ގްރީޒްމަން އަށް ޔުނައިޓެޑުން ބިޑެއް ނުކުރޭ
ގްރީޒްމަން އަށް ޔުނައިޓެޑުން ބިޑެއް ނުކުރޭ

ލަންޑަން (ފެބްރުއަރީ 3) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން ބިޑް ނުކުރާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މަޝްހޫރު ގިނަ ކުޅިވަރު މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކުރި ގޮތުގައި ޔުނައިޓެޑުން ވަނީ ގްރީޒްމަންގެ އޭޖެންޓާ ވަކިން މަޝްވަރާކޮށްފަ އެވެ. ބައެއް މީޑިއާ ތަކުން ވަނީ ޔުނައިޓެޑުން 80 މިލިއަން ޕައުންޑާ ގާތްކުރާ އަދަދެއްގެ ބިޑެއް އެތުލެޓިކޯ އަށް ހުށަހެޅި ކަމަށް ވެސް ރިޕޯޓް ކޮށްފަ އެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ހަލް ސިޓީއާ ޔުނައިޓެޑް އެއްވަރުވި މެޗަށް ފަހު މީޑިއާ އަށް މޮރީނިއޯ ބުނީ މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ޓްރާންސްފާގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށެވެ.

"އަހަރެމެން ތައްޔާރު މިވަނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓަށް. ވަރަށް ގިނަ ޓްރާންސްފާތަކެއް ހިނގާނެ. ޖެނުއަރީ މަހުގައި ޔުނައިޓެޑުން ޓްރާންސްފާގެ މަޝްވަރާތަކެއް ނުކުރަން ކުޅުންތެރިޔަކަށް ބިޑެއް ވެސް ނުކުރަން،" މޮރީނިއޯ ބުންޏެވެ.

ޔޫރަޕްގެ އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭ އުމުރުން 25 އަހަރުގެ ގްރީޒްމަން އަށް ފާރަލަމުން އަންނަ ކްލަބް ތަކުގެ ތެރޭގައި ޔުނައިޓެޑާއި ޗެލްސީ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.

ޔުނައިޓެޑުން އަންނަނީ ގްރީޒްމަން ހޯދުމަށް އެ ޓީމަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ އެހީތެރިކަން ހޯދަމުންނެވެ. ގްރީޒްމަން މީގެ ކުރިން ވަނީ ޕޮގްބާއާ އެއް ޓީމަކަށް ކްލަބް ފެންވަރުގައި ވެސް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް ސްޕެއިނުގެ ފުޓްބޯލް އެކްސްޕާޓް ހުއިލެމް ބަލަގޫ ބުނީ އެތުލެޓިކޯ މެޑްރިޑުގެ ކޯޗެއްގެ ގޮތުގައި ޑިއޭގޯ ސިމިއޯނީ ހުއްޓައި ގްރީޒްމަން އެ ކްލަބް ދޫކޮށްދިޔުމުގެ ފުރުސަތު ކުޑަކަމަށެވެ.