06 ސެޕްޓެމްބަރ 2023 - 13:34

"ކޮންމެ ފަދަ ކަމެއް ކޮންމެ ފަދަ ގަޑިއެއްގައި ވެސް ވެދާނެ ކަމަށް އަބަދުވެސް ސިކުނޑީގައި ބައިންދަން ޖެހޭ. ވަރަށް ރަނގަޅަށް ކަމެއް ނިންމާފައި ހަމަޖެހިލައިގެން ގެއަށް ގޮސް ނިދާފައި ހޭލާއިރު މުޅިން އެހެން ގޮތަކަށް ޑިޒިޝަން ބަދަލުކުރަން ޖެހިފައި އެބަހުރި. ކިތަންމެ ރަނގަޅަށް ދުވަހެއް ނިމިގެން ދިޔައަސް އަދި މާދަމާ އިރުއަރާ އިރުގައި މި ނޫން ގޮތަކަށް އޮވެދާނެއޭ ވިސްނުން ބަހައްޓަން،"

ވެރިކަމުގެ ފުރަތަމަ ދައުރުގައި، ނިންމެވުންތައް ލަސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކުރާ ފާޑުކިއުމަށް ޖާވާބު ދެއްވަން ފެއްޓެވީ އެމަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ވިސްނުންތެރިކަން ކަމަށް ވިދާޅުވެ އެވެ.
ރައްޔިތުންނާއި ގައުމުގެ ކަންކަން ނިންމެވުމުގައި އަވަސް އަރުވާލައިފި ނަމަ ދެން ކުރިމަތިވެވަޑައިގެންފާނެ ކަންކަމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ލަފަ އާއި މަޝްވަރާތަކަށް ފަހު އަމިއްލަފުޅަށް ވެސް ބައްލަވާ ކަންކަން ކަމަށް ވިދާޅުވި އެވެ.
ރައީސް ދެން އެދިވަޑައިގަތީ މި ދައުރުގައި އެމަނިކުފާނުގެ ނިންމެވުންތައް ދިރާސާކުރެއްވުމަށެވެ. ކޮވިޑުގެ ހާލަތުގައި އަދި އެ ނޫން ކަންކަމާ ގުޅިގެން ވެސް ނިންމެވުމެއްގައި ގޯހެއް ހައްދަވާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ ބޮޑަށް އިސްކަން ދެއްވީ އަވަސް އަރުވާލައިގެން، ގޯހެއް ނުހަދައި، ގައުމު ހަމަޖެހުމުގެ މަތީގައި އޮންނާނެ ގޮތަށް ކަންކަން ކުރައްވަން ކަމަށް ވިދާޅުވި އެވެ.
"ޑިސިޝަން ނެގުމުގައި ލަސްވެފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ހިތުން މިހާތަނަށް އަޅުގަނޑު ނިންމި ނިންމުމެއް, ތި ބޭފުޅުން ދިރާސާކުރެއްވީމަ އެނގިވަޑައިގަންނަވާނެ އެ ނިންމުމެއް ނިންމާފައި އޮންނާނީ އެންމެ ރަނގަޅަށް ކަން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރަށް ވުރެން ވެރިކަން ހިންގަވަން އެމަނިކުފާނަށް ފަސޭހަ އެވެ.
މަޖިލީހުގައި ވެސް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެއްވުނު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭރު މަޖިލީހަކީ މާބޮޑު ބަހުސްތަކެއް ހިނގާތަނެއް ނޫން ކަމަށެވެ.
"އަޅުގަނޑު ފުރަތަމަ މަޖިލީހަށް ވަން އިރު ނޫ ގާނޫނުއަސާސީ ފައިނަލްކުރުމުގެ ސްޓޭޖްގައި އޮތީ. އަޅުގަނޑުމެންނަށް އަންނާނެ ރޭގަނޑު ފޯނު ކޯލެއް. ބުނާނެ މިއަދު އޮންނާނެއޭ މިވެނި މާއްދާއަކަށް ވޯޓަށް އެހުން. މިގޮތަށް ވޯޓު ދެއްވާށޭ. އަޅުގަނޑު ހިތަށް އަރާ މިވަނީ ކީއްބާއޭ، މިއީ މިވެނި މީހެކޭ މިގޮތަށް ކަންކުރާށޭ. އެކަމަކު އަޅުގަނޑަކަށް އެކަމެއް އޭރަކު ވެސް ގަބޫލެއް ނުކުރެވޭ" ރައީސް ވިދާޅުވި އެވެ."
"އޭރު އޮތީ ހަމައެކަނި ވޯޓުލުން. އަޅުގަނޑު ވޯޓުލީ އޭރު ވެސް އަޅުގަނޑަށް ފެންނަ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް. ދެން އެއަށް ފަހުގައި ދުވަސްތަކެއް ދިއުމަށް ފަހު ގާނޫނު އަސާސީ އިސްލާހުކުރުމގެ މަސައްކަތް. އަޅުގަނޑުމެންގެ ވިސްނުމުގައި ތިބީ 27 މެމްބަރުން، 113-114 މެމްބަރުން ތިބި އޭރު މަޖިލީހުގައި. ނަމަވެސް ވަރަށް އެކީގައި މަސައްކަތް ކުރެވުނު، އޭގެ ނަތީޖާ ވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ފެނިގެން ދިޔަ."
މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރެއިން ފަހު ތިން އަހަރު ފިޔަވައި ރައީސް މަސައްކަތް ކުރެއްވީ އޮޕޮޒިޝަންގަ އެވެ. އޭރާ އަޅާބަލާއިރު ވެރިކަމުގައި މާ ފަސޭހަކަން ރައީސް ތަކުރާރު ކުރެއްވި އެވެ.
"ކޮންމެ ކަމެއްގައި އެ ލަފާ އައީމަ ނިންމަން ޖެހޭ ނިންމުންތައް ނިންމަން ފަސޭހަވޭ."
ރައީސް ވިދާޅުވި ގޮތުގައި ލަފަ އާއި މަޝްވަރާ އަޑުއައްސަވައި ނިންމުންތައް ނިންމަވާތީ، ކޮވިޑުގެ ހާލަތު ފިޔަވައި ހުރިހާ ކަމެއް ވެސް މި ދައުރުގައި ގެންދެވުނީ ރަނގަޅަށެވެ. އެ ނިންމެވުމެއްގެ ސަބަބުން ޝޮކެއް ލިބިވަޑައިގަތް ކަމެއް ހިނގާފައި ނެތް ކަމަށް ވިދާޅުވި އެވެ.