"ހުސް ސިޓީއުރައެއްގެ" ސިފައިގައި ރަށްރަށަށް ސިޓީގެ ދަރަޖަ ދޭތީ ގާސިމްގެ ފާޑުކިޔުން
"ހުސް ސިޓީއުރައެއްގެ" ސިފައިގައި ރަށްރަށަށް ސިޓީގެ ދަރަޖަ ދޭތީ ގާސިމްގެ ފާޑުކިޔުން

އެކަށީގެންވާ ތަރައްގީއެއް ނުގެނެސް، ކަންކަން ކުރާނެ އިތުރު ފައިސާއެއް ފޯރުކޮށްނުދީ ހަމައެކަނި ނަމެއްގައި ބައެއް ރަށްރަށަށް ސިޓީގެ ދަރަޖަ ދޭތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެ އެވެ.

"ހުސް ސިޓީއުރައެއްގެ" ސިފައިގައި ރަށްރަށަށް ސިޓީގެ ދަރަޖަ ދޭތީ ގާސިމްގެ ފާޑުކިޔުން
"ހުސް ސިޓީއުރައެއްގެ" ސިފައިގައި ރަށްރަށަށް ސިޓީގެ ދަރަޖަ ދޭތީ ގާސިމްގެ ފާޑުކިޔުން

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ފުވައްލަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވިޔަސް، އެ ރަށުގެ ބަނދަރު ވެސް ރައްޔިތުން ބޭނުންވާ ވަރަށް ތަރައްގީކޮށް ދެވިފައިނުވުމަކީ ސަރުކާރުތަކުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށަކަށް ސިޓީގެ ދަރަޖަ ދޭ ނަމަ، ކުދި ރަށްތަކާ ތަފާތުތަކެއް ހުންނަންޖެހެ އެވެ.

"މި ބޭފުޅުން ސިޓީގެ ދަރަޖަ މި ދެނީ ކޮން ކަހަލަ ސިޓީއަކަށްތޯ؟ ބޭސް ސިޓީއަކަށް ވުރެ ވެސް، ހުސް ސިޓީއުރައެއް ކަހަލަ އެއްޗަކަށް ސިޓީގެ ދަރަޖަ މި ދެއްވަނީ،" ގާސިމް ވިދާޅުވި އެވެ.

ސިޓީއެއްގެ ދަރަޖަ ދޭ އިރު، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ ރަށަކަށް އިތުރު ކެޕިޓަލާއި ތަރައްގީ އާއި ފައިސާ ހޯދޭނެ މަގު ތަނަވަސްކޮށްދޭން ޖެހެ އެވެ.

އޭގެން އެއްވެސް ކަމެއް ނުކޮށްދީ، ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ގޮތަށް ހަމައެކަނި ނަމެއްގައި ސިޓީގެ ދަރަޖަ ދެނީ ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބާ ދިމާކޮށް ވޯޓު ހޯދަން ރައްޔިތުންގެ "ލޮލުގައި އަޅުވާލައި އަނދުނެއް" ގޮތަށެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކުގެ އިތުރުން އައްޑޫއަށް ވެސް ސިޓީގެ ދަރަޖަ ދީފައިވިޔަސް، ރައްޔިތުންގެ ޖީބަށް ފައިދާއެއް ވާނެ ނޫނީ ވަޒީފާއެއް އުފެދޭ ކަމެއް ވެސް ކޮށްދެވިފައި ނެތް ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓު ފައިނޭންސް ކުރަން އެތައް ބިލިއަން ރުފިޔާގެ ލޯނު މި ސަރުކާރުން ނަގައިފި އެވެ. އެކަމަކު އެ ލޯނުތަކުގެ އެއްވެސް މަންފާއެއް ރައްޔިތުންނަށް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ ދެއްކެވި ވާހަކާގައި އޭނާގެ ބައިވެރިވުން އޮވެގެން ވެރިކަމަށް ގެނައި ސަރުކާރުތަކަށް މިއަދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނާ ހިލާފަށް ގާޒީއަކު ބަންދުކުރުމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ހިޔާނާތުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ދެކުނުގެ ކަނޑުން ބޮޑު ބައެއް ގެއްލުވައިލުން މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ވެސް މި ބޭފުޅުން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރީމޭ. އޭރަކު އަޅުގަނޑަކަށް ނޭނގެ މިއީ މި ވަރުގެ ހިޔާނާތްތެރިން ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ވެސް ވިދާޅުވީ އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން އެއް ފަހަރު ކުރި ވެރިކަން ވެސް ފެއިލުވީ ކަމަށާއި، މި އިންތިހާބު އެ ދެ ޕާޓީއަށް ވެސް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.