ތަރައްގީ ގެނެވިދާނެ، އެކަމަކު ގެއްލިއްޖެ މިނިވަންކަން އަލުން ހޯދަން އުނދަގޫވާނެ: މުއިއްޒު
ތަރައްގީ ގެނެވިދާނެ، އެކަމަކު ގެއްލިއްޖެ މިނިވަންކަން އަލުން ހޯދަން އުނދަގޫވާނެ: މުއިއްޒު

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ލާ ވޯޓަކީ، ހަމައެކަނި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ދޭ ވޯޓަކަށް ވުރެ ބޮޑަށް މިނިވަންކަމުގެ ދިފާއުގައި ދޭ ވޯޓަކަށް ހެދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ތަރައްގީ ގެނެވިދާނެ، އެކަމަކު ގެއްލިއްޖެ މިނިވަންކަން އަލުން ހޯދަން އުނދަގޫވާނެ: މުއިއްޒު
ތަރައްގީ ގެނެވިދާނެ، އެކަމަކު ގެއްލިއްޖެ މިނިވަންކަން އަލުން ހޯދަން އުނދަގޫވާނެ: މުއިއްޒު

ކެމްޕެއިނަށް އއ. ރަސްދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އޭނާގެ ވެރިކަމެއްގައި މި ރަށަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކައަށް ފަހު، ދެން މުއިއްޒު އެދިވަޑައިގަތީ ވޯޓަކީ މަޝްރޫއުތަކަށް ނިންމާ ނިންމުމެއް ކަމުގައި ނުހަދައި، ގައުމު އިސްކުރުމަށެވެ.

"ދިވެހިރައްޔިތަކަށް ވީތީ، ދިވެހިން ދިވެހި ރައްޔިތެއްގެ ޒިންމާ އަދާކޮށްދެއްވުން. އަޅުގަނޑުމެންނަށް ތަރައްގީ ގެނެވިދާނެ. އެކަމަކު ގެއްލިއްޖެ މިނިވަންކަމެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި އޮތް ގޮތަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ، އެއީ މިނިވަންކަމާ މެދު ފަރުވާކުޑަކޮށް ވިސްނާ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ.

މުއިއްޒު ވަނީ މި ވާހަކަ މިއަދު ވަޑައިގެންނެވި މި އަތޮޅުގެ މަތިވެރި، އުކުޅަސް އަދި ތޮއްޑޫގައި ވެސް ތަކުރާރު ކުރައްވައިފަ އެވެ. ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް އެ ވާހަކަ ތަކުރާރު ކުރައްވަން ޖެހިވަޑައިގަންނަވަނީ ކަމުގެ މުހިންމު ކަމުން އެކަން ރައްޔިތުންނަށް ހަނދާން ކޮށްދިނުމަށް ކަމަށެވެ.

ތޮއްޑޫގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރު ގައުމު ހިންގާ ގޮތަށް ކަންކަން ކުރިއަށްދާން ނިންމައިފިނަމަ، ގައުމު ދާނީ އަތްނުފޯރާ ކަމަށެވެ.

"ދިވެއްސަކަށް ވީތީ ފަހުރުވެރިވެ، ދިވެހީންގެރާއްޖެއަށް ދިއުމަށް ނިންމުމަށް އިހުލާސްތެރިކަމާއެކު އެދެން،" މުއިއްޒު ވިދާޅުވި އެވެ.

މި އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ފަހު، މުއިއްޒު ދެން ވަޑައިގަންނަވާނީ ކ. އަތޮޅުގެ ބައެއް ރަށްރަށަށެވެ. އެ އަށް ފަހު ކެމްޕެއިނުގައި އަތޮޅުތެރެ އަށް ކުރައްވާ ދަތުރުތައް ނިންމާލައްވާނެ އެވެ.