06 ސެޕްޓެމްބަރ 2023 - 11:50

މި ސަރުކާރުގެ ފަރާތުން މިހާރު ފެންނަނީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަން އިއުލާން ކުރެއްވުމާ އެކު، އެ ކަން ކޮޕީކުރާ ތަން ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ބަހުގެ ހަމަލާތަކެއް ސަރުކާރަށް ފޮނުއްވާލައްވައިފި އެވެ.

ތުލުސްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު އެ ކަމަށް ރައްދު ދެއްވީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގެން، ސްޓިކާ ޖޫރިމަނާ މާފުކުރުމާއި އަދި ތިނަދޫ އަށް ސިޓީގެ ދަރަޖަ ދޭނެކަން އިއުލާން ކުރައްވާފައި ވަނިކޮށް، މި ސަރުކާރުން ކުއްލި ގޮތަކަށް އެ ދެ ކަންތައް ވެސް ކޮށްފައި ވަނިކޮށެވެ.
ށ. ފުނަދޫގައި މިދިޔަ މަހު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ، ޕާކިން ގަވާއިދާ ހިލާފުވުމުން ވެހިކަލްތަކުގައި އިސްޓިކާ ޖަހަނީ އިންސާފުން ނޫން ކަމަށާއި އޭނާގެ ވެރިކަމެއްގައި ސްޓިކާ ޖޫރިމަނާ މާފުކުރާނެ ކަމަށެވެ.
އޭނާ އެކަން އިއުލާން ކުރެއްވުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އެކަމާ ދެކޮޅަށް ވާހަކަ ވެސް ދެއްކެވި އެވެ.
މާރިޔާ ވިދާޅުވީ، މުއިއްޒުގެ ބޭނުމަކީ މާލެ ތޮއްޖެއްސުން ކަމަށެވެ. އަދި އެއީ އެއްވެސް ވިސްނުންތެރިކަމެއް، ސިޔާސަތެއް ނެތި ކުއްލިއަކަށް ކުރާ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
މުއިއްޒު އިއުލާން ކުރައްވާ ކަންކަން މި ސަރުކާރުން ކޮޕީ ކުރުމުގެ މިސާލެއްގެ ގޮތުގައި މުއިއްޒު ރޭގައި ދެއްކެވީ ގދ. ތިނަދު އަށް ސިޓީ ދަރަޖަ މި ސަރުކާރުން މިދިޔަ މަހުގެ 30 ގައި ދިން ދިނުމަށެވެ.
މުއިއްޒު ވިދާޅުވީ، ތިނަދުއަކީ މިހާރު ވެސް ސިޓީގެ ދަރަޖަ ދެވޭ ފެންވަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަސީލަތްތައް ގާއިމުކޮށްދީފައިވާ ރަށަކަށް ވާތީ އެ ކަން ކޮށްދެއްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވިތާ ދެ ދުވަސް ނުވަނީސް މި ސަރުކާރުން އެކަން ފުރިހަމަ ކޮށްދީފި ކަމަށެވެ.
"ވަރަށް އުފާކުރަން. ތިނަދޫ ރައްޔިތުންނަށް މަރުހަބާ ދަންނަވަން. ވަރަށް އުފާކުރަން. އުފާކުރަން ތަންކޮޅެއް އަވަހަށް ވެސް އެކަން ވީތީ،" މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ މި ސަރުކާރާއި ޕީޕީއެމް/ޕީއެންސީގެ ތަފާތަކީ ނަމަކަށް ކަންތައްތައް ކުރުމުގެ ބަދަލުގައި އަމަލީ ގޮތުން ކަންކަން ކުރުން ކަމަށެވެ. ވިދާޅުވީ، ހޮސްޕިޓަލްތަކުގައި ހަމައެކަނި ނަން ބޯޑު ޖަހާފައިވާ އެތައް ރަށަކަށް މި ކެމްޕެއިންގައި ވަޑައިގެންނެވި ކަމަށެވެ.
"ނަން އެކަނި ހޮސްޕިޓަލް. އެތެރޭގައި ނެތް ހެލްތު ސެންޓަރެއްގައި އާދައިގެ ހިދުމަތް ވެސް ދެވޭ ތަންތަން. އެހެންވީމާ ތިނަދޫ ސިޓީ ޖެހިދާނެ. އެކަމަކު އެއްވެސް ކޮށްނުދިނީމާ ކޮބައިތޯ އިހުލާސްތެރިކަމަކީ؟،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންތިހާބަށް -2-3 ދުވަހަށް ވުމުން މަސައްކަތްތައް ކުރަން ހައިމާކް ފަދަ ތަކެތި ރަށްރަށަށް ސަރުކާރުން ފޮނުވާ ކަމަށާއި އެކަމަކު ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށެވެ.
"މިއީ ތައުލީމީ ޖީލެއް މިހާރު. ލޯ ހުޅުވިފައި ތިބި ޖީލެއް. ގައުމު ދެކެ ލޯބިވާ ރައްޔިތުންތަކެއް މިއީ. އެހެންވީމާ 2-3 ދުވަހަށް ވީމާ ހައިމާކެއް ގެނެސް 2-3 ދުވަހަށް ވީމާ ނަން ބޯޑުތަކެއް ބަދަލު ކޮށްގެން، މިތާނގައި ބޭރު ގައުމެއްގެ ސިފައިން ބައިތިއްބާކަށް ފުރުސަތު ދީގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
"އެ ފުރުސަތު ދޭކަށް ނޫން ރައްޔިތުން ތިބީކީއެއް. އަޅުގަނޑުމެންނަކީ އެހާ ދަރު ދަރަޖައިގެ ބަޔަކަށް ވެގެން ނުވާނެ."