ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް ހާމޯސޯ ބަޔާން ދީފި
ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް ހާމޯސޯ ބަޔާން ދީފި

މެޑްރިޑް (ސެޕްޓެމްބަރު 7) - ސްޕެއިން ގައުމީ ޓީމާ އެކު އަންހެނުންގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި މިޑްފީލްޑަރު ޖެނީ ހާމޯސޯ، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް އަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފި ކަމަށް އެ ގައުމުގެ ޕީޖީ އޮފީހުން ހާމަ ކޮށްފި އެވެ.

ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް ހާމޯސޯ ބަޔާން ދީފި
ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް ހާމޯސޯ ބަޔާން ދީފި

ހާމޯސޯ ބުނީ، މިދިޔަ މަހު އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިންގެ ޓީމަށް މެޑަލް ހަވާލުކުރި ރަސްމިއްޔާތުގައި ރުބިއަލެސް އޭނާ އަށް ބޮސްދިނީ އޭނާގެ ރުހުމުގައި ނޫން ކަމަށެވެ.

ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް ހާމޯސޯ ބަޔާން ދީފި
ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް ހާމޯސޯ ބަޔާން ދީފި

އޭނާ ބުނީ އެއީ ރުހުމުގައި ހިނގި ކަމެއް ގޮތަށް ޕަބްލިކަށް އަންގައިދޭން އޭނާގެ އާއިލާ އަށް ވެސް ރުބިއަލެސް މަޖުބޫރު ކުރުވަން މަސައްކަތް ކުރި ކަމަށެވެ.

ސްޕެއިންގެ ސަރުކާރުގެ އިދާރާތަކާއި ކުޅުންތެރިންނާއި ކުޅުންތެރިންގެ ޔޫނިއަން އަދި އާއްމު ރައްޔިތުން ވެސް ވަނީ ހާމޯސޯގެ ދިފާއުގައި، ރުބިއަލެސްއާ ދެކޮޅަށް މަގުތައް މަތީގައި އަޑުއުފުލައިފަ އެވެ.

ފާޑުކުޔުން އަމާޒު ވުމާއެކު ރުބިއަލެސް ވަނީ އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި އެއީ ރުހުމުގައި ވެފައި އޮތް ކަމެއް ކަމަށް ބުނެފަ އެވެ. މައްސަލަ ހޫނުވެ، އޭނާ މިހާރު ހުރީ ފީފާއިން ދިން 90 ދުވަހުގެ ސަސްޕެންޝަނެއްގަ އެވެ.

ފީފާ އިން ރުބިއަލެސް ސަސްޕެންޑް ކުރީ، އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނިތާ ޖެހިގެން އައި ދުވަހު، އޮގަސްޓް 27ގަ އެވެ.

ރުބިއަލެސްގެ ސަސްޕެންޝަނާ އެކު ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެފައިވާ ފަރާތުން ވަނީ، ސްޕެއިން ޓީމަށް ވޯލްޑް ކަޕް ނަގައިދިން ކޯޗު ޖޯޖް ވިލްޑާ، މަގާމުން ވަކި ކޮށްފަ އެވެ. ވިލްޑާ ވަނީ ރުބިއަލެސް އިސްތިއުފާ ނުދޭނެ ކަމަށް ބުނުމުން އޭނާގެ ނިންމުމަށް ތައުރީފް ކޮށްފަ އެވެ.

އުމުރުން 33 އަހަރުގެ ފޯވާޑް ހާމޯސޯ މިހާރު ކުޅެމުން އަންނަނީ މެކްސިކޯ ލީގުގަ އެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބާސެލޯނާ، ޕީއެސްޖީ އަދި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފަ އެވެ.