ސަރުކާރުން އުޅެނީ އިންތިހާބު ވަގަށް ނަގަން: އިދިކޮޅު
ސަރުކާރުން އުޅެނީ އިންތިހާބު ވަގަށް ނަގަން: އިދިކޮޅު

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، އެކި ގޮތްގޮތުން ނުފޫޒު ފޯރުވައި ސަރުކާރު އުޅެނީ މި އިންތިހާބު ވަގަށް ނަގަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން މިއަދު ތުހުމަތުކޮށްފި އެވެ.

ސަރުކާރުން އުޅެނީ އިންތިހާބު ވަގަށް ނަގަން: އިދިކޮޅު
ސަރުކާރުން އުޅެނީ އިންތިހާބު ވަގަށް ނަގަން: އިދިކޮޅު

މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ދައުލަތުގެ މުއައްސަސާތަކުގައި ހުރި އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި، މި އިންތިހާބާ ދިމާކޮށް އެމްޑީޕީން ޑާޓާބޭސްއެއް ހަދައިގެން ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"މި ދަންނަވާ ވާހަކައަކީ އާސަންދަ، ޕެންޝަން އޮފީސް އަދި ޑީއެންއާރުގައި ހުރި ދިވެހި ރައްޔިތުންގެ ހުރިހާ މައުލޫމާތު ވަގަށް ނަގައިގެން އެމްޑީޕީން މި ވަނީ ޑޭޓާ ބޭސްއެއް ހަދައިފައި،" ތޮލާލް ވިދާޅުވި އެވެ.

"މިފަދަ ކަންކަން މި ފެންވަރުގައި ކުރަމުން ގެންދާ ބަޔަކު މި އިންތިހާބު ވަގަށް ނަގަން ފަހެއް ނުޖެހޭނެ. ދިވެހި ރައްޔިތުން ސަމާލުވޭ، މި އިންތިހާބު ވަގަށް ނަގަން އެއްވެސް ފުރުސަތެއް ދެއްވައިގެން ނުވާނެ."

ތޮލާލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރަން ފަސް އަހަރު ލިބުމުން ވެސް ކަންކަން ނުކޮށްދީ ހުންނަވައި، އިންތިހާބަށް ވަގުތު ކުޑަތަން ވުމުން އާންމުންނަށް އޮޅުވާލުމުގެ ނިޔަތުގައި މުއިއްޒުގެ ވައުދުތައް ވެސް ފުއްދަވާދެއްވަމުން ދާ ކަމަށެވެ. މި ނިމޭ ދައުރުގައި ރައީސް ކުރެއްވިހާ ވެސް ކަމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމާއި ވެހިކަލް ޖޫރިމަނާތައް މާފުކޮށްދިނުމަކީ މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ތިނަދުއަށް މިފަހުން ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމައި އެކަން އިއުލާންކުރައްވައިފަ އެވެ. އަދި އިއްޔެ ވަނީ މިދިޔަ ފަސް އަހަރުގެ ހުރިހާ ވެހިކަލް ޖޫރިމަނާތައް ވެސް މާފުކޮށްދެއްވައިފަ އެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ވައުދުތައް ފަހަތުން އެމްޑީޕީ ނޫނީ ސަރުކާރުން ދުވަމުން ދަނީ،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވި ގޮތުގައި، ސަރުކާރުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނުކޮށެވެ. އެހެންވެ، އެއީ ސީދާ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރި ކަމެއް ކަން އެނގެ އެވެ. އިންތިހާބަށް ބާކީ މި އޮތް ދެ ދުވަހު އެ ކަހަލަ ބައިވަރު އެތައް ކަމެއް އަދިވެސް ކުރާނެ އެވެ.