ގޭންގު ރޭޕުގައި ބައިވެެރިވި ފަސް މީހުން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
ގޭންގު ރޭޕުގައި ބައިވެެރިވި ފަސް މީހުން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ނިއު ދިއްލީ (ޖޫން 10) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2014 ވަނަ އަހަރު ޑެންމާކުގެ އަންހެނަކު ރޭޕްކުރުމުގައި ބައިވެރިވި ފަސް މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

އުމުރުން 52 އަހަރުގެ ޓޫރިސްޓު އަތުން ވައްކަންކޮށް އަދި އޭނާ ރޭޕްކޮށްފައި ވަނީ ވަޅިއަކުން ބިރު ދައްކައިގެންނެވެ. މި ކުށާ ގުޅިގެން ނުވަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ. ތުހުމަތު ކުރެވުނު އެކަކު މަރުވި އިރު ކުޑަ ކުދިންގެ މައްސަލަ ބަލާފައި ވަނީ ޖުވެނައިލް ކޯޓުންނެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް އައި ފަސް މީހުންނަށް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ޑެންމާކުގެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އޭނާ ހޮޓަލަށް ދާން މަގު އޮޅިގެން އުޅެނިކޮށް ޖެނުއަރީ، 2014 ގަ އެވެ. މި ހަމަލާ އަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން އޭނާ ވަނީ ޑެންމާކުގެ ސަފީރުގެ ހާޒިރުގައި ކަންހިނގި ގޮތް ފުލުހުންނަށް ކިޔައިދީފަ އެވެ.

ދިއްލީގައި 2012 ވަނަ އަހަރު 23 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށް އަދި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ހާދިސާއާ ގުޅިގެން ރޭޕުގެ މައްސަލަތަކުގެ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. އަދި ގާނޫނުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. އެކަމަކު ގައުމުގެ އެކި ހިސާބުތަކުން ރިޕޯޓްކުރާ ރޭޕުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.