ޓެންހަގާއި ސަންޗޯއާ ދެމެދު ބޮޑު މައްސަލަގަނޑެއް
ޓެންހަގާއި ސަންޗޯއާ ދެމެދު ބޮޑު މައްސަލަގަނޑެއް

މެންޗެސްޓާ (ސެޕްޓެމްބަރު 4) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގާއި އެ ޓީމުގެ އިނގިރޭސި ފޯވާޑް ޖާޑަން ސަންޗޯއާ ދެމެދު ބޮޑު މައްސަލަގަނޑެއް އުފެދިފައިވާކަން ހާމަވެއްޖެ އެވެ.

އާސެނަލް އާ ދެކޮޅަށް ރޭ ލަންޑަނުގައި ކުޅުނު މެޗަށް ޔުނައިޓެޑްގެ ޓީމު ދަތުރުކުރީ، ސަންޗޯ ރަށުގައި ބަހައްޓައިފަ އެވެ. ބްރޯޝިއާ ޑޯޓްމަންޑަށް 90 މިލިއަން ޑޮލަރު ދިނުމަށް 2021 ގައި ޔުނައިޓެޑުން ގަތް ފޯވާޑްގެ ކުރިމަގާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ރޭ އާސެނަލް އަތުން 3-1 ން ބަލިވި މެޗަށް ފަހު ޓެން ހަގް ބުނީ ސަންޗޯ ޓީމާ އެކު ނުގެންދިޔައީ ޕްރެކްޓިހުގައި އޭނާގެ ފަރާތުން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުފެނުމުން ކަމަށެވެ.

"ޖާޑަން، ޓްރޭނިންގައި އޭނާގެ މަސައްކަތަށް ބަލާފައި އަހަންނަށް އޭނާ ޓީމަށް ނެގެން ނެތީ. މެންޗެސްޓާ ޔުނައިޓެޑްގައި ކޮންމެ ދުވަހަކު ވެސް ލެވެލް މައްޗަށް ދާން ޖެހޭނެ. ފޯވާޑް ލައިނުގައި އެކި ކުޅުންތެރިން ބޭނުން ކުރެވޭނެ. އެހެންވީމަ މި މެޗުގައި އޭނާ ނުހޮވުނު," ޓެން ހަގް ބުންޏެވެ.

އެކަމަކު ކޯޗުގެ ވާހަކަތައް ސަންޗޯ ވަނީ ސޯޝަލް މީޑިއާގައި ދޮގުކޮށްފަ އެވެ. އެ ވާހަކަތަކަށް އޭނާ ފާޅުގައި ރައްދު ދިނުމުން ޓެން ހަގާއި ސަންޗޯގެ ގުޅުމަށް މިހާރު އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭނާ ބުނީ ނޫސްތަކުން ކިޔާ ކޮންމެ ވާހަކަ އަކީ ތެދު ކަމަށް ގަބޫލު ނުކުރަން އެދޭ ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ޓްރޭނިންގައި ވެސް އޭނާ ރަނގަޅަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ސަންޗޯ ބުންޏެވެ.

"(ނޫސްތަކުން) ކިޔާ ހުރިހާ އެއްޗެއް ގަބޫލު ނުކުރޭ! ހަގީގަތާ ހިލާފު ވާހަކަތައް މީހުން ބުނުމުގެ ފުރުސަތެއް ނުދޭނަން. މި ހަފުތާގައި ވަރަށް ރަނގަޅަށް ޓްރެއިނިންގައި އަހަރެން ކުރިއަށް ގެންގޮސްފިން," އެކްސް (ކުރީގެ ޓްވިޓާ) ގައި ސަންޗޯ ލިޔުނެވެ.

"އަހަންނަށް ގަބޫލުކުރެވެނީ މިކަމުގައި (ޓީމަށް ނުނެގުމުގައ) އެހެން ސަބަބުތަކެއް އެބަހުރި ކަމަށް. އެ ކަންކަމުގެ ތެރެއަށް އަހަރެން ނުދާނަން. އަހަންނަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކަތިލާ ކަންބަޅިއެއް ގެ ގޮތުގައި ގެންގުޅު މީހެއް. އެއީ އިންސާފެއް ނޫން."