އައްޑޫން ޓޫރިޒަމަށް ހިއްކި ރަށްތަކަށް ނަން ދީފި
އައްޑޫން ޓޫރިޒަމަށް ހިއްކި ރަށްތަކަށް ނަން ދީފި

ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫން ހިއްކި ރަށްތަކަށް ކިޔާނެ ނަންތައް ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

އައްޑޫން ޓޫރިޒަމަށް ހިއްކި ރަށްތަކަށް ނަން ދީފި
އައްޑޫން ޓޫރިޒަމަށް ހިއްކި ރަށްތަކަށް ނަން ދީފި

ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫން ތިން ރަށެއް ހިއްކި އެވެ. އެއީ ހިތަދޫ ފަޅުތެރެއިން ހިއްކާފައިވާ ދެ ރަށާއި މީދޫ ފަޅުތެރޭގައި ހިއްކާފައިވާ ރަށެކެވެ.

އެ ރަށްތަކަށް ނަން ކިޔުމަށް ހުޅުވާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އައްޑޫ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 11 ވަނަ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ހުށަހެޅުމަށް 60 މީހުން ނަން ހުށަހަޅާފައިވާ ކަމަށެވެ.

ކޮންމެ ރަށަކަށް ކިޔާނެ ނަން ވަކިން ހުށަހަޅާފައިވާ ކަމަށާއި ރަށްރަށަށް ނަން ކިޔުމަށް ހޮވީ، ރައްޔިތުން ހުށަހެޅި ނަންތަކުން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. ރަށްތަކަށް ދިން ނަންތައް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

1. މީދޫ ފަޅުތެރެއިން ހިއްކި ރަށް: ދޮންހެރަ ފެންނަ 12

2. ހިތަދޫ، އައިލެންޑް ތިނެއް: ބޮލިހެރަ

3. ހިތަދޫ، އުތުރުގައި ފަޅުގައި ހިއްކި ރަށަށް: ދޮންދީނި ހެރަ

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އެ ތިން ރަށުގައި ޓޫރިޒަމަށް ތަރައްގީކުރަން ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ. އަދި އެއީ އައްޑޫގެ ތަރައްގީއަށް މުހިންމު މަޝްރޫއުއެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ތިން ރަށާއެކު އައްޑު އަށް އިގްތިސާދީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

"އައްޑޫ ސިޓީއަށް ފަހުގެ ތާރީހެއްގައި އިގްތިސާދީ ގޮތުން އެންމެ ބޮޑު ކުރިއެރުން ހޯދުމަށް ކުރެވުނު މަސައްކަތް [މި ތިން ރިސޯޓަކީ]. މިކަމަކީ ވަރަށް ތާރީހީ ކަމެއް، މިއަދަކީ ވަރަށް ވަރަށް ތާރީހީ ދުވަހެއް. މިއަދުގެ މި ދުވަސް އައްޑޫގެ ތާރީހުގައި ލިޔެވިގެންދާނެ،" ނިޒާރު ވިދާޅުވި އެވެ.

"ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ހުށަހަޅައި ކުރިއަށް މި ގެންދަނީ މިކަން ވީހާ ވެސް އަވަހަކަށް އިންވެސްޓަރުން ހޯދުމަށްޓަކައި."

ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ސިޔާސީ ފިކުރަކަށް ނިސްބަތްކޮށްގެން ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އައްޑޫގެ އިގްތިސާދު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

ސަރުކާރުން އައްޑޫގެ ތަރައްގީ އަށް ކޮށްދޭ މަސައްކަތްތަކަކީ ސިޔާސީ ކަންކަމަށް ނުބަލައި ހުރިހާ ކައުންސިލަރުން ވެސް އުފަލާއެކު ބަލައިގަންނަން ޖެހޭ ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.