04 ސެޕްޓެމްބަރ 2023 - 00:28

ލ. ގަމުގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ނެޝަނަލް މެންޓަލް ހެލްތު ހޮސްޕިޓަލް ވެސް ހަދާނީ މި ރަށުގައި ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގަމަށް ވަޑައިގެން ތުނޑީ އަވަށުގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި، އެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ ވައުދުގެ ހަނދާން އާ ކުރައްވައި މުއިއްޒު ވިދާޅުވީ، އެފަދަ ހޮސްޕިޓަލެއް އެންމެ އެކަށީގެން ވަނީ ގަން ފަދަ ހިތްފަސޭހަ ތަނެއްގައި ކަމަށެވެ.

"ބޭރު ގައުމުތަކުގައި ވެސް މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ، ވަރަށް ހިތްގައިމު، މީހުންނާއި ޓްރެފިކްގެ ބާރު ކުޑަ ތަންތަނުގައި. އެ ކަހަލަ ތަނަކަށް ދިޔައީމާ ހިތްފަސޭހަކަން ލިބޭ ކަހަލަ ތަނެއްގައި،" އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ނެޝަނަލް މެންޓަލް ހެލްތު ހޮސްޕިޓަލެއް އޭނާގެ ވެރިކަމެއްގައި އިމާރާތް ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ، މިދިޔަ ހަފުތާގައި ށ. ފުނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ. މުއިއްޒު ވިދާޅުވީ، ނަފުސާނީ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑު ކަމަށާއި ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އިމާރާތް ކުރުމާ އެކު، އިންޑިއާ އަށް ދިއުން ނިމުކަަށް އަންނާނެ ކަމަށެވެ.
މުއިއްޒު ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރައްވައި، ފުރިހަމަ ހިދުމަތްތަކާ އެކު ގާއިމު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މުއިއްޒު ވަނީ ގަމަކީ ބިން ބޮޑު ރަށެއް ކަން ފާހަގަކުރައްވައި، މި ރަށުގައި ތިބީ ގެދޮރުވެރިކަން ބޭނުންވާ 100 މީހުން ނޫން ކަމަށާއި އެއްފަސްކުރަން ބޭނުންވަނީ 100 ހައުސިން ޔުނިޓް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ކަމަށް ހައްލެއް ގެނައުމަށް ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ދީފައިވާ ބާރުތަކުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އެކި ބޭނުންތަކަށް ގަމަށް ހިޖުރަ ކުރާ މީހުންނަށް ދަތިކަމެއް ނެތި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލ. އަތޮޅު މުންޑު އާއި ކަޅައިދޫން ގަމަށް ބަދަލުވި މީހުންނަށް ބޭނުންވަނީ ހަމައެކަނި ގެދޮރެއް ނޫނެވެ. އެހެންވެ، އެ ރަށްރަށުގައި ހުރި ރުށްގަހުގެ ބަދަލު ވެސް ހަލާސްކޮށް ނިންމައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގަމާއި ފޮނަދޫ ހިމެނޭ ގޮތަށް ގެދޮރުވެރިކަމުގެ މަޝްރޫތައް ހިންގުމާއި ލިބިފައިވާ ގެތަކުގައި ގެ އިމާރާތްކުރަން އަތްފޯރާ ފަށުގެ ލޯނު އޭނާ އަށް ވެރިކަން ދީފި ނަމަ ހަމަޖައްސައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ޑައުންޕޭމަންޓެއް ދައްކަން ނުޖެހޭ ފަސް ޕަސެންޓް އިންޓްރެސްޓްގެ ލޯނުތަކެކެވެ.
ގަމުގެ ހުރިހާ މަގެއްގައި ތާރު އެޅުމާއި ޒުވާނުންނަށް ބޭނުންވާ އެކިއެކި ކުޅިވަރު ފެސިލިޓީޓައް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ދަނޑުވެރިކަމުގެ މިނިސްޓްރީ ގާއިމްކޮށް، މި ރަށުގެ ބޭނުން ހިފާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، މި ކަންކަން ވާނީ އާބާދީ އެއްފަސްކުރަން ލިބޭ ސަބަބަކަށެވެ.
މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޕީޕީއެމާ ރޭ ގުޅި، މުއިއްޒަށް ތާއީދު އޮތް ކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޓިކެޓުގައި ގަމު ކައުންސިލަށް ހޮވިވަޑައިގެންނެވި ކައުންސިލް ނައިބު ރައީސް އަބްދުﷲ އާސިފް ހިމެނެ އެވެ.