ދެވަނަ ދައުރެއް ބޭނުންވަނީ އެޅި ބިންގަލުގައި ރާއްޖެ ބަދަލުކޮށްލަން: ރައީސް
ދެވަނަ ދައުރެއް ބޭނުންވަނީ އެޅި ބިންގަލުގައި ރާއްޖެ ބަދަލުކޮށްލަން: ރައީސް

ރަށްރަށުގައި މި ދައުރުގެ ތެރޭގައި ހިންގި އަސާސީ ޚިދުމަތްތަކުގެ ގިނަ މަޝްރޫއުތަކާ އެކު "އަދިކިރިޔާ މި އެޅުނީ ތަރައްގީގެ ބިންގާ" ކަމަށާއި ދެވަނަ ދައުރެއް ބޭނުންވަނީ އެކަންކަން ނުހުއްޓި ރައްޔިތުންނަށް ބޮޑު ބަދަލެއް ގެނެސްދޭން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި އުޅުއްވަމުން "މިހާރު"އަށް ދެއްވި ވީޑިއޯ އިންޓަވިއުގައި ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ 2018 ގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ ވައުދުތަކަކާ އެކުގައި ކަަމަށެވެ. އެ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓެވިތަނުން މުޅި ގައުމު ހުއްޓުމަކަށް އައިސް ބައެއް މަސައްކަތްތައް ގެންދަންވީ ސްޕީޑުގައި ނުގެންދެވުނު ކަމަށެވެ.

"ފުރަތަމަ ކަމަކީ އެ މަސައްކަތްތައް ނިންމަން އަޅުގަނޑަށް ވަގުތު ހޯދުން. ހަމައެއާއެކީގައި އަޅުގަނޑުމެންނަށް އަދި މި އެޅުނީ ރާއްޖޭގެ ތަރައްގީގެ ބިންގަލެއް ކަމަށް އަޅުގަނޑު ދެކެނީ. ހާއްސަކޮށް ރަށްރަށުގައި. މިކަން ފުރިހަމަކުރަން ވަގުތު އެބަ ބޭނުވޭ. މިކަންތައް ކުރުން އަޅުގަނޑުގެ މަގްސަދަކީ އަދި ބޭނުމަކީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބިންގަލުގެ މަތީގައި ތަރަައްގީގެ މަޝްރޫއުތައް ހިންގިއްޖެ ނަމަ ވަރަށް ބޮޑު ހެޔޮ ބަދަލެއް ރާއްޖެ އިން ފެންނާނެ އެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވިއްޖެ އެވެ. ޖުޑީޝަރީއަށް ގެނެވުނު ބޮޑު ބަދަލު ހިމެނޭ ކަމާށއި ސުޕްރީމް ކޯޓާ ދޭތެރޭގައި ރައްޔިތުންގެ ގެއްލިފައި އޮތް އިތުބާރު ހޯދިއްޖެ ކަމަށް ވިދާޅުވި އެވެ.

"އެންމެންވެސް މިހާރު ގަބޫލުކުރޭ ސުޕްރީމް ކޯޓު މިހާރު ހިނގަނީ މިނިވަންކޮށް ކަމާ އެކީގައިކަން. އަދި ދަށު ކޯޓުތަކުގައި އެބަހުރި މައްސަލަތައް. އަނެއްކާވެސް އޭގެތެރެއަށް އެހެން ކަހަލަ ނުފޫޒްތައް ފޯރުވަން މަސައްކަތްކުރާތަން މިހާރު އެބަ ފެނޭ،" ރައީސް ވިދާޅުވި އެވެ.

"އިތުރު ދައުރެއް ބޭނުންވާ އެއް ސަބަބު އެއީ. ޖުޑީޝަރީއަކީ ހައްގުތައް ހިފެހެއްޓުމަށްޓަކައި އަދި ޑިމޮކްރަސީއެއް ދެމެހެއްޓުމަށްޓަކައި ވެސް އެންމެ ބޮޑަށް އިތުބާރު އުފައްދަން ޖެހޭ އެއް ދާއިރާ. އެހެންވީމަ ޖުޑިޝަރީގައި ވެސް މިހާރު ފަށާފައި ހުރި މަސައްކަތްތަކާ އެކުގައި ނިމުނީމާ ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ވެރިކަން ފެށުނުއިރު އެންމެ ބޮޑު ބިރުވެރިކަމެއް އޮތް ކަމަކީ ވަޒީފާގެ ކަށަވަރުކަން ނެތުމެވެ. ކުންފުނިތަކަށް އެކަނި ބަލާއިރު ވެސް ހިޔާލުތަފާތުވުން 1،000 އަށް ވުރެން ގިނަ މުވައްޒަފުން އެއް ރަށުން އަނެއް ރަށަށް ބަދަލުކޮށްފައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ހަމަ ގައުމު ވެސް މި ފަސް އަހަރު ނިމިގެންދާއިރު އެކަހަލަ ކަމެއް ހިނގާފައެއް ނޯންނާނެ. އެހެންނެއް ނޫން މީހަކު ވަޒީފާއަކުން ވަކިކޮށްފައި ހުރެދާނެ އެއީ އެ ވަޒީފާއެއްގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާނުކޮށްގެން ވަކިކޮށްފައި ހުރެދާނެ،" ރައީސް ވިދުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަނިޔާވެރިކަމާ އެކު ވަޒީފާ ބަދަލުކޮށް އާއިލާއާ މާ ދުރު ރަށަށަށް މި ސަރުކާރުގައި ފޮނުވާލައިފައެއް ނޯންނާނެ އެވެ. ކުރީގެ ވެރިކަމުގައި ރައްޔިތުން ތަހައްމަލްކުރި އެ ބިރުވެރިކަން ނެތި މިނިވަން މާހައުލެއް ގާއިމްކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުން އެބައޮތެވެ.