޮތް މަސައްކަތް ކުރުމަކީ ގާސިމްގެ އަމާޒެވެ.
"ކުރީ ބައިގައި ޑައިލޮގް ނުޖެއްސިގެން ސްރީ ލަންކާ ބެންކްރަޕްޓު ވީ. އެއީ ކުރިން ހަމަޖެހިގެން އުޅުން މީހުން. އެ ހާލަތަށް ވެއްޓުނަ ނުދީ ގައުމު ސަލާމަތް ކޮށްދިނުން އެއީ [ގާސިމްގެ ވެރިކަމެއްގައި] އެންމެ ފުރަތަމަ ކަމަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ސަރުކާރާއި އެމްޑީޕީގެ ދެ ސަރުކާރުން ވެސް ރަނގަޅު ނުވި އެއް ކަމަކީ ކޮރަޕްޝަން ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމުން އެކަނި ގައުމު ސަލާމަތް ކުރިޔަސް މިހާރު ކުރާ ހަރަދުތަކުގެ 50 ޕަސެންޓު ސަލާމަތް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ މެނިފެސްޓޯގައި ސަރުކާރުން ވަރަށް ގިނަ ކަންކަން ހިލޭ ކޮށްދިނުމަށް ވައުދުވެފައި ވަނީ އެ ފައިސާ ހޯދާނެ ގޮތާއި ދަރަނިން ސަލާމަތްވުމަށް ފަހު ވެސް އެތައް ގޮތަކުން ރާއްޖެ މާލީ ގޮތުން މިިނިވަން ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތުމުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި 2008، 2013 އަދި 2018 ގައި ވެސް ކޯލިޝަން ޕާޓްނަރެއް ގޮތުގައި މަސައްކަތް ކުރަން ނިންމީ ވަރަށް ބޮޑެތި އުންމީދެއްގަ އެވެ. ކޮންމެ ފަހަރަކު އޭގެ ކުރީ ސަރުކާރަށް ވުރެ ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވެ އެވެ. ނަމަވެސް އެއްވެސް ފަހަރެއްގައި އެއްބަސްވުމަށް އިހްތިރާމް ނުކުރެ އެވެ. އަދި ވެރިކަމަށް އައުމަށް ފަހު ކޮންމެ ސަރުކާރަކުން ވެސް ހަދަނީ އެ ބަޔަކު ބޭނުން އެއްޗެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް ކޮންމެ ފަހަރަކު ގައުމު ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާލުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ ނިންމަނީ ކޯލިޝަން އުވާ ނުލައި އަދި އިދިކޮޅަށް ވެސް ވަކި އެއްޗެއް ނުބުނެ ހަމަ ހިމޭނުން އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ސަރުކާރެއް ގެނައި އިރު އަބަދުވެސް ކޮރަޕްޝަނާއި ގާނޫނުއަސާސީ އާ ހިލާފު ވާހަކަ މި ދައްކަނީ. ފުރަތަމަ ބުރުގައި އަޅުގަނޑު ނުހޮވާ ރައްޔިތުން. އެކަމަކު އަޅުގަނޑު ނުހޮވިއެއް ކަމަކު ކޭއޮސް އެއް ނުއުފެއްދޭނެ ދެއްތޯ. ގައުމު ގައުމެއް ގޮތުގައި ހިނގަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.
ދިމާވާ އަނެއް މައްސަލައަކީ، ގާސިމް ވިދާޅުވި ގޮތުގައި އޭނާ އަށް ކުރާ އުނދަގޫތަކެވެ. ގައުމުގެ ކަންކަން ރަނގަޅު ކުރުމުގައި ދެން ވެސް ހުރެވޭނީ ސަލާމަތުން ހުރެގެން ކަމަށާއި އަބަދަކު ޖަލުގައި ނުހުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިޔަފާރި އަށް ވެސް ބޮޑެތި ގެއްލުން ކޮންމެ ފަހަރަކު ދޭނަމަ އެއީ ވެސް މަސައްކަތްތަކަށް އެޅިގެން ދާނެ ހުރަހެއް ކަމަށް ގާސިމް ވިދާޅވި އެވެ.
"ވަކި ކަމެއް ނޫން ހުރިހާ ކަމަކަށް ވެސް އުނދަގޫ ކުރޭ. ކޮންމެވެސް ވަރަކަށް ހައިބަނޭޓް އަށް ދާން ޖެހޭ. އެ ނޫން ގޮތެއް ނޯވޭ." ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު އަންނަ ޕްރެޝަރާއެކު ކުޑަކޮށް ފަހަތަށް ޖެހިލި ނަމަވެސް ގައުމުގެ ކަންކަން ބޮއްސުންލާއިރު ކަމެއް ނުކޮށް ނުހުންނަވާނެ އެވެ. ދުނިޔޭގައި ހުރިހާ ހިނދަކު އެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރީ ފަހަރަކުތަކާ ހިލާފަށް މި ފަހަރު މާލީ ގޮތުން ވެސް އެހާ ފަސޭހައެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާ ދައްޗަކާއެކު އަދި އާއިލާގެ ވެސް ނުރުހުމުގައި އަލުން އިސްލާހީ މަސައްކަތުގައި އެކްޓިވް ވެގެން މަސައްކަތް ކުރަން ޖެހުނީ އެހެންވެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމް އާއި އެމްޑީޕީ އަށް ދިން ހުރިހާ ފުރުސަތެއްގައި ރައްޔިތުންނަށް ވައުދުވި ކަންކަމުގެ 50 ޕަސެންޓާ ހަމައަށް ވެސް ފުއްދައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ވެރިކަމުގައި ޗާޓުން ބޭރުން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުން ހައްޔަރު ކުރި އެވެ. ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން އިންތިހާއަށް ބޮޑުވި އިރު މި ސަރުކާރުގައި ކަނޑުން ބައެއް ގެއްލިގެން ގޮސް އިންޑިއާ ސިފައިން ވެސް ރާއްޖޭގައި ބަހައްޓާފައިވާ ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭ އިރު އެ ހުރިހާ ކަމަކަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށާއި ޓެސްޓު ކޮށް ފައިލްވެފައި ތިބި ބަޔަކަށް އިތުރު ފުރުސަތެއް ދީގެން މައްސަލަތައް ހައްލު ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ޗީޓް ކޮށްފި އިންތިހާ ދަރަޖަ އަށް އެންމެން ވެސް. މިއީ ހަގީގަތުގައި ވެސް ފެއިލް ވުން. އެހެންވެ ކީއްވެގެންތޯ ގާސިމަށް ފުރުސަތު ނުދޭންވީ." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އަބަދުވެސް "ބޮޑު ޕާޓީ ކުޑަ ޕާޓީ" އަށް ބަލައި ވޯޓު ދިނުން ނިންމަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. ވަކި ކުލައަކަށް ނުބަލައި ގައުމުގައި ހުރި މައްސަލަތަކާ މެދު ފުންކޮށް ވިސްނުމަށް ފަހު ރައްޔިތުން ގޮތެއް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބުގައި ނުކުމެ މި ހުރީ އެކަންކަން ރައްޔިތުންނަށް ވީވަރަކުން ކިޔައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.