03 ސެޕްޓެމްބަރ 2023 - 01:13

މިހާތަނަށް މަސައްކަތް ކޮށްފައި ވާނީ ސަރުކާރުތައް ބަދަލު ކުރުމުގެ މަސައްކަތް ނޫން ކަމަށާއި އެއީ ގައުމީ މަސައްކަތްތަކެއް ކަމަށް ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަހުސްގައި މިރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ކުރައްވާފައި ވަނީ ގައުމީ މަސައްކަތްތަކެއް ކަމަށެވެ.
އޭނާ ދެކެ ބައެއް ވެރިން ޖެހިލުންވާތީ އެކި ތުހުމަތުތައް ކުރެއްވި ނަމަވެސް އެއްވެސް ހާލެއްގައި ވެރިކަން ބަދަލު ކުރަން މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް ހާލެއްގައި ސަރުކާރު ބަދަލު ކުރުމުގެ ވިސްނުން ހުރި މީހެއް ނޫން. ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތް ކުރާ މީހެއް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިހާރު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ރާއްޖެ އަށް އިގްތިސާދީ އިންގިލާބެއް ގެނައުމަށްޓަކައި ކަމަށެވެ.
އެކަން ކުރުމަށްޓަކައި ދިވެހިން ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމާއި ޒުވާނުންނަށް ފަސޭހައިން ވަޒީފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި ބޯހިޔާވަހިކަން ފޯރު ކޮށްދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ދިވެހިންނަށް ހިލޭ ކިޔަވައި ދިނުމާއި އާއިލާއާ އެކު ތަނަވަސްކަމާ އެކީ ދިރިއުޅެވޭ ބަޔަކަށް ހަދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ދިވެހިންނަކީ އެ މީހުން އެދޭ އުޖާލާ ޒަމާނަކަށް ގެންދިޔުމުގެ ބާރު ހޯދައި ދޭނަން. އަޅުގަނޑު އެކަން ކޮށްދިނުމަށްޓަކައި އަޅުގަނޑަށް އިތުބާރު ކުރައްވައި 9 ސެޕްޓެމްބަރުގައި ނުކުމެވަޑައިގެން ނަމްބަރު އަށަކަށް ވޯޓު ދެއްވާ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭނާ ގެންގުޅޭނީ ދިވެހިން އިސް ކުރާ ހާރިޖީ ސިޔާސަތެކެވެ. ވަކި ގައުމަކަށް ބަރޯސާ ނުވާނެ ކަމަށާއި ހުރިހާ ގައުމަކާ ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ދިވެހިންނަށް ފައިދާވާ ކޮންމެ މީހަކާ އެކީ ކުރިޔަށް ދާނަން. އެންވަޔަރަމަންޓުގެ ޗެމްޕިއަނަކަށް ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރާ ދިވެހިންނަކީ އެ ބަޔަކާ ނުލައި ނޫޅެވޭ ބަޔަކަށް ހަދައި ހައްގުތައް ހިމާޔަތް ކުރާ ބަޔަކަށް ހަދާނަން." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ޖީއެމްއާރްގެ މައްސަލަ ހައްލު ކުރީ އޭނާ ކަމަށާއި އިންޑިއާ ސިފައިން ބޭލޭނީ ވެސް އޭނާ އަށް ކަމަށެވެ.
ރާއްޖޭގައި ސާޗް އެންޑް ރެސްކިއު ހެލިކޮޕްޓަރުތައް ހުންނަން ޖެހޭ ކަަމަށާއި އެހެން ނަމަވެސް އެގްރީމަންޓުގައި ވާގޮތުން ދިވެހިން ތަމްރީން ކުރުމަށް ފަހު އިންޑިއާ ސިފައިން އެނބުރި ދާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރަށް އެކަން ކުރަން ނުކެރޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭނާ ގެންނަވާ އިގްތިސާދީ އިންގިލާބުގެ ތެރެއިން ދަރަނިތައް ރީސްޓްރަކްޗާ ކޮށްގެން އިގްތިސާދީ އާ ހަރަކާތްތައް ހިންގަވާނެ އެވެ. ދެ އަހަރު ތެރޭގައި އެއާޕޯޓުތައް ނިންމައި ރިސޯޓުތައް ވެސް ނިންމާ އޭގެ ނަފާ އިތުރު ކުރާނެ ކަމަށާއި ޓޫރިޒަމް އާއި މަސްވެރިކަމުގެ އިތުރުން ޓެކްނޮލޮޖީ އާއި އައިޓީ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އިގްތިސާދު ރަނގަޅު ކުރުމުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވެސް ހައްލެއް ގެނެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި އާބަން ސަރަހައްދެއް ހަދައި ބޯހިޔާވެހިކަމުގެ މައްސަލަ އަށް ހައްލެއް ގެންނަވާނެ ކަމަށާއި ގޯއްޗާއި ފްލެޓު ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން އެތަންތަން އަތުލުމުގެ ބަދަލުގައި ތަރައްގީ ކުރަން އެހީތެރިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.