04 ސެޕްޓެމްބަރ 2023 - 11:32

ވިލާ ކޮލެޖުން ފާމަސީ ޑިގްރީ ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.
އެ ކޮލެޖުން ތައާރަފްކުރި މި ޕްރޮގްރާމަށް ވަނުމަށް އެދޭ ދަރިވަރުންނަށް ތިން ކެޓެގަރީއަކުން ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. ހަތަރު އަހަރު ދުވަހުގެ މި ކޯހުގެ ކެޓަގަރީތައް ބަހާލާފައި ވަނީ ދަރިވަރުގެ ތައުލީމު ފެންވަރަށް ބަލާ ކޯހުގެ އެކި އަހަރުތަކުގައި ބައިވެރި ފުރިހަމަކުރެވޭ އުސޫލަށެވެ.
ފާމަސީ ދާއިރާ އަށް މުޅިން އަލަށް ވަންނަ ދަރިވަރުންނަށް މި ޕްރޮގްރާމް އެއްކޮށް ފުރިހަމަކުރަން ޖެހޭނެ އެވެ. މި ދާއިރާ އަލަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަކީ ލެވެލެގެ ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް، ޖުމްލަ ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނާއި އެމްއެންކިއުއެފް ލެވެލް 4ގެ ކޮލިފިކޭޝަނާ އެކު އޯލެވެލް ފެންވަރުގެ އިނގިރޭސި ފާހެއް އޮތް ދަރިވަރަކަށް ވާނެ ޖެހެ އެވެ.
މި ޕްރޮގްރާމުގެ ތިން ވަނަ އަހަރަށް ޖޮއިން ކޮށް ކޯސް ނިންމަން ބޭނުންވާ ދަރިވަރުންނަށް ވެސް އެ ފުރުސަތުދޭ ކެޓެގަރީއެއް ހިމެނެ އެވެ. އެ ކެޓަގަރީގެ ދަށުން ކޯހުގެ ތިން ވަނަ އަހަރަށް ޖޮއިންކޮށް ޕްރޮގްރާމު ފުރިހަމަ ކުރެވޭނީ އެމްއެންިއުއެފް ލެވެލް 5ގެ ފާމަސީ ޑިޕްލޮމާ އޮތް ދަރިވަރުންނަށެވެ.
ކޯހުގެ އެންމެ ފަހު އަހަރަށް ގުޅެން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ދޭނީ އެމްއެންކިއުއެފް ލެވެލް 6ގެ އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. މި ކެޓަގަރީގެ ދަށުން ޕްރޮގްރާމަށް ވަންނަ ދަރިވަރުންގެ އެޑްވާންސްޑް ޑިޕްލޮމާގެ މުއްދަތަކީ ތިން އަހަރު ދުވަސްކަމުގައި ވާން ޖެހެ އެވެ.
މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާނެ އެވެ. އަދި ޕްރޮގްރާމްގެ ފަހު އަހަރުގައި ޖީ.އެމް.ޕީ (ގުޑް މެނުފެކްޗަރިން ޕްރެކްޓިސް) ކޮލިޓީ އެންޑް ސްޓޭންޑާޑްސް ގެ ތަޖުރިބާ ހޯދުމަށްޓަކައި ޑަބްލިއު.އެޗް.އޯ އިން ގަބޫލުކުރާ ފެންވަރުގެ ބޭސް އުފައްދާ ކާރުހާނާއަކަށް ތަޖުރިބާ ދަތުރެއް ކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
ވިލާ ކޮލެޖުން ތައާރަފްކުރި ފާމަސީ ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.