ރައީސްގެ އިންޓަވިއު: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ދެ ހައްލެއް އެބައޮތް
ރައީސްގެ އިންޓަވިއު: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ދެ ހައްލެއް އެބައޮތް

ޑޮލަރުގެ އަގު މިހާރު ހުރި ވަރުގައި ވެސް އެ ހުރީ ކޮންޓްރޯލް އަގެއް އޮތީމަ ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ދެ ހައްލެއް އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އިންޓަވިއު: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ދެ ހައްލެއް އެބައޮތް
ރައީސްގެ އިންޓަވިއު: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ދެ ހައްލެއް އެބައޮތް

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެއްގޮތަކީ، ރާއްޖެ ވަންނަ ޑޮލަރުގެ 30 ޕަސެންޓް ރާއްޖޭގައި ހިފެހެއްޓުމެވެ. އަނެއް ގޮތަކީ ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ފައިސާ އިން ކުރުމެވެ.

"އޭރުން ޑޮލަރު ބޭނުންވާނީ ހަމައެކަނި ރާއްޖެ އިން ބޭރަށް ދާއިރު،" ރައީސް ވިދާޅުވި އެވެ.

"ދެން އޮތް ގޮތަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގައި ހިފެހެއްޓުން."

ޑޮލަރު ވިއްކާ ރަސްމީ ރޭޓަކީ 15.42ރ. ކަމަށް ވިޔަސް، އެ އަގުގައި އާންމުކޮށް ޑޮލަރު ގަންނަން ނުލިބޭތާ ގާތްގަނޑަކަށް ފަސް އަހަރުވީ އެވެ. ބާޒާރުން ޑޮލަރު މިހާރު ލިބެނީ 17.50ރ. އިން މަތިންނެވެ. ދާދި ފަހުން، ޑޮލަރުގެ އަގު 18ރ. އިން މައްޗަށް ވެސް އެރި އެވެ.

"ރަސްމީ ރޭޓެއް ކަނޑައަޅައިފައި އޮތީމަ ކަން ނޭނގެ މިހާ ހިސާބަށް ވެސް މި އަގުގައި ހިފެހެއްޓިފައި އެ އޮތީ. މާކެޓަށް ދޫކޮށްލި ނަމަ އަޅުގަނޑުގެ ހިތުން އެއަށް ވުރެ ބޮޑުވުން އެއީ އެކަށީގެންވާ ކަމެއް."

ރައީސް ވިދާޅުވީ ޑޮލަރުގެ މައްސަލަ ކޮންޓްރޯލް ކުރުމަށް އޮތް އެއް ހައްލާ ބެހޭ ގޮތުން މިހާރު އަންނަނީ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ. އެއީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއް ގޮތަކީ ރާއްޖެ އަށް މި ވަންނަ ޑޮލަރުގެ ވަކި ޕަސެންޓެއް ވަކި ދުވަސްކޮޅަކަށް ނަމަވެސް ހިފެހެއްޓުން. އަޅުގަނޑު ދަންނަވާފައި ވާނެ 30 ޕަސެންޓް ހިފެހެއްޓުނަސް 14-15ރ. އަށް ޑޮލަރުގެ ރޭޓް ތިރިވެގެންދާނެއޭ. އެ މަޝްވަރާތައް މިހާރު ވެސް ކުރެވިފައި މި ހުރީ،" ރައީސް ވިދާޅުވި އެވެ.

"ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން، ހާއްސަކޮށް ފޮރިން އިންވެސްޓަރުން ޔަގީންކަމެއް މި ބޭނުންވަނީ އެ މީހުން މި ބަހައްޓާ ޑޮލަރު ވަކި މުއްދަތެއްގެ ތެރޭގައި ގެންދެވޭނެ ކަމުގެ ގާނޫނީ ގޮތުން ކަށަވަރު ކަމެއް ހޯދައިދޭން. އެ ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު މި ކުރެވެނީ."

ރައީސް ވިދާޅުވީ ދެވަނަ ގޮތަކީ ޑޮލަރުގެ މުއާމަލާތްތައް ރާއްޖޭގައި ހުއްޓާލުމެވެ.

"އަނެއް ގޮތަކީ ޑީޑޮލަރައިޒޭޝަނަށް ދިއުން. ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާ އިން ކުރާ ގޮތަށް ހެދުން. އެހެން ވެއްޖިއްޔާ ޑޮލަރު ފަހާ ދުވާކަށް އެ ޑިމާންޑެއް ނޯންނާނެ. ޑޮލަރު ޗޭންޖް ކުރާނީ ސެންޓްރަލް ބޭންކަށް ނުވަތަ ކޮމާޝަލް ބޭންކްތަކަށް. ބޭރަށް ދާން ޖެހޭ މީހާ އެކަނި ޑޮލަރެއް ބޭނުންވާނީ. އެ ކަށަވަރުކޮށްދެވިއްޖިއްޔާ ޑޮލަރުގެ އަގު ބޮޑުތަނުން ތިރިވެގެންދާނެ."

ރައީސް ވިދާޅުވީ އޭގެ ތެރެއިން ކޮންމެވެސް އެއް ނިންމުން ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

"އޭރުން 13ރ. އާއި 15ރ. އާ ދޭތެރޭގެ އަގަށް ޑޮލަރުގެ އަގު ތިރިކުރެވޭނެ."