ޔޫކްރޭން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތިން ކުޅުންތެރިން ގްރީން ސްޓްރީޓަށް
ޔޫކްރޭން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތިން ކުޅުންތެރިން ގްރީން ސްޓްރީޓަށް

މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓުން ޔޫކްރޭންގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތިން ކުޅުންތެރިޔަކާއި މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ޖަޕާންގެ ކީޕަރު ޖޫން ކޮޗީ ގެނެސްފި އެވެ.

ޔޫކްރޭން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތިން ކުޅުންތެރިން ގްރީން ސްޓްރީޓަށް
ޔޫކްރޭން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތިން ކުޅުންތެރިން ގްރީން ސްޓްރީޓަށް

ގްރީން ސްޓްރީޓުން ގެނައި ޔޫކްރޭންގެ ތިން ކުޅުންތެރިންނަކީ ޕެޓްރޯ ކޮވަލްޗަކާއި ޒިމިޓްރޯ ޒަންޑޯޗް އަދި އިލީއާ ސޯބޯލް އެވެ.

މީގެ ތެރެއިން އުމުރުން 32 އަހަރުގެ ކޮވަލްޗަކް ވަނީ ކުރިން ޔޫކްރޭންގެ އެއް ވަަނަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ އެފްސީ ލިވިވް އާއި ސްޕާޓަކް އިވަނޯ ފްރާންކިވިސްކް އަށް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ޓަޖިކިސްތާންގެ އެފްސީ އިސްތިކްލާލް އަށެވެ.

އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ޒަންޑޯވް އަކީ 2015 ވަނަ އަހަރު ޔޫކްރޭންގެ އެއް ވަނަ ޑިވިޝަން ކްލަބް ޒޯރްޔާ ލުހަންސްކް އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ޒޯރްޔާ ލުހަންސްކް އަކީ މި ފަހަރު ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ އެއް ގްރޫޕެއްގައި އޮތް ޓީމެކެވެ. އެންމެ ފަހުން ޒަންޑޯވް ކުޅެފައިވަނީ މިދިޔަ އަހަރު ޔޫކްރޭންގެ އަވަންހާޑް ކްރަމަޓޯސްކް އަށެވެ.

ގްރީން ސްޓްރީޓުން ގެނައި ކޯޗީ ނިއުއާ ގުޅުނީ މިދިޔަ ސީޒަނުގެ ވަކި ހިސާބަކުންނެވެ. ނިއު އިން އެފްއޭ ކަޕްގެ ތިން ވަނަ ހޯދިއިރު އެ ޓީމުގައި ކޮޗީގެ ދައުރު ބޮޑެވެ.

ގްރީން ސްޓްރީޓާ ގުޅުނު އެހެން ކުޅުންތެރިންގެ ތެރޭގައި ނިއު އާއި ވިކްޓަރީ އަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) އާއި ވިކްޓަރީ އާއި ނިއު އަށް ކުޅުނު މުހައްމަދު ސައިފާއި މާޒިޔާގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އާއި ޓީސީގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝައްފާޒު (ސައްޕޭ) ހިމެނެ އެވެ.

ގްރީން ސްޓްރީޓްގެ ކޯޗެއްގެ ގޮތުގައި މި އަހަރު ވެސް ފެންނާނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ނިއުގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) އެވެ.