އެސްއެމްއީތަކަށް ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި
އެސްއެމްއީތަކަށް ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި

ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ކޮންޓެއިނާ ޕާކްގެ ވޯކިން ސްޕޭސް މިއަދު ހުޅުވައިފި އެވެ.

އެސްއެމްއީތަކަށް ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި
އެސްއެމްއީތަކަށް ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި، ރެޑްވޭވް މެގަ މޯލް ފުރަގަހުގައި، އާބަންކޯ އަދި އިނޮމިކް މިނިސްޓްރީއާ ގުޅިގެން ގެންދާ ކޮންޓެއިނާ ޕާކް މަޝްރޫއުގެ ފުރަތަމަ ތަން ހުޅުވައިދެއްވީ ޑެފިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރެވެ.

މިނިސްޓްރީން ބުނީ ކޯ ވޯކިން ސްޕޭސް ތަރައްގީކުރުމުގެ ބޭނުމަކީ އަލަށް ފަށާ ވިޔަފާރިތައް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށް، އެ ފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

އެ ތަނުގައި 16 ވޯކް ސްޓޭޝަން އަދި މީޓިން ރޫމެއް ހުންނާނެ އެވެ.

އާބަންކޯއިން ބުނީ ޒަމާނީ އަދި އާޓިސްޓިކް ޕްލޭނެއްގެ ދަށުން ތައްޔާރުކުރި ކޮންޓެއިނާ ޕާކުގައި ޓޭކްއަވޭ ކެފޭއަކާއި ފާސްޓު ފުޑް އައުޓްލެޓެއް ކުރިއަށް އޮތް ތަނުގައި ގާއިމްކުރާނެ އެވެ.

ވޯކިން ސްޕޭސްގެ ފުރަތަމަ މަހު ދޫކުރަން ހަމަޖައްސާފައިވަނީ ހިލޭ އެވެ. ކޯ ވޯކިން ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށް ހުޅުވާފައި ހުންނާނެ އެވެ.

އާބަންކޯއިން ބުނީ އެ ޕާކްގެ ސަބަބުން ހުޅުމާލޭގެ ޒުވާނުންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.