އިލްމުވެރިންގެ ގުޅުން: ގިނަ ބޭފުޅުން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށް!
އިލްމުވެރިންގެ ގުޅުން: ގިނަ ބޭފުޅުން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށް!

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" ގެ ބޭފުޅުން މި ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ނެގި ވޯޓުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވައިފި އެވެ.

ރާއްޖޭގެ 150 އަށް ވުރެ ގިނަ އިލްމުވެރިން ހިންގާ ހަރަކާތެއް ކަމަށްވާ އިލްމުވެރިންގެ ގުޅުމުގެ ވައިބާ ގްރޫޕުގައި އިއްޔެ ވަނީ ރިޔާސީ އިންތިހަބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި އިލްމުވެރިންގެ ގުޅުމުން ތާއީދު ކުރަން ފެންނަނީ ކޮން ކެންޑިޑޭޓެއްތޯ ސުވާލު އުފައްދައި ވޯޓެއް ނަގައިފަ އެވެ.

އެ ވޯޓުގައި ބައިވެރިވި 105 އިލްމުވެރިން ވޯޓު ދެއްވި އެވެ. އޭގެ ތެރެއިން 87 އިލްމުވެރިން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށެވެ. އަދި ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު ފަސް އިލްމުވެރިން ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ވެސް އެއް އިލްމުވެރިއަކު ތާއީދު ކުރެއްވި އެވެ.

އެއްވެސް އިލްމުވެރިއެއްގެ ތާއީދު ލިބިވަޑައިނުގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަން ޒަމީލަށެވެ.

އިލްމުވެރިންގެ ގުޅުމުގެ ބޭފުޅުންގެ ތެރޭގައި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު ބައިވެރިޔާ އަދި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިބި އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން އުޅުއްވަ އެވެ.

އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ވަނީ ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ އަދާލަތު ޕާޓީއާ ވެސް އެ ގުޅުން ވަކިން ބައްދަލު ކުރި އެވެ. އެހެން ބައެއް ކެންޑިޑޭޓުންގެ ވިސްނުން ހުރި ގޮތް ހޯދަން ވެސް އެ ގުޅުމުގެ އިސްވެރިން ބައްދަލުކުރެއްވި އެވެ.