03 ސެޕްޓެމްބަރ 2023 - 12:30

މާލޭގެ 19،000 އަށް ވުރެން ގިނަ މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ލިސްޓް އިއުލާންކޮށްފައި ވިޔަސް ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި ނިންމުމަށް ފަހު ގޯތި ދެވިދާނެ ކަަމަށް ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ތަކުރާރު ކުރެއްވީ މާލޭގެ ރައްޔިތުންނަށް ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަމުން އަންނަ ކަމަށާއި ގޯތި ދީ ނިންމާނެ ކަމަށެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބޯހިޔާވަހިކަމާ ގުޅިގެން އަމާޒުކުރި ސުވާލުގައި، ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުތަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި އިހުމާލުވި އެއް ބަޔަކީ މާލޭގެ ރައްޔިތުންނެވެ. އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން ހިންގާ މަސައްކަތާ ދޭތެރޭގައި ސުވާލު އުފައްދައި ވާހަކަ ދެއްކުމަކީ ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މާލެއިން އަގު ބޮޑު ގޯތިތަކެއް ހިލޭ ދޫކުރުމާ ގުޅޭ ގޮތުން އަމާޒުވާ ފާޑުކިއުންތަކުން މާލޭގެ ރައްޔިތުން ދިފާއުކުރައްވަމުން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ހައްލެއް އޮންނަން ޖެހޭ ކަމަށެވެ.
"ގިރާވަރުފަޅުންނާއި ގުޅީފަޅުން އަޅުގަނޑުމެން މި ގޯތި ދެނީ މާލޭގެ ރައްޔިތުންނަށް. މާލޭގެ ރަށްވެހިންނަށް، މިހާތަނަށް އެކަމަށް ހައްލެއް ނައިސް އޮތީ ބޯހިޔާވަހިކަމަށް ކުރި މަސައްކަތް މުޅި ރާއްޖެއަށް ހުޅުވާލީމަ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ އިތުރަށް ހިއްކައިގެން ގޯތިދޭން ނިންމާފައިވާއިރު، އެ ބިމުގެ ތެރޭގައި ފްލެޓް އަޅަން ބިން ވެސް ހިއްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަކީ ރާއްޖޭގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމަށް ކިރިޔާވެސް އެކަށީގެންވާ ހައްލެއް ހޯދައިދޭން މަސައްކަތްތަކެއް މިކުރެވުނީ މި ސަރުކާރަށް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް އަހަރުތަކެއް ފަހުން ގޯތި ދޭން ނިންމުމަކީ އެ ހައްލުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށް ހިއްކާ ތަންތަން ނިމޭއިރަށް އެގޯތި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
"ހުޅުމާލެ އާއި ގިރާވަރު ފަޅާއި ގުޅީފަޅުން ބިން ދޫކުރުމަކީ މައްސަލައެއް ނޫން. އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ މާލޭގެ ރައްޔިތުންނާ މެދު ވަރަށް ބޭއިންސާފުކޮށް ވާހަކަ ދައްކަވާ ބޭފުޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.