04 ސެޕްޓެމްބަރ 2023 - 07:07

އިއްޔެ ރޭ ބޭއްވި ރިޔާސީ ބަހުސްގައި، އެއް ކެންޑިޑޭޓެއް ކައިރީގައި، އެކަން ހިލޭ ކޮށްދޭނީ ކިހިނެއްތޯ މޮޑެރޭޓާ އެހުމުން އޭނާ ޖަވާބު ދެއްވި އެވެ: "ހިލޭ ކޮށްލީމަ ހިލޭ ވީނޫންތޯ."

ތެދެކެވެ؛ ހިލޭ ކޮށްދިނީމަ ހިލޭ ވީ އެވެ. އަދި އެކަމެއް ހިލޭ ކޮށްދިނުމުން އެއީ ކިހާ ވަރެއްކަން ނޭނގި ތިބި ރައްޔިތުން ވަރަށް އުފަލުން އަތް ވެސް ޖަހައިފާނެ އެވެ. އެކަމަކު، ކަންކަން ހިލޭ ކޮށްދިނުމުން، ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންނަށް އޭގެ ފަހުން އުފުލަން ޖެހޭ ތަކުލީފު އެއީ ކިހާ ބޮޑު ވޭނެއް ކަން އެނގޭ ނަމަ، އެ ކެންޑިޑޭޓް ވެސް، އަދި އެއްވެސް ރައްޔިތަކު އަތް ނުޖަހާނެ ކަން ޔަގީނެވެ.

ޑިމާންޑް އަންނަނީ ރައްޔިތުންގެ ފަރާތުންނެވެ. ކައިރީގައި އެއާޕޯޓެއް އޮތަސް އަމިއްލަ ރަށުގައި އެއާޕޯޓެއް އޮންނަން ޖެހެ އެެވެ. ހުސްކޮށް އޮތަސް ބަނދަރު ވެސް ބޮޑުކުރަން ބޭނުން ވެ އެވެ. ހަމައެގޮތަށް ލިބޭ މީހާ ވެސް ހުރިހާ ކަމެއް ހިލޭ ބޭނުން ވެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރަމުން އަންނައިރު، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ވެސް ވައުދުތައް ވުމުގެ މައްޗަށެވެ. ވަރަށް ގިނަ ހިދުމަތްތަކާއި އަސާސީ ހައްގުތަކުގެ ގޮތުގައި އޮތް އެތައް ކަމެއް އޭނާގެ ވެރިކަމެއްގައި ނަމަ ހިލޭ ވެސް ކޮށްދީފި އެވެ.
ބައެއް ޕާޓީތަކާއި ކެންޑިޑޭޓުންގެ މުޅި މެނިފެސްޓޯ ބަލާލުމުން ފެންނަން އޮތް ހަގީގަތަކީ ވެސް އެއެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަމުން އަންނަ ކަންކަން "ހިލޭ" ކޮށްދޭން މިހާރު ވެސް އޮތީ ވައުދުވެފަ އެވެ. އޭގެ އިތުރުން، ދައުލަތުން އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގައިގެން އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާއި އެހެނިހެން އިންވެސްޓްމަންޓްތަކާއި އެތައް އަހަރަކަށް ބަހާލައިގެން ދައްކަން ހުރި އެތައް ބިލިއަން ރުފިޔާއެއް މާފު ކޮށްދޭނެ ކަމަށް އޮތީ ވައުދުވެފަ އެވެ. ދައުލަތަށް ވަންނަން ހުރި އެތައް ބިލިއަން ރުފިޔާއެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއްގެ ގޯތި ވެސް ހިމެނެ އެވެ.
ކުރީގެ ރިޔާސީ އިންތިހާބުތަކުގެ ކެމްޕޭންތަކާ މިފަހަރުގެ ކެމްޕޭން ތަފާތުވި އެއް ސަބަބަކީ ވެސް މި އެވެ. ކުރިއަށް އޮތް ފަސް އަހަރު ހިލޭ ކޮށްދޭނެ ކަމުގެ ވައުދުތައް ގިނަވުމެވެ. އެއީ، ރައްޔިތުންނަށް ވަރަށް ބޮޑު ހިނިތުންވުމެއް ގެނެސްދޭނެ ކަމެެއް ނަމަވެސް، އެއިން ކޮންމެ ވައުދަކާ އެކު އިގްތިސާދީ ތަޖުރިބާކާރުންނާއި އިގްތިސާދީ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް އެއީ ވަރަށް ބޮޑު ބޮލުރިހުމެކެވެ.
އިގްތިސާދީ ދާއިރާ އިން ވަރަށް ގިނަ ލިޔުން ލިޔުއްވާ އިބްރާހިމް އާތިފް ޝުކޫރު މީގެ ދެ މަހެއްހާ ދުވަސް ކުރިން މި މައުލޫއަށް ލިޔުއްވާފައި ވެ އެވެ. އޭނާގެ އެ ލިޔުއްވުމުގެ އަސާސަކީ ކަންކަން ހިލޭ ކޮށްދޭން ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރާ ގަބޫލުކުރުމެވެ.
"ކޮންމެ ހިދުމަތަކަށް އަގެއް ދައްކަން ޖެހެއެވެ. މިއީ ބަދަލު ނުކުރެވޭނޭ ހަގީގަތެކެވެ. ކޮންމެ ބަނދަރަކަށް، ހިލޭ ދެވޭ ސަބްސިޑީއަކަށް ހަރަދު ހިނގައެވެ. ގައުމު އިތުރަށް ދަރުވާނުލާ، މި އަގު ދެއްކޭނެ ހަމައެކަނި ގޮތަކީ އިތުރަށް ޓެކްސް ނެގުމެވެ. ނޫނީ ދައުލަތުގެ ހަރަދުތައް މާ ބޮޑުތަނުން މަދުކުރުމެވެ. މިއީ ހަމަ އެކަނި އިގްތިސާދީ އަސާސެއް ނޫނެވެ. ދިރިއުޅުމުގެ ހަގީގަތެވެ،" އޭނާ ލިޔުއްވާފައި ވެ އެވެ.
"ފާއިތުވި ސާޅީހަކަށް ވުރެ ގިނައަހަރު ކުޅަ ބުރަ، ބަރު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނޯ ފްރީ ލަންޗްގެ އަސާސްތަކަށް ރައްޔަތު އެންމެންގެ ކަންފަތްތައް މިވަނީ ބީރު ކުރުވައިފަ އެވެ. އެ ވާހަކަ ދައްކަން ކެރޭ، ސިޔާސީ ފަރާތެއް ނެތެވެ."
އާތިފު ވެސް، އަދި އެހެން ތަޖުރިބާކާރު އިގްތިސާދީ ބޭފުޅުންނަށް ވެސް ދެކޮޅު ނުޖެއްސިގެން އުޅޭ ހިސާބަކީ، ރާއްޖެ ކަހަލަ އިގްތިސާދެއް އޮތް ގައުމެއްގައި ކަންކަން ހިލޭ ކޮށްދެވޭނެ ގޮތެވެ. އަދި މުޅިން ހިލޭ ކަންކަން ކޮށްދޭން ފެށުމުން ދެން އެއިން ނުކުންނާނެ ނޭދެވޭ ނަތީޖާ އެވެ. އޭގެ އެއް ހެކި އެ ބޭފުޅުން ދައްކަވަނީ އާސަންދަ އާއި ރާއްޖޭގައި މި ދެވޭ ސަބްސިޑީ އެވެ. މިއީ، މި ނޫން ގޮތަކަށް އެކަން ކުރަން ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ މާލީ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހުން ވެސް ލަފާ ދީފައިވާ ގޮތެވެ. އެކަމަކު އެކަން އެގޮތަށް ދުވަހަކު ވެސް ނުވެ އޮވެމެ، އަދި ހިލޭ ކޮށްދޭ ކަންކަން ގޯހުން ގޯހަށް ދާކަން އެނގޭ އިރު ވެސް، ހަމައެކަނި ވޯޓު ހޯދުމުގެ ނިޔަތުގައި އެކަން ގުރުބާން ކޮށްލަނީ އެވެ.
ހިލޭ ކޮށްދޭނެ ކަމުގެ ވައުދުތައް ކޮންމެ ކެންޑިޑޭޓަކު ވެސް އެބަ ގެންގުޅުއްވަ އެވެ. ތަފާތަކީ ވައުދުތަކުގެ އަދަދުތަކުގެ ތަފާތެވެ. އޭގެ މާނައަކީ، ކޮންމެ ކެންޑިޑޭޓަކު ވެސް ހޮވިއްޖެ ނަމަ ދައުލަތުގެ ބަޖެޓަށް "ހިލޭ" ކޮށްދޭން ޖެހޭ ބައިން އަނެއްކާ ވެސް ބުރަ ބޮޑުވުމެވެ. ދައުލަތަށް ފައިސާ ލިބޭނެ އެއްވެސް ކަށަވަރު ގޮތެއް ކެންޑިޑޭޓުންގެ ސިކުނޑީގައި ރޭވިފައި ނެތް އިރު އެ ފައިސާ ހިލޭ ކޮށްދޭން ފައިސާ ހޯދާނެ ގޮތެއް ވެސް ނެތެވެ. އޭގެ މާނައަކީ، ހިލޭ ކުރަން ޖެހޭ ކޮންމެ ކަމެއްގައި ދައްކަން ޖެހޭ އަގު ދެއްކޭނެ ގޮތެއް ނެތް ކަމެވެ. ކޮންމެ ހިދުމަތަކީ ހަރަދެކެވެ. އެ ހަރަދު ހޯދަން ޖެހެ އެވެ. އެހެން ނޫނީ ހިލެއެއް ނުދެވޭނެ އެވެ.
"ހިލޭ ނުކޮށްދެވޭނެ މައިގަނޑު ސަބަބަކީ އެއީ ކޮންމެވެސް ފަރާތެއް މެދުވެރިވެގެން ލިބޭ އެއްޗަކަށް ވާތީ އެއަށް ހަރަދު ހިނގާނެތީ،" އާތިފު، މި ރިޕޯޓަށް ވިދާޅުވި އެވެ.
"އެ ހަރަދު ހޯދަން ދެން ޖެހޭނީ އަނެއްކާ ވެސް ޓެކްސް ބޮޑުކުރަން. ރައްޔިތުންނަށް މި ކުރާ ކޮންމެ ހޭދައަކީ ރައްޔިތުންގެ އަތުން އަތުލެވޭ ފައިސާއެއް. ކޮންމެ އެއްޗެއް ހިލޭ ވެސް ކޮށްދެވޭނީ ހަމަ ރައްޔިތުންގެ އަތުން އެ ލިބިގެން."
"ދުނިޔޭގެ ބައެއް ތަންތާނގައި ހިލޭ ތައުލީމު މި ދެނީ އެ މީހުންގެ އިންކަމްގެ 50 ޕަސެންޓް ނަގައިގެން. އެ މީހުން އެ ދީފައި މި ބުނަނީ ތިމަންނާ އަށް ބޭސްފަރުވާ ހިލޭ ކޮށްދޭށޭ. ދަރިންނަށް ތައުލީމު ދޭށޭ. އެކަމަކު ރާއްޖޭގައި މިކަން މި އޮންނަނީ މިހެނެއް ނޫން."
ދިވެހި ދައުލަތަކީ ރިޒާވްގައި ފައިސާތަކެއް ހުރި ގައުމެއް ނޫނެވެ. ލިބޭ އެއްޗަކުން ވެސް ގައުމު ހިންގައެއް ނުލެވެ އެވެ. އެ ގާބިލް ކަމެއް ދައުލަތަކު ނެތެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެގެން އެ ހަރަދު މިހާރު ވެސް ކުޑަކުރަނީ ސަރުކާރުން ކޮންމެ މަހަކު ވެސް އަސާސީ ހިދުމަތްތަކަށް ސަބްސިޑީ ދީގެންކަން ހަނދާން ކުރަން އެބަ ޖެހެ އެވެ. އާތިފު ވިދާޅުވި ގޮތުގައި، ހިލޭ ދޭން ވައުދުވާ ކޮންމެ އެއްޗެއް ހިލޭ ދިނުމަށް ޓަކައި ޓެކްސް ނުވަތަ ލޯނު ނަގަން ޖެހެ އެވެ.
"ޓެކްސް ބޮޑުނުކުރެވިއްޖިއްޔާ ދެން އެކަން ކުރަން މިޖެހެނީ ލޯނު ނަގަން. ލޯނު ނަގައިގެން އެކަމެއް ހިލޭ ކޮށްދިނުމަކީ ހިލޭ ކޮށްދިނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ހަމައެކަނި ހިޔާ ފްލެޓްތަކުގެ ކުއްޔަށް އެކަނި ބަލާލިޔަސް، މި ދައްކަނީ 400 ވަރަކަށް މިލިއަން ރުފިޔާގެ ވާހަކަ އެވެ. އަޅައިދޭން ޖެހޭ ގެދޮރު ހިލޭ ކޮށްދޭ ނަމަ، އެއީ ސިކުނޑި އަށް ވެސް ނާންނަ ވަރުގެ ބޮޑު ހަރަދެކެވެ. ސަބްސިޑީތަކާއި އެހެނިހެން ހިލޭ އެހީތަކާއި ހިލޭ ކޮށްދޭން ވައުދުވެފައި ހުރި ދެން ހުރި ކަންކަން އެއްފަރާތުގައި އަދި ބާއްވާލަމާ ހިނގާށެވެ!
ރައްޔިތުން ވިސްނާށެވެ! އެއްވެސް ކަމަކީ ހިލޭ ކޮށްދެވެން އޮތް ކަމެއް ނޫނެވެ! ހިލޭ ކޮށްދީފި ނަމަ، އެހެން ކޮންމެވެސް ދިމާއަކުން އެ ފައިސާ ސަރުކާރުން ހޯދަން ޖެހޭނެ އެވެ. އެ ފައިސާ ހޯދޭނީ ހަމަ ރައްޔިތުންގެ އަތުންނެވެ. އެއީ، ވެން މަސް ވެނަށް ކާން ދިނުން ކަހަލަ ކަމެކެވެ.
ރާއްޖެ އޮތް ހާލަތުން ރަނގަޅީ ހިލޭ އެއްޗެއް އަތުނުލިއްޔާ އެވެ!