އުޖޫރަ ނުދޭ މައްސަލައިގައި ވޮލީ ރެފްރީން ރަތަށް
އުޖޫރަ ނުދޭ މައްސަލައިގައި ވޮލީ ރެފްރީން ރަތަށް

ރެފްރީންނަށް މިހާތަނަށް ނުލިބި ހުރި އުޖޫރަ ނުދެނީސް އިތުރު މެޗަކަށް ނުނުކުންނާނެ ކަމަށް ބުނެ ރާއްޖޭގެ މެޖޯރިޓީ ވޮލީބޯޅަ ރެފްރީން މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޖުމްލަ 37 ރެފްރީން ސޮއިކޮށް މިއަދު ވޮލީބޯޅަ އެސޯސިއޭޝަނަށް ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީދް ވިދާޅުވީ އެފަދަ ޕެޓިޝަނެއް ރެފްރީން ހުށަހެޅުން މިހާރު ލަސް ވެސް ވެއްޖެ ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ރެފްރީންނަށް މުސާރަ ދިނުމުގައި ކުރީގެ އެޑްމިނިސްޓްރޭޝަން ވަރަށް ބޮޑަށް ފެއިލްވެފައި އޮތީ. އަޅުގަނޑު ހަވާލުވިއިރު ވެސް އެއް އަހަރުގެ މުސާރަ ނުދީ އޮތް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. މި ޕެޓިޝަން އަޅުގަނޑާ ހިސާބަށް ނައި ނަމަ އަޅުގަނޑަށް ނޭގުނީސް ރެފްރީން ނިކަމެތިކޮށްލާފައި އޮތްވަރު. ޕެޓިޝަން ހުށަހަޅަން އެންމެ ފުރިހަމަ މަސައްކަތެއް ކުރި ހުސެއިން ހަމީދަށް ޝުކުރުއަދާކުރަން އެކަމާ ގުޅިގެން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އޮކްޓޯބަރު މަހު މަގާމާ ހަވާލުވެ ރެފްރީންނަށް މުސާރަ ދޭން ފެށި ކަމަށާއި އެގޮތުން އޭނާގެ ދައުރުގައި ބޭއްވި ގައުމީ މުބާރާތާއި ގައުމީ ލީގުގެ ފައިސާ ރެފްރީންނަށް ދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެސޯސިއޭޝަނާ ލަތީފުގެ އެގްޒެކެޓިވް ކޮމިޓީން ހަވާލުވިއިރު އެސޯސިއޭޝަނުގެ އެކައުންޓުގައި 300،000ރ. ހުއްޓެވެ. ރެފްރީންގެ ޝަކުވާއަކީ އެ ފައިސާ ހުރެމެ، ރެފްރީންނަށް އެހާތަނަށް ދޭން ހުރި ފައިސާ އޭރު ނުދީ އެހެން ކަންކަމަށް ހޭދަކުރުމެވެ.

އެކަމަކު ލަތީފް ވިދާޅުވީ ކުރިން ދޭން ހުރި ފައިސާ އާއި ފަހުން ކުޅުނު މުބާރާތްތަކުގައި ފައިސާ މިމަހުގެ ނިޔަލަށް ރެފްރީންނަށް ދޭނެކަން އަންގާފައިވާ ކަމަށެވެ.

އެކަމަކު ލަތީފް ވިދާޅުވީ ކުރިން ދޭން ހުރި ފައިސާ އާއި ފަހުން ކުޅުނު މުބާރާތްތަކުގައި ފައިސާ މިމަހުގެ ނިޔަލަށް ރެފްރީންނަށް ދޭނެކަން އަންގާފައިވާ ކަމަށެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ރެފްރީއަކު ބުނީ ހަމައެކަނި މައްސަލައަކީ ފައިސާ ނުލިބުން ނޫން ކަމަށާއި ރެފްރީންނަށް ދެނީ ވެސް އެކަށީގެންވާ ވަރަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ. އަދި މެޗުތައް ކުރާ އަދަދާއި އެ ނޫން ވެސް ތަފްސީލްތައް އެނގޭނެ ފަދަ ނިޒާމެއް ނެތުމުން ދަތިތައް ކުރިމަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރެފްރީންގެ މަސައްކަތް އެއްވެސް ދައުރެއްގައި އެކަށީގެންވާ ގޮތަކަށް ބަލައިނުގަނޭ. ރެފްރީންނާ ދޭތެރޭ ވަރަށް ނިކަމެތި ގޮތަކަށް ކަންތައްވަނީ. އެކަމަކު ދިވެހި ރެފްރީންނަކީ މި ސަރަހައްދަށް ބެލިޔަސް ވަރަށް ފެންވަރު ރަނގަޅު ރެފްރީންތަކެއް،" އޭނާ ބުންޏެވެ.