ވޯޓުދޭ މީހުންގެ ލިސްޓު އިތުރުކޮށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި
ވޯޓުދޭ މީހުންގެ ލިސްޓު އިތުރުކޮށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ މީހުން ލިސްޓް ގެޒެޓްކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އޭޕްރީލް އަށެއްގައި ބާއްވަން ނިންމި ލޯކަލް އިންތިހާބު އޭޕްރީލް 15 އަށް ފަސްވުމުން، އެ މުއްދަތުގެ ތެރޭގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ މީހުންގެ ލިސްޓް މިހާރު ގެޒެޓްކޮށްފައިވާ ކަމަށެވެ.

މި ލިސްޓް ސަރުކާރުގެ ގެޒެޓްގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދިއްތަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކުގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ޝަކުވާ ބަލައިގަންނާނީ ބާ ޖަމާލުއްދީންގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ މަރުކަޒުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ފަސްކުރީ ވޯޓުފޮށި ބެހެއްޓުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށް އެ ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. އޭގެ ކުރިން ޖެނުއަރީ ހަތަރެއްގައި ބާއްވަން އުޅުނު ލޯކަލް އިންތިހާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.