03 ސެޕްޓެމްބަރ 2023 - 13:08

ވެރިކަމުގެ އެއް ދައުރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއު ހިންގާފައި ވަނީ މި ފަސް އަހަރުގެ ތެރޭގައި ކަމަށާއި އެކަމަކު އެއިން އެއްވެސް މަޝްރޫއެއްގެ ފައިސާ އަމިއްލަފުޅު އެކައުންޓަށް ވަދެފައި ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި ހދ. ނޮޅިވަރަންފަރަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިންގި އެއްވެސް މަޝްރޫއެއްގެ ފައިސާ ކުރިން ވެސް ނުވަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ ކަމަށެވެ.

"ހުރިހާ ރަށަކަށް ބެލިނަމަވެސް އެކަން [ގިނަ މަޝްރޫއު ހިންގީ މި ދައުރުގައިކަން] ފެންނާނެ. އެހެން ނަމަވެސް ހަމަ ގައިމުވެސް އަޅުގަނޑުގެ އެކައުންޓަށް އެއްވެސް ފައިސާއެއް ވަދެފައެއް ނޯންނާނެ. ކުރިއަކު ވެސް ނުވަދޭ. މިހާރަކު ވެސް ނުވަންނާނެ. ދެނެއް ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ކުންފުންޏަކުން ފައިސާއެއް ނުވަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ދެފުށް ފެންނަ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދިއުމެވެ. ހުރިހާ މަޝްރޫއެއް ވެސް މި ވެރިކަމުގައި ކުރިއަށް ގެންދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުން ރާއްޖޭގައި ކަންތައްތައް ނުކުރެވިގެން ދިޔަ ސަބަބަކީ އެއީ. ފަށާ ކޮންމެ ޕްރޮޖެކްޓަކުން ވެރިންނަށް ބައި އަޅަން ޖެހޭތީ. ޕްރޮޖެކްޓް ތަކުގެ އަގު ބޮޑުވެގެންދިޔައީ އެ މައްސަލާގައި. އެހެން ނަމަވެސް މިއަދު އެތައް ހާސް ޕްރޮޖެކްޓެއް އެއްފަހަރާ ފެށި ނިމެމުން މި ދަނީ ހާމަކަމާ އެކީގައި މިކަން އަޅުގަނޑުމެން ކުރާތީ. ދެފުށް ފެންނަ ގޮތަށް ކުރާތީ،"
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި ނާމާންކަމާ މިހާރު ކުރިމަތިލާން ބޭނުން ނުވާ މަންޒަރު ރަށްރަށުން ފެންނަމުންދާ ކަމަށެވެ.
"ކޮންމެ ރަށަކުން ވެސް ފެންނަނީ އަނިޔާވެރިކަމާ ދެކޮޅަށް ތިބިތަން. ފެންނަނީ ހެޔޮ ބަދަލު. ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތަން. ފެންނަނީ އެއް ބުރުން އިންތިހާބު ކާމިޔާބުވާ ތަން. ކޮންމެ ރަށަކުން ވެސް ފެންނަނީ ސިޔާސީ ހަމަޖެހުމުގެ ފައިދާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެހެންވިޔަސް ރައްޔިތުން ގޮތް ނިންމަން ޖެހޭނީ ވިސްނުންތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި އިންތިހާބުވެވަޑައިގެންފިނަމަ ނޮޅިވަރަންފަރަށް ވެސް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.
- މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުން
- ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުން
- ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ޒުވާނުންގެ މަރުކަޒެއް އެޅުން
- ޓާފް ފުޓުބޯޅަ ދަނޑެއް ހެދުން
ރައީސް ވިދާޅުވީ މަޝްރޫއުތަކުން ހދ. އަތޮޅަށް ވެސް އޮތީ ހެޔޮ ބަދަލެއް އައިސްފައި ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާ އެކު ބޮޑުތިލަދުންމައްޗަށް އަދިވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނަށް ވެސް އޮތް ބިރަކީ، ރައީސް ވިދާޅުވި ގޮތުގައި، ވާދަވެރިންގެ އަތަށް ބާރު ލިބިއްޖެ ނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ތަރައްގީކުރުން ހުއްޓާލާނެ ކަމަށް ދައްކާ ވާހަކަ އެވެ. ވާދަވެރިންގެ ސިޔާސަތެއް، ތަރައްގީ ގެނައުމުގެ އަމާޒެއް ނެތް ކަމަށާއި ނޫން ނަމަ ބޮޑު ތިލަދުންމަތި މިވެރިކަން ފެށުނުއިރު އޮންނާނީ އެ ހާލަތުގައި ނޫން ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމަށް 50 އަހަރު ފުރުނު އިރު ވެސް އެ ސަރަަހައްދަށް ކުރިއެރުން ނުލިބި ހަނދާން ނައްތާލާފައި އޮތީ ކީއްވެތޯ ސުވާލު އުފައްދަމުން ވިދާޅުވީ ބޭނުން ވަނީ ރައްޔިތުން އަޅުވެތިކޮށްފައި ބައިތިއްބަން ކަަމަށެވެ.
ވާދަވެރިން ވެރިކަމުގައި ތިބިއިރު އަބަދުވެސް ކަންކަން ކުރަމުން ދިޔައީ، އިންތިހާބަށް އަމާޒު ހިފައިގެން ކަމަށާއި އެކަމަކު މި ސަރުކާރަކީ އެ އުސޫލުން ކަންކަން ކުރާ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.