06 ސެޕްޓެމްބަރ 2023 - 12:27

މެޑްރިޑް (ސެޕްޓެމްބަރު 6) - ފީފާ އަންހެނުންގެ ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ސްޕެއިން އަށް ހޯދައިދިން ކޯޗު ޖޯޖް ވިލްޑާ، މަގާމުން ވަކި ކޮށްފި އެވެ.
ވޯލްޑް ކަޕް މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ކުޅުންތެރިޔާ ޖެނީ ހާމޯސޯ އަށް ބޮސްދިން މައްސަލާގައި ހޫނުފެނަށް ވެއްޓުނު އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް އަށް މަގާމުގެ ޕްރެޝަރު ކުރިމަތިވި ނަމަވެސް ރުބިއަލެސް ވަނީ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނެފަ އެވެ.
ރުބިލިއަސްގެ މި ނިންމުމަށް ކޯޗު ވިލްޑާ ވަނީ މިދިޔަ ހަފްތާ ތާއީދު ކޮށްފަ އެވެ. ވިލްޑާ އާއެކު ސްޕެއިންގެ ފިރިހެން ފުޓްބޯޅަ ޓީމަށް ކޯޗު ކޮށްދޭ ލުއިސް ޑި ލަ ފުއެންޓޭ ވެސް ވަނީ ރުބިއަލެސް މަގާމުން އިސްތިއުފާ ދޭން ދެކޮޅު ހެދުމުން އެކަމަށް ތާއީދު ކޮށްފަ އެވެ.
ރުބިއަލެސްގެ މައްސަލައާ ގުޅިގެން ފީފާ އިން ވަނީއޭނާގެ މައްސަލަ ބަލަން 90 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. ވިލްޑާ މަގާމުން ވަކިކުރީ، ރުބިއަލެސްގެ ސަސްޕެންޝަނާ އެކު ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެފައިވާ ބޯޑުންނެވެ.
ވޯލްޑް ކަޕްގެ ކުރިން މިދިޔަ އަހަރުން ފެށިގެން ވެސް، ރުބިއަލެސްގެ ގާތް އެކުވެރިއެއް ކަމަށްވާ ވިލްޑާ އަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަ އެވެ. އޭނާގެ ކޯޗިންގައި ގެންގުޅޭ ނާއިންސާފު އުސޫލުތަކާ ގުޅިގެން ސްޕެއިން އަންހެން ގައުމީ ޓީމުގެ 15 ކުޅުންތެރިއަކު ވަނީ އޭނާގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.
ވިލްޑާގެ އިސްތިއުފާއަށް ގޮވި ކުޅުންތެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޓީމުން ވަކި ކޮށްފަ އެވެ.
ކޯޗުގެ މަގާމުން ވިލްޑާ ވަކި ކުރުމަށް ފަހު ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންހެން ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް އަންހެން ކޯޗެއް ހަމަޖައްސައިފަ އެވެ.
އަލަށް ހަވާލުވީ، އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރި ކުރީގެ ކުޅުންތެރިޔާ މޮންޓްސޭ ޓޯމޭ އެވެ. ޓޯމޭ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ވިލްޑާގެ އެސިސްޓެންޓެއްގެ ގޮތުގައި ގައުމީ ޓީމާއެކު މަސައްކަތް ކުރަމުންނެވެ.