02 ސެޕްޓެމްބަރ 2023 - 11:50

ޓެކާސް ރިސޯޓް ފުޓްސް ކަޕްގެ ގްރޭންޑް ފައިނާނޭގައި ސެއިންޓް ރެޖިސް ވޮއްމުލި ރިިސޯޓާއި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ވާދަކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ގްރޭންޑް ސެމީ ފައިނަލް މެޗުތައް އިއްޔެ ހަވީރު ކުރުނބާ މޯލްޑިވްސްގައި ކުޅެފައި ވާއިރު، ފުރަތަމަ ސެމީގައި ބައްދަލުކުރީ ދ. އަތޮޅު ޒޯންގެ ޗެމްޕިއަން ވޮއްމުލި ރިސޯޓާއި ސައުތު ކާފް ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް އެވެ. ވޮއްމުލިން މެޗު ކާމިޔާބު ކުރީ 2-2 އިން ނަތީޖާ އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓައުޓްގައި 7-6 އިން ކުރި ހޯދައިގެންނެވެ.
ފުރަތަމަ ހާފުގައި ކްރޮސްރޯޑްސް އިން ގޯލެއް ޖަހައި ލީޑު ނަގާފައި، ދެވަނަ ހާފުގައި ލީޑު ފުޅާ ވެސް ކުރި އެވެ. ނަމަވެސް ވޮއްމުލިން ވަނީ ގާތް ގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށް، ޕެނަލްޓީ ޝޫޓައުޓަށް ގެންގޮސްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮއްމުލީގެ އަލީ ޖުނެއިދެވެ.
ދެވަނަ ސެމީގައި، ނ. އަތޮޅު ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ބައްދަލުކުރީ ނޯތު ކާފްގެ ޗެމްޕިއަން ޖުމެއިރާ މޯލްޑިވްސްއާ އެވެ. އެ މެޗު ވެލާ ކާމިޔާބުކުރީ 4-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލާގެ އަހުމަދު އިމްރާނެވެ.
ސެއިންޓް ރެޖިސް ވޮއްމުއްޔާއި ވެލާ މޯލްޑިވްސް ބައްދަލުކުރާ ގްރޭންޑް ފިނާލޭ އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު ކުރުނބާ މޯލްޑިވްސްގަ އެވެ.
މެއި 14 ވަނަ ދުވަހު ފެށި މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގައި، ފާއިތުވި ހަތަރުވަރަކަށް މަހު ހަތް ޒޯނެއްގެ ކުޅުން ކުރިއަށް ގެންދިޔަ އެވެ. މެއި މަހު ދ. އަތޮޅުގެ ކުޅުން ކުރިއަށް ގެންދިޔައިރު ޖޫން މަހު ވަނީ ރ. އަތޮޅާއި ބ.އަތޮޅުގެ ކުޅުން ނިންމާލައިފަ އެވެ. އަދި ޖުލައި މަހު ޅ. އަތޮޅާއި ނ. އަތޮޅު ޒޯން ގެ ކުޅުން ކުރިއަށް ގެންދިޔަ އެވެ. އަދި މާލެ އަތޮޅުގެ ދެކުނުގެ ރިސޯޓްތައް ވާދަކުރާ ސައުތު ކާފު ޒޯނާއި، އުތުރުގެ ރިސޯޓްތައް ވާދަކުރާ ނޯތު ކާފު ޒޯން މިދިޔަ މަހު ވަނީ ނިންމާލައިފަ އެވެ.
ނޯތު ކާފާއި ސައުތު ކާފްގެ އިތުރުން ދ. އަތޮޅު ޒޯންގެ ޗެމްޕިއަނުންނަށް ވަނީ ގްރޭންޑް ސެމީ ފައިނަލްގެ ސީދާ ޖާގައެއް ލިބިފަ އެވެ.
ވެލާ އައިލެންޑު ގްރޭންޑް ސެމީ އިން ޖާގަ ހޯދީ، ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅު ޒޯންގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.