ޑިގްރީ ފުރިހަމަ ކުރުމުން ޓީޗަރުންގެ ރޭންކް މަތިކޮށް މުސާރަ ބޮޑުކުރަނީ
ޑިގްރީ ފުރިހަމަ ކުރުމުން ޓީޗަރުންގެ ރޭންކް މަތިކޮށް މުސާރަ ބޮޑުކުރަނީ

ޑިޕްލޮމާ ނިންމައި ބެޗެލާސް ޑިގްރީ ފުރިހަމަ ކުރުމުން، ދެ އަހަރު މަޑުކުރުމަކާ ނުލައި ރޭންކް ހަތަކަށް ބަދަލުވާ ގޮތަށް ސިވިލް ސާވީސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީއެއްގައި ބުނީ ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް ފަހެއް (ޑިޕްލޮމާ ލެވެލް)ގެ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާވިސް ހަތަކަށް (ބެޗްލާސް އޮފް ޑިގްރީ) ބަދަލުކުރުމުގެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއާމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ފާސްކުރަން އެދޭ ކަމަށެވެ.

އެ މިންގަނޑު ފާސްވުމުން މިންގަނޑުގެ ތެރެއިން އުފައްދަން ޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަަޅައި، މަގާމުތައް އުފެއްދުމުން މި މަހު އިންޓާނަލީ އިއުލާނުކޮށް ޓީޗަރުންގެ މަގާމު ބަދަލުކުރުމުގެ މަސައްކަތް ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.

އަދި އެ ރޭންކަށް ޓީޗަރުން ހޯދުމަށް އިދާރާގެ ތެރޭގައި ކޮންމެ އަހަރެއްގެ މާޗް، ޖޫން، ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހު އިއުލާން ކުރަން ޖެހޭނެ ކަމަށް ސިވިލް ސާވީސްގެ އުސޫލުގައި ބުންޏެވެ.

ރޭންކް ހަތަކަށް އެ ބަދަލު ގެނައި ނަމަވެސް އުފެދޭ މަގާމަކީ ރިކުއާމެންޓަށް އެ ސްޕެޝަލައިޒޭޝަނުން އިތުރަށް ދީފައިވާ މަގާމެއްގެ ގޮތުގައި ނުބަލާނެ ކަމަށް ސިވިލް ސާވިސްގެ ގަވައިދުގައި ބުންޏެވެ.

މީގެ އިތުރުން އެެ އުސޫލުގައި ބުނީ ޑިގްރީ ނިންމައި ޓީޗަރުން އިދާރާގެ ތެރޭގައި ކުރާ އިއުލާނަށް ކުރިމަތިލައިގެން ރޭންކް ހަތެއްގެ މަގާމް ހަމަޖެއްސުމާއި ރޭންކް ހަތެއްގެ މަގާމަށް ފަހު އޭނާ ކުރިން ހުރި (ރޭންކް ފަހެއް) މަގާމު އުވާލަން ޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ޓީޗަރުންގެ އާ އޮނިގަނޑާ އެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބެ އެވެ.

ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބެ އެވެ.