އެންމެ ބޮޑު ތުހުމަތަށް ރައީސްގެ ރައްދު: މިލިޓަރީ މަސައްކަތެއްގައި ސިފައިން ނުތިބޭނެ
އެންމެ ބޮޑު ތުހުމަތަށް ރައީސްގެ ރައްދު: މިލިޓަރީ މަސައްކަތެއްގައި ސިފައިން ނުތިބޭނެ

މިލިޓަރީ މަސައްކަތެއް ކުރާކަށް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މި ވެރިކަމުގައި ވެސް ގާއިމްވެ ނެތް ކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ސަންގު ޓީވީން ރިޔާސީ އަށް ކެންޑިޑޭޓުންނާ އެކު ކުރިއަށް ގެންދިޔަ ބަހުސްގައި އެންމެ އާއްމުކޮށް މި ސަރުކާރަށް ކުރާ ތުހުމަތާ ގުޅުވައި ވަނީ ސުވާލު އަމާޒުކޮށްފަ އެވެ. ބަހުސްގެ ތެރެއިން ކެންޑިޑޭޓުން ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވި އެއް ތުހުމަތަކީ އިންޑިއާ ސިފައިންގެ މައްސަލަ އެވެ.

ރައީސް ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގައި މި ސަރުކާރުގައި ވަކި އާ ކަމެއް ނުހިނގާ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި ވެސް ހިނގި ތަމްރީންތަކާއި ގުޅުން ބަދަހިކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި އެއީ ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގެ ދަށުން ހިނގާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބޭރުގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރާކަށް މި ގައުމަކު ނެތް. މިހާރަކު ވެސް ނެތް އިއްޔެއަކު ވެސް ނެތް އޭގެ ކުރިއަކުން ވެސް ނެތް," ރައީސް ތަކުރާރުކޮށް ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.

"އެކްސަސައިޒްތައް ހިންގަން އިންޑިއާ އިން ވެސް އާދޭ. ލަންކާ އިން އެމެރިކާ އިން އާދޭ. އިނގިރޭސިން ވެސް މިތަނުގައި ހަރަކާތްތެރިވޭ."

އެ އުސޫލުން ތަމްރީންތަކަށް އަޔަސް މިލިޓަރީ މަސައްކަތެއް ކުރަން މި ގައުމުގައި ސިފައިން ގާއިމްވެ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ ޚާރިޖީ ސިޔާސަތާ ގުޅުވައި ކުރި ސުވާލުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ފަސް އަހަރުގެ ވެސް ހާރިޖީ ސިޔާސަތު ކުރިއަށް ގެންދަނީ ޑިމޮކްރަސީ އާއި ހިއުމަން ރައިޓްސް އާއި ތިމާވެށި ހިމާޔަތްކުރުން ކުރިއެރުވޭނެ ގޮތަކަށް ކަމަށެވެ. މި ވެރިކަމުގައި އެތައް ގައުމަކާ އެކުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށް, ޕީޕީއެމްގެ ސަރުކާރުގައި ގުޅުން ކަނޑާލި ކޮމަންވެލްތަށް ވެސް އަލުން ރުޖޫއަވެވިއްޖެ ކަން ފާހަގަކުރެއްވި އެވެ.

މި ފަސް އަހަރުގެ ތެރޭގައި ގައުމުތަކާ އެކު ވަރަށް ގާތް ގުޅުމެއް އުފެއްދިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިނގިރޭސި ވިލާތާ އެކު ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ހިނގަމުން އަންނަ ކަމަށެވެ. އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ބައްޓަންވެފައި އޮންނާނީ އިސް އުފުލޭ ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ބަސް ކިޔާނެ ބަޔަކީ އަޅުގަނޑުމެން. ދިވެހި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ޚާރިޖީ ސިޔާސަތު މިހާރު ވެސް ބައްޓަންކުރެވިފައި އޮތީ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން އޮންނާނީ އެ ގޮތަށް," ރައީސް ވިދާޅުވި އެވެ.

މި ވެރިކަމުގައި އިންޑިއާއާ ގާތް ގުޅުމެއް އުފައްދާފައި އޮތް ކަމަށް އަމާޒުވާ ފާޑުކިއުމާ ގުޅުވައި ޗައިނާގެ ގުޅުމާ މެދު ކުރި ސުވާލަށް ރައީސް ވިދާޅުވީ "ގުޅުން ރަނގަޅު" ކަމަށެވެ. އައްޑޫގައި ހިންގަން އުޅޭ ޓޫރިޒަމްގެ ބިޔަ މަޝްރޫއުއަކީ ވެސް ޗައިނާގެ ކުންފުންޏަކުން ހިންގާ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވި އެވެ.

"[އަޅުގަނޑުމެންގެ ޙާރިޖީ ސިޔާސަތަކީ] ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް އޮތް ސިޔާސަތެއް ނޫން," ރައީސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގެ އެގްރިމަންޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް އޭގެއިން އެއްވެސް ނުރައްކަލެއް ނެތެވެ. އިންޑިއާގެ ހިލޭ އެހީގައި ހަދައިދިނަސް އެއީ ރާއްޖޭގެ މިލްކެއް ކަމަށާއި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވި އެވެ.