ގައުމީ ވޮލީ ކޯޗަކަށް އަނެއްކާ ވެސް ޝަރަފް
ގައުމީ ވޮލީ ކޯޗަކަށް އަނެއްކާ ވެސް ޝަރަފް

މާޗު މަހު ރާއްޖޭގައި ބާއްވާ އޭވީސީ ސެންޓްރަލް ޒޯން ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖައްސައިިފި އެވެ.

ގައުމީ ޓީމަށް މީގެ ކުރިން ވެސް ކާމިޔާބީތައް ހޯދައިދީފައިވާ ޝަރަފް އަލުން ކޯޗަކަށް ގެނައީ، ބަންގްލަދޭޝްގައި ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ގައުމީ ޓީމަށް ކޯޗުކޮށްދިން ސްރީ ލަންކާގެ ސިސިރާ ކުމާރު ވެންޑަކޫން އިތުރަށް ނުބަހައްޓަން ނިންމުމަށް ފަހު އެވެ. ތަށްޓަށް އަމާޒުކޮށްގެން ރާއްޖޭން މުބާރާތަށް ދިޔަ ނަމަވެސް ފައިނަލުން ފުރުސަތެއް ނުލިބުނެވެ. އެކަމަކު ރާއްޖެ ވަނީ ނޭޕާލް އަތުން މޮޅުވެ ތިން ވަނަ ހޯދައިފަ އެވެ. ލަންކާ ކޯޗާ މެދު ބައެއް ކުޅުންތެރިން ވެސް ހިތްހަމަނުޖެހެ އެވެ.

ޝަރަފް ވަނީ 2013 ވަނަ އަހަރު ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ. ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ޝަރަފުގެ އިތުރުން ޓީމަށް ހަމަޖެއްސި އޮފިޝަލުންނަކީ މިދިޔަ އަށް އަހަރު ގައުމީ ޓީމުގެ ކާމިޔާބީތަކަށް ބެލުމަށް ފަހު އެކަމުގައި އެންމެ ބޮޑަށް ހިއްސާވި ފަރާތްތައް ކަމަށެވެ.

ޓީމުގެ ޓްރޭނަރަކަށް އަބްދުﷲ ނަޝީދު (އަބުޅޯ) ހަމަޖެއްސިއިރު، އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ އެންމެ ފަހުގެ މުބާރާތުގައި ވެސް ޓީމުގައި މަސައްކަތްކުރި އިބްރާހިމް ޝިހާމް (ސަޑިއްކެ) އަދި މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

"ރާއްޖޭން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހަތަރު ވަނަ ހޯދިއިރު ސަޑިއްކެ ޓީމުގައި މަސައްކަތްކުރި. އޭގެ ފަހުން 2013 ވަނަ އަހަރު ރިހި މެޑަލް ހޯދިއިރު ޝަރަފާއި އަބުޅޯ އަކީ ޓީމުގެ މެމްބަރުން. އަދި 2014 ވަނަ އަހަރު ރިހި މެޑަލް ހޯދިއިރު ސާޖިދަކީ އެސިސްޓަންޓް ކޯޗެއް،" ލަތީފް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ހަމަޖެއްސީ އިންޓަނޭޝަނަލް އެކްސްޕީރިއަންސް އެންމެ ގިނަ ކޯޗުން."

ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިން ވެސް އެ މަގާމް ފުރާވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ޑިލައިޓް އަލީ ލަތީފް (އައްލާ) އެވެ.

ކޯޗު ޝަރަފް ބުނީ އޭނާއާ އެކު މަސައްކަތްކުރާ ކޯޗިިން ސްޓާފުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިިދިޔަ އަހަރުތަކުގައި ގައުމީ ޓީމު ހޯދި ކާމިޔާބީތަކުގައި މީގެ ތެރެއިން މަދުވެގެން އެކަކު އަބަދުވެސް ޝާމިލްވެފައި ހުންނާނެ ކަމަށެވެ.

ޝަރަފް ބުނީ ސެންޓްރަލް ޒޯން މުބާރާތްތަކުގައި ރާއްޖޭން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު މިފަހަރު އަމުދުން އަމިއްލަ ގައުމުގައި ކުޅޭއިރު ބޮޑު ކާމިޔާބެއް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ރާއްޖޭގައި މިއޮތީ ކުއްލިއަކަށް ހެދި ޓީމެއް ނޫން. މިއީ އެތައް އަހަރެއް އެއްކޮށް ކުޅެ، ބިނާވަމުން އައި ޓީމެއް. އެހެންކަމުން ދޮޅު މަސް ދުވަހުން މުބާރާތަށް ތައްޔާރުވެ ކާމިޔާބު ނުހޯދޭންވީ ސަބަބެއް ނެތް،" ޝަރަފް ބުންޏެވެ.