06 ސެޕްޓެމްބަރ 2023 - 12:40

އޭޝިއާގެ 23 އަހަރުންދަށުގެ ކޮލިފައިން މުބާރާތަށް ގައުމީ ފުޓްބޯޅަ ޓީމަށް ނުދެވުނު މައްސަލާގެ ޒިންމާ ސަރުކާރުން ނަގަން ނުޖެހޭނެކަމަށް، ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޗައިނާގައި މިއަދު ފަށާ ރާއްޖެ ހިމެނޭ ގުރޫޕްގެ ކޮލިފިކޭޝަންގައި ވާދަކުރަން ޗައިނާ އަށް ދާން ތައްޔާރުވި ނަމަވެސް، ޓިކެޓް ގަނެވޭ ގޮތް ނުވުމުން ދިވެހި ޓީމަށް އެ މުބާރާތަށް ނުފުރުނެވެ. މިހާރު އެފްއޭއެމުން ވަނީ ކޮލިފައިންއިން ވަކިވެފަ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު އިއްޔެ ވިދާޅުވީ ބޭރުގެ މުބާރާތްތަކަށް ދިއުމަށް، ސްޕޯޓްސް މިނިސްޓްރީން ޓިކެޓް ދޭނެ ކަމަށް ބުނުމުން، ތިން މުބާރާތަށް ދާ ރާއްޖޭގެ ތިން ޓީމުގެ ޓިކެޓް ކޯޓޭޝަން ވެސް މިނިސްޓްރީ އަށް މިދިޔަ މަހު 7 ގައި ހިއްސާ ކުރި ކަމަށެވެ.
"ޔޫތު ޓީމުތަކުގެ ހުރިހާ މުބާރާތްތަކެއްގެ އެއާ ޓިކެޓް ކޯޓޭޝަންގެ ތަފްސީލު 7 އޮގަސްޓް 2023 ގައި މިނިސްޓްރީއާ ހިއްސާކޮށްފައިވަނެ. (އެއީ) ބައިނަލްއަގްވާމީ ދަތުރުތަކަށް ގައުމީ ޓީމުތަކަށް ދަތުރުކުރުމަށް އެއްބާރުލުންދޭން (މިނިސްޓްރީން) އެއްބަސްވެފައި ވާތީ،" އެ އެސޯސިއޭޝަންގެ މީޑީއާ ގުރޫޕަށް ފޮނުވި މެސެޖްގައި ޖަވާޒު ވިދާޅުވި އެވެ.
ބޫޓާންގައި މިހާރު ކުރިއަށްދާ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ވެސް ރާއްޖޭގެ ޓީމަށް ފުރުނީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ޖޫނިއާ ޓީމު ފުރަން ދިޔަ ފަހުން ނުފުރޭނެކަން އެންގި އެވެ. ސަރުކާރާ ގާތް މީހަކު މެދުވެރިކޮށް ލިބުނު ފައިސާ އަށް އެ ރޭ ފަތިހު ޓިކެޓް ހަމަޖެހުމުން ޓީމުން ފުރީ ހުކުރުދުވަހު މެންދުރު ކުރީގެ ވަގުތެއްގަ އެވެ. މި މަހު ނޭޕާލްގައި ބާއްވާ 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ވެސް ރާއްޖެ އަށް ޓީމަށް ދެވޭނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ޒުވާން ޓީމަށް ނުފުރުނު މައްސަލައިގައި ގިނަ ބައެއްގެ ފާދުކިޔުން ސްޕޯޓްސް މިނިސްޓްރީ އަށް ވެސް އަމާޒުވި އެވެ.
އެ މިނިސްޓްރީން މިއަދު މީޑީއާ އަށް ފޮނުވި ސްޓޭޓެމެންޓްގައި ބުނީ މިއަހަރު ބައިވެރިވާން ޖެހޭ ބޭރުގެ ހުރިހާ މުބާރާތެއްގެ ތަފްސީލު މިދިޔަ އަހަރު ފޮނުވަން ހުރިހާ އެސޯސިއޭޝަނަކަށް އެންގި ކަމަށެވެ. ޒުވާން ތިން ޓީމުގެ ދަތުރު އެ މުއްދަތުގައި އެފްއޭއެމުން އަންގާފައި ނުވާކަމަށް މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.
"ތޭވިސް އަހަރުންދަށް އަދި 16 އަހަރުންދަށުގެ ޓީމު ފުރާކަން ވެސް އަންގާފައި ވަނީ އޯގަސްޓް 2023 ގައި،" އެ މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި އޮފިޝަލް ބުންޏެވެ.
"ކޮލިފިކޭޝަން މެޗުތަކުގެ ހަރަދަކީ ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ހަމަޖައްސާ ހަރަދެއް ކަމުން މި ކަމުގެ ޒިންމާ ޔޫތު މިނިސްޓްރީގެ ފަރާތުން އުފުލަން ޖެހޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލަން."
ފައިސާގެ މައްސަލަތަކާ ހުރެ އެފްއޭއެމް އޮތީ އަނދަވަޅަކަށް ވެއްޓިފަ އެވެ. ޑޮލަރު މާރު ކުރުމުގެ ނަމުގައި، އެލް މޯބައިލްގެ މައި ކުންފުނި އެކް މޯލްޑިވްސްއިން ނެގި ތިން މިލިއަން ރުފިޔާގެ ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ މި އަންނަ އާދިއްތަ ދުވަހު ދޭއް ޖެހުމުގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށް އެ އެސޯސިއޭޝަންގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.