ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް
ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ނޫނީ ހިލޭ އެހީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް
ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

މި މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަނބުރާ ދައްކަން ގެންގުޅުއްވާ ވިސްނުމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން، ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމާއި، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ އިތުރުން އިސްރާފުތައް ކުޑަކުރަން ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ.

އެގޮތުން، ދައުލަތުން މިހާތަނަށް ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމަށް އޭގެ ބޮޑު ބައެއް ގްރާންޓްގެ ގޮތުގައި ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެއް ބިލިއަން ޑޮލަރުގެ ތެރެއިން 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އެކަން މިހާރު ވެސް އަޅުގަނޑު ވާނީ ޔަގީން ކޮށްފައި،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ވެރިކަމެއްގައި އިތުރު ޓެކްސެއް ތައާރަފް ކުރާނަންތޯ އެހުމުން، ގާސިމް ވިދާޅުވީ އިތުރު ޓެކްސެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދި މިހާރު ނަގާ ޓެކްސްތައް ހާމަނައިޒް ކޮށްގެން ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ނިޒާމު ވެސް ހާމަނައިޒްކޮށް، މިހާރު ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ވަރަށް ބޮޑަށް މަދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ވެރިކަމެއްގައި ގެންގުޅޭނެ ހާރިޖީ ސިޔާސަތާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އޭނާގެ ހާރިޖީ ސިޔާސަތަކަށް ވާނީ ކުރީގެ ރައީސް އިބްރާހީމް ނާސިރާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމަށެވެ.

އެ ވިސްނުން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ގާސިމް ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ރާއްޖޭން ވަނީ ހުރިހާ ގައުމަކަށް ވެސް އިހްތިރާމް ކޮށްގެން ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލް ހިފެހެއްޓިގެން އައި ސިޔާސަތެކެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި އޮންނާނީ ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތު. ފުރަތަމަ ވެސް، ދެވަނަ އަށް ވެސް، ތިން ވަނައަށް ވެސް. އޭގެ މާނައަކީ އިގްތިސޯދީ ކަންކަމުގައި ވެސް އިޖްތިމާއީ ކަންކަމުގައި ވެސް ދާހިލީ ކަންކަމުގައި ވެސް." ގާސިމް ވިދާޅުވި އެވެ.