ހަފީޒް މާލެ އަތުވެއްޖެ، ހާލު ރަނގަޅު
ހަފީޒް މާލެ އަތުވެއްޖެ، ހާލު ރަނގަޅު

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ފަހު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

މި އަހަރުގެ ޖޫން 27 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް، އެކްސިޑެންޓްވި އުމުރުން 50 އަހަރުގެ ހަފީޒް ގައިގައި ސައިކަލުން ޖެހުމުން އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.

ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި އިންޑިއާގެ ޓްރިވެންޑްރަމަށް އިތުރު ފަރުވާ އަށް ފުރުވައިލީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ހަފީޒްގެ އާއިލާގެ މީހަކު ބުނީ، ހަފީޒްގެ ހާލު ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު ކަމަށާއި "ވޯކިން އެއިޑް" ގެ އެހީގައި ހިނގައި އުޅެވޭ ކަމަށެވެ.

މާލެ އައި ނަމަވެސް އިތުރު ޗެކަޕްތައް ހެދުމަށް ހަފީޒް އަދި ރާއްޖެ އިން ބޭރަށް ދާން ޖެހޭ ކަމަށް އާއިލާ އިން ބުންޏެވެ.

ތައުލީމީ ދާއިރާ އަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވި، ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރު، 22 ހައްޔަރުކުރި އެވެ.

ނަމަވެސް މިދިޔަ މަހު އޭނާ ވަނީ ވެހިކަލް ނުދުއްވަން ޝަރުތުކޮށް ދޫކޮށްލައިފަ އެވެ.